ޑރ. މުހައްމަދު ޖަމީލް އަހުމަދު

އާބިޓަރޭޝަނޭ ކިޔައި ވެންޓިލޭޓަރު ހިޔާނާތުގެ މިސްރާބު ބަދަލު ނުކުރެވޭނެ: ޖަމީލް

ވެންޓިލޭޓަރުގެ ހިޔާނާތުގެ މައްސަލައައިގައި އާބިޓަރޭޝަނަކަށް ދާނެކަމަށް ސަރުކާރުން ބުނުމުން އެކަމަށް ކުރީގެ ނާއިބު ރައީސް މުހައްމަދު ޖަމީލް ވަަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ދިވެހި ސަރުކާރުން ހޯދަން މަސައްކަތްކުރި 75 ވެންޓިލޭޓަރުގެ ތެރެއިން ގިނަ ވެންޓިލޭޓަރުތައް ލިބިފައި ނުވާތީ އެކަމަށް ސަރުކާރުން ހޭދަކުރި ފައިސާ އަނބުރާ ހޯދުމަށް އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅަން ނިންމިކަން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު އިއްޔެ ވަނީ ހާމަކުރައްވައިފަ އެވެ.

ނަމަވެސް އެގޮތަށް އެ ފައިސާ ހޯދިދާނެތޯ ޖަމީލު ވަނީ ސުވާލު އުފައްދަވައި ޓުވީޓެއް ކުރައްވަވައިފަ އެވެ.

" ވެންޓިލޭޓަރ ކޮރަޕްޝަނަކީ ސައްހަ މުޢާމަލާތެއް ނޫން. އެއީ ގިނަ ކުށްތަކެއްގެ ތެރެއިން ހިންގާފައިވާ ކަމެއް. ކަރުދާސް ކުންފުންޏަކުން ބަދަލެއް ނުލިބޭނެ. ފައިސާ ހޯދަން، ކުށްކުރި މީހުންގެ މާލިއްޔަތު ނުބެލެންވީ ކީއްވެ؟ އާބިޓްރޭޝަންގެ ވާހަކައިން މިކޮރަޕްޝަންގެ މިސްރާބު ބަދަލެއް ނުކުރެވޭނެ" އޭނާ ވިދާޅުވި އެވެ.

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލްއާ އެކު ސޮއި ކޮށްފައިވާ އެއްބަސްވުމުގައިވާ ގޮތުން ދެ ފަރާތުގެ ދެމެދުގައި މައްސަލައެއް ޖެހިއްޖެނަމަ އާބިޓްރޭޝަނަށް ހުށަހަޅައިގެން މައްސަލަ ހައްލުކުރުމަށާއި އާބިޓްރޭޝަން ރާއްޖޭގައި ކުރިއަށް ގެންދިއުމަށް އެއްބަސްވެފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ. އެކަމުގައި ޔޫއޭއީގެ ސަރުކާރާ ވާހަކަދައްކާނެ ކަމުގެ އިޝާރާތެއް ވެސް އިއްޔެ މަބްރޫކް ވަނީ ދެއްވާފަ އެވެ.

ވެންޓިލޭޓަރުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ނިންމައި 12 މީހެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ދެ ފަހަރު ފޮނުވުމުން ވެސް ހެކި ނެތްކަމަށް ބުނެ ޕީޖީން ނިންމާފައިވަނީ ދައުވާ ނުކުރާށެވެ.
ނަަމަވެސް މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ ބައެއް މެމްބަރުން ދޫނުދެއްވުމުން އެ މައްސަލަ އަނެއްކާވެސް ރިވިއު ކުރަން ޕީޖީން ވަނީ ފަށައިފަ އެވެ. ޖަމީލްވަނީ އެކަމަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ވިދާޅުވީ އެކަމުންވެސް ޕޮރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަހީމްއަށް ސަރުުކާރުގެ ނުފޫޒް އޮތް ކަން ވަރަށް ރީއްޗަށް އެނގިފައިވާ ކަމަށެވެ.

" ވެންޓިލޭޓަރގެ ވައްކަން ފޮރުވަންކުރި މަސައްކަތް އުނބަށްޖަހައި އަލުން ބަލަން ނިންމީ މަޤާމް ގެއްލިދާނެކަން ކަށަވަރުވުމުން. އަދިވެސް ދަޢުވާއަށް ދައްކަނީ ބަހަނާ!" ޖަމީލް ވިދާޅުވި އެވެ.

ދުބާއީ ކުންފުންޏަށް 75 ވެންޓިލޭޓަރު ގެންނަން ހަވާލުކޮށްގެން މިހާތަނަށް ލިބިފައިވަނީ 15 ވެންޓިލޭޓަރެވެ. ވެންޓިލޭޓަރު ގެންނަން ދުބާއީގެ ކުންފުންޏަށް ވަނީ އެޑްވާންސްގެ ގޮތުގައި 30.91 މިލިއަން ރުފިޔާ ދީފަ އެވެ.