ހަބަރު

ލޮލުގެ ފަރުވާއަކަށް ނާޒިމް މާލެ ގެނެސްފި

މާފުށީ ޖަލުގައި ބަންދުކޮށްފައި ހުރި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް މާޅެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި އެވެ. ނާޒިމް އައިޖީއެމްއެޗަށް ގެނައީ ލޮލުގެ މައްސަލަ ގޯސްވެގެން ކަމަށް ނާޒިމްގެ އާއިލާ އިން ބުނެ އެވެ.

"އަވަސް" އަށް މައުލޫމާތުދެއްވަމުން ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް ވިދާޅުވީ ހެނދުނު 8:00 އެހާކަން ހާއިރު، ނާޒިމް އައިޖީއެމްއެޗަށް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ މައުލޫމާތެއް އާއިލާއަށް އަންގާފައި ނުވާ ކަމަށެވެ.

"އަޅުގަނޑަށް ޔަގީންވާ ގޮތުގައި ގާތްގަނޑަކަށް 30 މިނިޓް ވެދާނެ ހޮސްޕިޓަލަށް ގެނައިތާ. އާއިލާ މީހަކަށް ވެސް ނާންގާ. ނާޒިމްގެ ލޮލުގެ މައްސަލަޔަކީ ވަރަށް ސީރިއަސް މައްސަލައެއް. ލޯ އަނދިރި ވެދާނެ ކަމަށް ވެސް ޑޮކްޓަރުން ވަނީ ބުނެފައި،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ، ނާޒިމްގެ ލޮލުގެ ހާލަތު ދުވަހެއް ދުވަހަކަށް ދަށަށް ދާތީ ވީހާވެސް އަވަހަށް ފަރުވާއަށް ބޭރަށްދާން ބޭނުންވާ ކަމަށެވެ.
ނާޒިމްގެ ލޮލުގެ ފަރުވާއަށް ސަރުކާރުން މިހާރުވެސް ވަނީ ސިންގަޕޫރަށް ފުރުމުގެ ހުއްދަ ނާޒިމަށް ދޫކޮށްފައެވެ. ނަމަވެސް ނާޒިމްގެ އާއިލާއިން ބޭނުންވަނީ ބޭސްކުރަން އިންޑިއާ އަށް ދާށެވެ.

"ބަލިމީހާގެ ބައްޔަށް ފަރުވާ ކުރާނީ ކޮންތަނަކުންތޯ ނިންމާނީ ބަލިމީހާ. ނޫނީ އޭނަގެ އާއިލާއިން. ބަޔަކު ބުނާހާ ގޮތަކަށް އެކަމެއް ނުވާނެ ދެއްތޮ،" އާޒިމް ވިދާޅުވި އެވެ.

ނާޒިމް މީގެ ކުރިން އައްސޭރި ޖަލުގައި ބެހެއްޓުމަށް ފަހު، ވަނީ މާފުށީ ޖަލަށް ބަދަލުކޮށްފަ އެވެ. އާޒިމް ވިދާޅުވީ ނާޒިމް މާފުށީ ޖަލުގައި ބަހައްޓާފައި ހުންނަނީ ކުޑަކޮޅޮއެއްގައި ތަޅުލާފައި ކަމަށެވެ. މިއީ ވަރަށް ބޮޑު ލާއިންސާނީ އަނިޔާއެއް ކަމަށް އާޒިމް ސިފަކުރެއްވި އެވެ.