މަޝްހޫރު ފިލްމީ ތަރި މުހައްމަދު ޖަމައްޔިލް ނިމާލުގެ މައްޗަށް، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ދައުވާ އުފުލައިފި އެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް މިރޭ އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޖުމައްޔިލްގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ތިންވަނަ މާއްދާގެ (ހ)އާ ހަވާލާދީ، އެ މާއްދާގެ (ނ)ގެ ދަށުންނެވެ.
ދައުލަތުން މިމައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ކަމަށްވެސް މައުލޫމާތު ދީފައިވެ އެވެ.
ޖުމައްޔިލްގެ މައްޗަށް މި ދައުވާ ސާބިތުވެއްޖެ ނަމަ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމަށް ހުކުމް ކުރާނެ އެވެ.
ޖުމައްޔިލް އަށް ތުހުމަތު ކުރާ މިމައްސަލަ ތަހުގީގުކުރުމަށްފަހު ފުލުހުންގެ އިދާރާއިން ޕީޖީ އޮފީހަށް ދައުވާކުރުމަށް ފޮނުވުމުން ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް ވަނީ މިމައްސަލައިގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ބުނެ މިމައްސަލައިގައި ދައުވާ ނުކުރަން ނިންމާފަ އެވެ.
މިމައްސަލައިގައި މިހާރުގެ ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ދައުވާ އުފުލާފައި މިވަނީ ޖުމައްޔިލްގެ ދެބެންގެދެދަރި އަންހެން ކޮއްކޮ އަކަށް ޖުމައްޔިލް ޖިންސީ ގޯނާ ކުރި ކަމަށް ބުނެ އެ އަންހެން ކުއްޖާ ސޯޝަލް މީޑިއާގައި ވާހަކަދައްކާފައި ވަނިކޮށެވެ. އަންހެން ކުއްޖާ ތުހުމަތުކުރާ ގޮތުގައި ޖުމައްޔިލް އޭނާ އަށް ޖިންސީ ގޯނާކުރީ 2016 ވަނަ އަހަރުގެ ތެރޭގައި އޭނާގެ އުމުރުން 17 ގައެވެ.
މި އަންހެން ކުއްޖާގެ ތުހުމަތުތަކާއި ގުޅިގެން ފިލްމީ ދާއިރާގެ މަޝްހޫރު ބައެއް ޑައިރެކްޓަރުންނާއި ބައެއް އެކްޓަރުން ވަނީ އޭނާއާ އެކު ދެން އެމީހުން މަސައްކަތް ނުކުރާނެ ކަމަށް ބުނެފަ އެވެ.
ޖުމައްޔިލްގެ މައްޗަށް ދައުލަތުން މީގެކުރިން ވަނީ އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ ވެސް އުފުލާފަ އެވެ. އެކަމަކު އިޖުރާއީ ބައެއް މައްސަލަތައް ހުރި ކަމަށް ބުނެ ކޯޓުން މައްސަލަ ބޭރުކޮށްލީ ކަމަށްވެސް ކުރިން ޕީޖީ އޮފީހުން ބުނެފައިވެ އެވެ.