އުރީދޫ 5ޖީ އެއާފައިބާ މެދުވެރިކޮށް ރާއްޖޭގެ ދަރިވަރުންތަކެއް ޖަރުމަނުގައި ހުރި ރޮބޮޓެއް ކޮންޓްރޯލް ކޮށްފި އެވެ.
ރޮބޮޓް ކޮންޓްރޯލު ކޮށްފައި ވަނީ އީކޯ އޯގަނައިޒޭޝަން އާއި އުރީދޫ މޯލްޑިވްސް ގުޅިގެން މިއުނިކްގެ ޓެކްނިކަލް ޔުނިވާސިޓީއިން ބޭއްވި ރޮބޯޓިކް ޓެލެޕްރެސެންސް އިވެންޓެއް ގައެވެ.
ވީއާރް ކެފޭގައި އިއްޔެ ބޭއްވި އެ އިވެންޓުގައި ޣިޔާސުއްދީން އިންޓަނޭޝަނަލް އަދި ބިލަބޮންގް ހައިސްކޫލްގެ ރޮބޯޓިކްސް ދަރިވަރުންތަކެއް ވަނީ އުރީދޫ 5ޖީ އެއާފައިބާގެ އެހީގައި ރޮބޯއީ މެދުވެރިކޮށް ޓެލެޕޯޓްވުމުގެ ތަޖުރިބާކޮށްފަ އެވެ. އުރީދޫ އިން ބުނީ އެ އިވެންޓްގައި ބައިވެރިވި ދަރިވަރުން ވަނީ 5ޖީގެ ވަރުގަދަ ނެޓްވޯކާއެކު ރޮބޯޓިކްސް، އާޓިފިޝަލް އިންޓެލިޖެންސް އަދި އިންޓަނެޓް އޮފް ތިންގްސްގެ ހައިބަތާއި އެ ހިދުމަތްތަކުގެ ސަބަބުން ހުޅުވިގެންދާ ފުރުސަތުތަކަށް ލޯހުޅުވިފައި ކަމަށެވެ.
ރޮބޯއީ 3.0ގެ ޓެލެޕޯޓްވުމުގެ ހިދުމަތް މެދުވެރިކޮށް، ވަގުތުން އެހެން ތަނަކު ހުރުމުގެ ތަޖުރިބާ އާއި ފައިދާތަކުގެ އިތުރުން މުޖުތަމައުތަކުގެ ދެމެދުގައި އޮންނަ ގުޅުން ވަރުގަދަކޮށްދެ އެވެ. އަދި ކުރިއަށް އޮތްތަނުގައި މި ހިދުމަތަށް އަންނަ ކުރިއެރުމާއެކު ދެމެހެއްޓެނިވި ގުޅިފައިވާ މުޖުތަމައުތަކެއް ބިނާކުރުމުގެ އުންމީދުވެސް އާލާވެގެންދާނެ ކަމަށް ލަފާކޮށްފައި ވެއެވެ.
ރޮބޯއީއަކީ އިންސާނީ ސިފަތަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރޮބޮޓެކެވެ. ކުރިއަރާފައިވާ އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ރޮބޯއީ ވަނީ އިންސާނެއްގެ ގުނަވަންތައް ހަރަކާތްކުރާ ގޮތްވެސް ދަސްކޮށްފަ އެވެ.