ވެންޓިލޭޓަރު ހިޔާނާތް

ވެންޓިލޭޓަރު މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅަން ނިންމައިފި

ކޮވިޑް-19 އާއި ގުޅިގެން ދިވެހި ސަރުކާރުން ހޯދަން މަސައްކަތްކުރި 75 ވެންޓިލޭޓަރުގެ ތެރެއިން ގިނަ ވެންޓިލޭޓަރުތައް ލިބިފައި ނުވާތީ އެކަމަށް ސަރުކާރުން ހޭދަކުރި ފައިސާ އަނބުރާ ހޯދުމަށް އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅަން ނިންމައިފި އެވެ.

ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ވެންޓިލޭޓަރުތައް ގަނެ ރާއްޖެއަށް އެ ތަކެތި ގެނައުމަށް ހަވާލު ކުރީ ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަށެވެ. ނަމަވެސް ވެންޓިލޭޓަރުތައް ލިބިފައި ނުވާތީ އެ މައްސަލައިގައި އަމަލުކުރާނެ ގޮތުގެ ލަފައަކަށް ސަރުކާރުން ބަންޑާރަނައިބްގެ އޮފީހުގައި އެދުމުން އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ލަފާ ދެއްވާފައިވާ ކަމަށް މަބްރޫކް ވަނީ މައުލޫމާތު ދެެއްވާފަ އެވެ.

މަބްރޫކް ވިދާޅުވީ ދިވެހި ސަރުކާރުން އެގްޒެކިއުޓާސް ޖެނެރަލްއާ އެކު ސޮއި ކޮށްފައިވާ އެއްބަސްވުމުގައިވާ ގޮތުން ދެ ފަރާތުގެ ދެމެދުގައި މައްސަލައެއް ޖެހިއްޖެނަމަ އާބިޓްރޭޝަނަށް ހުށަހަޅައިގެން މައްސަލަ ހައްލުކުރުމަށާއި އާބިޓްރޭޝަން ރާއްޖޭގައި ކުރިއަށް ގެންދިއުމަށް އެއްބަސްވެފައިވާ ކަމަށެވެ. މިކަމުގައި ޔޫއޭއީގެ ސަރުކާރާ ވާހަކަދައްކާނެ ކަމުގެ އިޝާރާތެއް ވެސް މަބްރޫކް ވަނީ ދެއްވާފަ އެވެ.

"މިމައްސަލައިގައި އަމަލުކުރަމްވީ ގޮތް އެގްޒެކިއުޓާސް ޖެނެރަލްއާއެކު ހަދާފައިވާ އެއްބަސްވުމުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އެބަވޭ. މިކަން ކުރެވެން ޖެހޭނީ ޔުނައިޓެޑް ނޭޝަންސް ކޮމިޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް ލޯ އާ އެއްގޮތުގެ މަތިން އިންޓަނޭޝާނަލް އާބިޓްރޭޝަނެއްގައި. ރާއްޖެއާއި ޔޫއޭއީ ވަނީ ނިއުޔޯކް ޓްރީޓީގައި ބައިވެރިވެފައި،" މަބްރޫކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިމައްސަލައިގައި ބައިނަލްއަގްވާމީ އާބިޓްރޭޓަރެއް ކަނޑައަޅައި މައްސަލަ ކުރިއަށް ގެންގޮސް ދިވެހި ސަރުކާރާ އެއްކޮޅަށް މައްސަލަ ނިމިއްޖެނަމަ ހޯދަން މަަސައްކަތް ކުރާ ފައިސާ ހޯދުމުގައި ބައިނަލްއަގުވާމީ ޓްރީޓީތަކުން މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ. މިމައްސަލައިގައި ބައިވެރިވާ އެއްވެސް ފަރާތަކަށް ޖިނާއީ ގޮތުން ފިޔަވަޅެއް އަޅަންޖެހޭނަމަ އެކަން ކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އެއީ ދިވެއްސެއް ވިޔަސް، ބޭރު މީހެއް ވިޔަސް އެމީހަކު ޒިންމާދާރުކުރުވުމަށް އަޅުގަނޑުމެން ބޭނުން،" މަބްރޫކް ވިދާޅުވި އެވެ.

ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަށް ސަރުކާރުން ވަނީ 30.91 މިލިއަން ރުފިޔާ ދައްކާފަ އެވެ. ވެންޓިލޭޓަރު ގަނެދޭނެ ބަޔަކު ހޯދުމަށް ސަރުކާރުން އިއުލާންކުރުމުން އެންމެ ބޮޑު އަގު ހުށަހެޅި ކުންފުނި، އެގްޒެކިއުޓާސްއަށް ވެންޓިލޭޓަރު ގަތުމަށް ފައިސާ ދޫކޮށްފައިވަނީ އެއްބަސްވުމެއް ނެތި އެވެ.

މިމައްސަލައި އޭސީސީން ތަހުގީގުކޮށް 12 މީހެއްގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ ކުރަން ޕީޖީ އޮފީހަށް ދެ ފަހަރަށް ހުށަހެޅި އެވެ. ނަމަވެސް ޕީޖީ ވަނީ މިމައްސަލައިގެ ތަހުގީގު ފުރިހަމަ ނުވާތީ ދައުވާ ސާބިތުކުރެވޭ ވަރަށް މައްސަލައިގައި އުންސުރު ފުރިހަމަ ނުވާ ކަމަށް ބުނެ ދެ ފަަހަރުވެސް ދައުވާކުރުމަށް އިންކާރުކުރައްވާފަ އެވެ. ނަމަވެސް ޕީޖީގެ ނިންމުން އަލުން މުރާޖައާ ކުރަން މިހާރު ވަނީ ނިންމަވާފަ އެވެ.