އެމްޑީޕީގެ ފުރަތަމަ ރައީސް އަދި މަންދު ކޮލެޖްގެ ބާނީ އިބްރާހިމް އިސްމާއީލް (އިބްރާ) ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
ސިވިލް ކޯޓްގެ ގާޒީ މަރިޔަމް ވަހީދާ ސޮއިކޮށް ނެރެފައިވާ އަމުރުގައި ބުނެފައިވަނީ އެ ކޯޓުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވާ އަމުރާ އިބްރާހިމް އިސްމާއީލް ހަވާލުވެފައިނުވާތީ ކޯޓަށް ހާޒިރު ކުރެވިފައިނުވާ ކަމަށެވެ. އިބްރާ ކޯޓަށް ހާޒިރުކުރަނީ އޭނާ ހިއްސާވާ ކުންފުންޏަކާ ގުޅޭގޮތުން ބަލަމުންދާ މައްސަލައަކާއި ގުޅިގެންނެވެ. އިބްރާއަކީ މައްސަލަ ރައްދުވާ ކުންފުނީގެ ޑިރެކްޓަރެކެވެ.
އަމުރުގައި ވަނީ މި މަހުގެ ހަތަރުވަނަ ދުވަހު 1:45 އަށް އިބްރާ ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރާ ކަމަށެވެ.
ކޯޓްގެ ޗިޓާއެކު އިބްރާވެސް ވަނީ ޓްވީޓެއް ކުރައްވާފައެވެ. އޭނާ ވިދާޅުވީ ކޯޓް ޗިޓެއް ހިފައިގެން އެގެއަށް އައިސްފައިނުވާ ކަމަށާ މިދިޔަ މަސް ދުވަހު އެކި މަސައްކަތްތަކުގައި އެތަށް ފަހަރަކު ކޯޓަށްވެސް ވަޑައިގެންނެވި ކަމަށެވެ. އަދި ކޯޓުން އެތަށް ޗިޓެއް މެއިލް އަދި ވައިބަރުން ފޮނުވާ ކަމަށެވެ. އަދި އެ ނިޒާމުގެ ތެރެއިން މީގެ ދެ ރެއެއް ކުރިންވެސް ޗިޓެއް ފޮނުވާފައިވާ ކަމަށެވެ.
"..ދެން އެކަމަކުވެސް ހެެޔޮ. ހަމަ ގާނޫނު އަސާސީ ވިއްކާލީ. ޖުޑިޝަލް ސާވިސް ކޮމިޝަންގެ ބާރުވެސް މަށައް އެނގޭ،" އިބްރާގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
އިބްރާ ވިދާޅުވީ އެމްޑީޕީން އަދުލްއިންސާފު ގާއިމުކުރާ ގޮތަކީ މިއީ ކަމަށެވެ. އަދި ރައީސް ސޯލިހާއި ރައީސް ނަޝީދަށް ޓެގް ކުރައްވާ "ތިޔަ ވަރެއް ނެތް" ކަމަށް ވިދާޅުވެފައިވެއެވެ.
ބަަންދުގައި ބަހައްޓައިގެން އިބްރާ ކޯޓަށް ހާޒިރުކުރަން އަމުރުކޮށްފައި މިވަނީ ރައީސް ނަޝީދަށް އަމާޒުކޮށް އޭނާ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންދާ ދުވަސްރެއްގައެވެ.