ހިޔާ މަޝްރޫއު

ހިޔާ ފްލެޓްތަކަށް އަންނަ މަހު ވަދެވޭނެ: މަބްރޫކް

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތައް ކަށަވަރުވެފައިވާ މީހުންނަށް އަންނަ މަހުގެ ތެރޭގައި ފްލެޓްތަކަށް ވަދެވޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ތަޅުދަނޑިތައް އަންނަ އޭޕްރީލް މަހުގެ ތެރޭގައި ދިނުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

ރައީސް އެންމެ ފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިމަހުގެ ތެރޭގައި ފްލެޓް ކަށަވަރުވާ ފަރާތްތަކަށް ތަޅުދަނޑި ހަވާލުކުރެވޭނެ ކަމަށް ވިދާޅުވި ވާހަކަފުޅަށް އިޝާރާތްކުރައްވަމުން މަބްރޫކް ވިދާޅުވީ ލަސްވަމުން ދަނީ އަދިވެސް ނުނިމި ބައެއް ކަންކަން ހުރުމުން ކަމަށެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ ޑައުން ޕޭމަންޓަށް ފައިސާ ދައްކަން ޖެހޭ އަދަދު ވެސް އަންނަ އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާ އިއުލާނު ކުރައްވާނެ ކަމަށެވެ.

"ޑައުން ޕޭމަންޓާ ގުޅިގެން ސަރުކާރަކުން އަދި އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނޯންނާނެ. މި ހަފްތާ ކެބިނެޓް ބައްދަލުވުމުގައި ވެސް ޑައުންޕޭމަންޓާ ގުޅޭ ކަންކަން މަޝްވަރާކުރެވުނު. އަންނަ މަހުގެ ފުރަތަމަ ހަފްތާ މިކަމާ ގުޅޭ މައުލޫމާތު ހިއްސާ ކުރާނަން" މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ އެޗްޑީސީ އިން ވެސް ފްލެޓް ލިބޭ މީހުންނަށް އެޕާޓްމެންޓްތައް ބެހުމަށް ގުރުއަތުލުގެ ކަންކަން އިންތިޒާމް ކުރަމުން އަންނަ ކަމަށެވެ. އަދި އެގްރިމެންޓްތައް ތައްޔާރުކުރުމުގެ މަސައްކަތްތައް ވެސް ކުރެވެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ހިޔާ މަޝްރޫއުގެ ދަށުން އެޅި ފްލެޓްތަކުގެ ދާއިމީ ލިސްޓު ކުރީ ސަރުކާރުން އިއުލާންކުރި ނަމަވެސް މި ސަރުކާރުން ވަނީ އެ ލިސްޓު ބާތިލްކޮށް ފްލެޓް ލިބޭ މީހުން އަލުން ކަނޑައަޅާފަ އެވެ. އެހެންނަމަވެސް ފްލެޓްތަކުގެ ދާއިމީ ލިސްޓު އެންމެ ފަހުން ނެރުނުއިރު ގިނަ ބަޔަކަށް ފްލެޓް ނުލިބި ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.