ރައީސް އޮފީސް

މިސަރުކާރުގެ 1200 މަޝްރޫއު ކުރިއަށް އެބަދޭ: ތަރުޖަމާން

Mar 31, 2021
1

މިސަރުކާރުގެ މަޝްރޫއުތަކެއްގައި ގޮތުގައި މިވަގުތު 1200 މަޝްރޫއު ކުރިއަށްދާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ މިއީ މިހާތަނަށް ރާއްޖޭގައި ސަރުކާރަކަށް ދެ އަހަރުވީއިރު އެންމެ ގިނަ މަޝްރޫއު ހިންގި ސަރުކާރު ކަމަށެވެ. އަދި މިއީ ރާއްޖޭގައި އެއްވަގުތެއްގައި އެންމެ ގިނަ މަޝްރޫއު ކުރިއަށްދާ ވަގުތު ކަމަށްވެސް ވިދާޅުވި އެވެ.

ބައެއް މަޝްރޫއުތަކުގެ ތަފްސީލް ހިއްސާކުރައްވަމުން މަބްރޫކް ވިދާޅުވީ ނިމިގެން މަހުގެ ތެރޭގައި ނުވަ މަޝްރޫއެއްގެ މަސައްކަތް ނިންމާލާފައިވާ ކަމަށެވެ. އަދި ހަތް މަޝްރޫއެއްގެ މަސައްކަތް އަލަށް ފެށިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"އޭގެތެރޭގައި ހޮސްޕިޓަލްތަކުގެ އެކްސްޓެންޝަންތަކާއި، ފެރީ ޓާމިނަލްތައް މަރާމާތުކުރުމާއި، ޖިމްތަކާއި، ބަނދަރުތަކާއި މިފަދަ ކަންކަން ހިމެނޭ،" އޭނާ ވިދާޅުވި އެވެ.

ތަރައްގީގެ މަޝްރޫއުތަކުގެ ތެރޭގައި ތެރޭގައި ހިމަނައިގެން ރަށްރަށުގައި ހައްލު ނުވެ ހުރި ޒަމާންވީ މައްސަލަތައް ހައްލުކޮށްދިނުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރަމުންދާ ކަމަށް މަބުރޫކް ވިދާޅުވި އެވެ. އެގޮތުން ރަށްރަށުގައި ޖަމާވެފައި ހުރި ކުނި ނައްތާލުމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް މިއަހަރުގެ ތެރޭގައި ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

"އެގޮތުން ބަލާއިރުގައި ރާއްޖޭގެ އެތައް ރަށެއްގައި އެތައް އަހަރެއް ވެފައި ހުރި ކުނި ފުނިޖެހި އެއަށް ހަދާނެ ގޮތެއް ނެތިފައި ހުރި. އަޅުގަނޑުމެން ލެގަސީ ވޭސްޓް ޕްރޮގްރާމުގެ ދަށުން މިރަށްރަށުގައި ކުނިތައް ނެގުމުގެ މަސައްކަތް މިއަންނަނީ ކުރަމުން. އަޅުގަނޑު ހަމަ އުފަލާ އެކު ދަންނަވާނަން 8 ރަށެއްގެ އެފަދަ މަޝްރޫއުތައް މިހާރު މިހުރީ ނިމުމަކާ ހަމައަށް އައިސްފައި. 6 ރަށެއްގެ މަސައްކަތް ކުރިއަށް އެބަދޭ. އަދި އިތުރު 6 ރަށެއްގެ މަސައްކަތް މިހާރު ކުރިއަށް ގެންދިއުމަށް ވެސް ވަނީ ރޭވިފައި،" މަބްރޫކް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ރަށުގެ އާބާދީއަށް ބަލައިގެން އެއްވެސް ރަށެއް ތަފާތު ނުކުރާނެ ކަމަށެވެ.

ފެނާ ނަރުދަމާގެ ހިދުމަތަކީ އަސާސީ ޚިދުމަތެއްގެ ގޮތުގައި ގަބޫލުކޮށް 2023ގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ އެޅުމުގެ މަސައްކަތް ނިންމައި ހިދުމަތް ދިނުމަކީ މިސަރުކާރުގެ އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ އެވެ.