އެމްއޭސީއެލް

އެމްއޭސީއެލްގެ އިސް މަގާމުތައް ބޭރު މީހުން ލާތީ ކަންބޮޑުވުން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަމުން ގެންދާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އިސް މަގާމުތަކަށް ބޭރު މީހުން އައްޔަން ކުރަމުން ގެންދާތީ މީގެ ކުރިން އެއާޕޯޓާ ގުޅޭ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

އެގޮތުން ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޕައިލެޓުންގެ ވެރިޔަކަށް ކުރިން ހުންނެވި މުހައްމަދު އަމީން (ކެޕްޓަން އަމީން) ވިދާޅުވީ ތައުލީމާއި ހުނަރަށް ބަލާއިރު އެމްއޭސީއެލް އަކީ އެންމެ ރަނގަޅު ދިވެހިން ތިބި އެއް ކުންފުނި ކަމަށެވެ. ނަމަވެސް މި ސަރުކާރު ވެރިކަމާ ހަވާލުވެ އެމްއޭސީއެލްގެ މެނޭޖްމަންޓް ބަދަލުކޮށް، އިސް މަގާމުތަކަށް ބޭރު މީހުން އައްޔަން ކޮށްފައިވާ ކަމަށެވެ. އެގޮތުން އައްޔަން ކޮށްފައިވާ ބޭރު މީހުންނަށް އެމްއޭސީއެލްގެ ތާރީހާއި ދިވެހި ވެށީގެ ތަޖުރިބާ ލިބިފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"[މިކަން ކޮށްފައިވަނީ] އެ މަގާމުތަކަށް ގާބިލް މީހުން އެއް ފަރާތްކުރުމަށް ފަހު،" އަމީން ވިދާޅުވި އެވެ.

އަމީން މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން އެމްއޭސީއެލްގެ އިސް ހަތަރު މަގާމަކަށް އައްޔަން ކޮށްފައިވާ ހަތަރު ބޭފުޅެއްގެ ނަމާއި، މަގާމާއި އަދި އެ ބޭފުޅުންގެ ފޮޓޯ ވެސް އާންމު ކުރައްވާފަ އެވެ.

އަމީންގެ ކަންބޮޑުވުމަށް ތާއީދު ކުރެއްވުމުގެ ގޮތުން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ އެމްއޭސީއެލް އިން ބަލަހައްޓަމުން ގެންދިޔަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާގެ ޖީއެމްއާރަށް ވިއްކާލީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ޓެގް ކުރައްވާ، ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަނެއްކާ ވެސް ފެންނަނީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ގުޅޭ ގޮތުން އަމަލުކުރި ގޮތަށް ކަންކަން ކުރުމުގެ ކޮޅުމަތި ކަމަށެވެ. ދިވެހި ދައުލަތާ ގުޅުންހުރި އިސް ވަޒީފާތަކަށް މީހުން އައްޔަން ކުރާއިރު ހުނަރުވެރި ދިވެހިންނަށް އިސްކަން ދޭން ވެސް އޭނާ ގޮވާލައްވާފައި ވެއެވެ.

"ބޮޑެތި މުސާރައިގެ ވަޒީފާތައް ބޭރަށް ވިއްކުން ހުއްޓާލަން ބުނެ އަމަލުތައް [ތިގެންގުޅުއްވަނީ] ދިމާ އިދިކޮޅަށް،" ރައީސް ސޯލިހަށް ފާޑުވިދާޅުވަމުން އިދިކޮޅު ޕީއެންސީ އަށް ނިސްބަތްވާ ސައީދު ވިދާޅުވެފައިވެ އެވެ.

އަމީންގެ ކަންބޮޑުވުމާ ގުޅިގެން ޕީއެންސީގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުއައްސަސާތައް ދެމެހެއްޓެނިވެ ގޮތަކަށް ހިންގުމަށްޓަކައި ހިކުމަތްތެރި ގޮތްތަކެއް ނެތުމުންނާއި، ދިގު ރާސްތާގެ ރޭވުމެއް އެކުލަވާލެވިފައި ނެތުމުން މިފަދަ ބަދަލުތައް ފެންނާނެ ކަމަށެވެ. އެމްއޭސީއެލް ފަދަ ކުންފުނިތަކުން ކުރާ ފަންނީ މަސައްކަތްތަކަށް އިޝާރާތް ކުރައްވާ އާދަމް ޝަރީފް އިތުރަށް ވިދާޅުވީ މިފަދަ ދާއިރާތައް ވަރަށް ބޮޑަށް ހީނަރުވެ ބަލިކަށިވެފައިވާ ކަން އެއީ މިއަދު ފެންނަން އޮތް ހިތާމަވެރި ހަގީގަތެއް ކަމަށެވެ.

އެމްއޭސީއެލްގެ އިސް މަގާމުތަކުގެ ތެރޭގައި ހިމެނޭ އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމަށް އައްޔަންކޮށްފައިވަނީ އިނގިރޭސި ރައްޔިތެއް ކަމަށްވާ އެންޑްރޫ ސްޓީވާޓް އެވެ. އޭގެފަހުން އެމްއޭސީއެލްގެ ޗީފް ޑިވެލޮޕްމެންޓު އޮފިސަރުގެ މަގާމަށް ވެސް ވަނީ އިނގިރޭސި ރައްޔިތެއް ކަމުގައިވާ ޖޮނަތަން ޗާލްސް ބްރޯހެޑް ނަމަކަށް ކިޔާ ބޭފުޅަކު ވެސް އައްޔަންކޮށްފަ އެވެ. އަދި އެމްއޭސީއެލްގެ އޮޕަރޭޝަނަލް ރެޑިނަސް އެންޑް އެއާޕޯޓް ޓްރާންސްފާ (އޯރަޓް)ގެ ޑައިރެކްޓަރުގެ މަގާމަށް ވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ މަޖޫ ޗެރިއަން ވެސް އައްޔަންކޮށްފަ އެވެ. މީގެއިތުރުން އެމްއޭސީއެލްގެ ޗީފް ބިޒްނަސް އެކްސެލަންސް އެންޑް ކޮމްޕްލިއަންސްގެ މަގާމަށް ބިދޭސީއެއް ކަމުގައިވާ އެންޑްރޫ ޖޯން އެރިކް ނަމަކަށް ކިޔާ ބޭފުޅަކު ވެސް ވަނީ އައްޔަންކޮށްފަ އެވެ.

މިބޭފުޅުންނަށް ލިބިވަޑައިގަންނަވާ މުސާރައާއި އިނާޔަތްތަކުގެ މައުލޫމާތު ހޯދުމަށް ރާއްޖޭގެ ބައެއް ނޫސްތަކުން އެމްއޭސީއެލްގައި އެދުނު ނަމަވެސް އެ މައުލޫމާތުތައް ހާމަކުރުމަށް އެ ކުންފުނިން ގެންދަނީ ދެކޮޅު ހަދަމުންނެވެ. އެކަމަކު އިތުބާރު ހުރި ބައެއް ފަރާތްތަކުން ހިއްސާކުރާ މައުލޫމާތުތަކަށް ބަލާއިރު މި ބޭފުޅުންނަށް މުސަރާއާއި އިނާޔަތުގެ ގޮތުގައި މަހަކު ލިބޭ މުސާރަ އުޅެނީ އެއްލައްކަ ރުފިޔާ އާއި 60،000 ރުފިޔާއާއި ދެމެދުގެ އަދަދެއްގަ އެވެ.