ރިސޯޓް

ށ. ނަލަންދޫގައި ރިސޯޓެއް ހަދަން މަސައްކަތް ކުރަނީ

Apr 1, 2021

ށ. ނަލަންދޫގައި ރިސޯޓެއް ތަރައްގީ ކުރަން ހުޅުވާލަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކައުންސިލް އިންތިހާބަށް ކެމްޕޭން ކުރުމަށް ކުރިއަށް ގެންދާ "ރަށްވެހި ފަތިސް" ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ފިޝަރީޒް މިނިސްޓްރީގެ ދަށުގައި އޮތް ރަށެއް އަނބުރާ ނެގުމުގައި ބަލަހަން ޖެހޭ ކަންތައް ތަކެއް ހުންނަ ކަމަށެވެ.

"ނަލަންދޫއަކީ ރިސޯޓެއް ތަރައްގީ ކުރަން ކަނޑައަޅާފައި އޮތް ރަށެއް. އެ ރަށަކީ އެހެން މަސައްކަތް ތަކެއް ބަޔަކު ކޮށްފައި އޮތް ރަށަކަށްވާތީ، އެރަށް ނަގާނަމަ ބަދަލުދޭން ޖެހޭ ފިޝަރީޒް މިނިސްޓްރީން، މިހާރު މަސައްކަތް ކުރާ ފަރާތާއެކީ އެކަން ހައްލު ކުރެވޭނެ ގޮތެއް ހޯދަމުން އެބަދޭ،" ރައީސް ވިދާޅުވި އެވެ.

ދަނޑުވެރިކަމުގެ މަސައްކަތަށް ދިގު މުއްދަތަށް ކުއްޔަށް ދޫކޮށްފައިވާ ގާތްގަނޑަކަށް 90 ހެކްޓަރުގެ ނަލަންދޫގައި ރިސޯޓު ތަރައްގީ މި ސަރުކާރުން ނިންމާފައި ވާތީ އެ ރަށަށް ކޮށްފައިވާ އިންވެސްޓަމަންޓް ދެނެގަތުމަށްޓަކައި ފައިނޭންސް އޮޑިޓް ތައްޔާރު ކޮށްދޭނެ ބަޔަކު ހޯދަން ވެސް މި ސަރުކާރުން ކުރިން އިއުލާނުކުރި އެވެ. ނަމަވެސް ފަހުން އެ މަސައްކަތް ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.

މި ދައުރުގައި 20 ރިސޯޓެއް ހެދުމަކީ މި ސަރުކާރުގެ ވައުދުކެވެ. މި އަހަރުގެ ބަޖެޓުގައި 10 ރިސޯޓެއް މާކެޓަށް ނެރެ، 130 މިލިއަން ރުފިޔާ ދައުލަތުގެ އާމްދަނީއަށް ވައްދަން ކަނޑައަޅާފައިވެ އެވެ.