ވާހަކަ

ވޭންތަކުން ދިން

(29 މާރިޗު 2021 އާ ގުޅޭ)

ވާހިދާ ހިނިތުންވެ ހުރެ، ނާއިކު ގެއިން ނުކުންނަން ދެން ބަލަން އިނީ ނާާއިކަށެވެ. ނާއިކުގެ ފަރާތުން ލިބުނު ޒުވާން ލޯބީގެ އުފާތަކުން ވާހިދާގެ ނަފުސަށް ވަނީ ދިރުން ލިބިފައެވެ. ފިރިމީހާ ދުރުގައި ހުރި ކަމުގެ އިޙްސާސްތައް ނާއިކު ރާއްޖެ އައުމާ އެކު ފިލައިގެން ދާނެކަން އެއީ ވާާހިދާ ކުރިން ވެސް އުއްމީދު ކުރިގޮތެވެ.

"ޑެޑީ.." ނާއިކު ގެއަަށް ވަނުމާ އެކު ދުންޔާ ދުވެފައި ގޮސް ނާއިކުގެ ގަައިގައި ބައްދައިގަތެވެ.

"ޑެޑީގެ ދޫނީ.." ނާއިކު ވަރަށް ލޯބިން ދުންޔާ އުރައިލިއެވެ. ބެލްކަނިން ނުކުމެގެން އައި އައިޝާ ގޮސް ހުއްޓުނީ ނާއިކުގެ ކުރިމަތީގައެވެ.

"މިތިބީ ރެޑީ ވެގެން. ބޭރަށް ނުކުމެލަން ކަމަށް.. ނާއިކަށް މި އިންތިޒާރު ކުރަނީ.." އައިޝާ ބަލަން ހުރީ ނާއިކުގެ މޫނަށެވެ.

"އެހެންތަ؟ އަނެއްކާ ކޮންތާކަށް ދާން؟" އުރައިގެން އިން ދުންޔާ މަޑުމަޑުން ތިރިކޮށްލަމުން ނާއިކު ބަލައިލީ އައިޝާ އަށެވެ.

"ކޮންމެވެސް ތާކަށް.. ހިނގާލަން. ދޫނި ވެސް ބޭނުން ވެގެން އުޅޭތީ.." އައިޝާގެ ތުންފަތުން ފައުޅު ވެފައި ވަނީ ހިނިތުންވުމެކެވެ.

"މިއަދަކު ނޫން ދޯ؟ ވަރަށް ޓައަރޑް.." ނާއިކު އެހެން ބުނެ، ދުންޔާގެ ކޮލުގައި ނިކަން ލޯބިން ހިފައިލިއެވެ. ދުންޔާ ބޯޖަހައިލީ އާނއެކޭ ބުނާ ފަދަ ގޮތަކަށެވެ.

***

ރޭގަނޑުގެ ހިމޭންކަން ވަނީ މުޅި ރަށުގެ ތެރެއަށް ފެތުރިފައެވެ. ލަބީބުގެ ރޭގަނޑުގެ ޑިއުޓީ ނެތުމުން އެކަމާ ހިތްހަމަ ނުޖެހިގެން ޖަންނަތު އިނީ ޒުވާބެއް ފަށަން ނިކަން ބޭނުން ވެފައެވެ. ކާގޭ މޭޒު ކައިރީގައި ޖަންނަތު އިން އިރު، ލައިބާ އާއި ލަބީބު އިނީ ކާށެވެ.

"ޖަނާ! އެއްޗެއް ކާލަން ވީނު؟" ލަބީބު ބަތް ކޮޅެއް އަނގަޔަށް ލަމުން އަހައިލިއެވެ.

"ރީތި އަދަބެއް ދަސްވެފަ ހުންނަ މީހެއް ވެސް ނޫނޭ މީކީ.. އަނގަ ފުރާ ކާއެއްޗެހި އަޅައިގެން ވާހަކަދައްކާ އިރު.." ޖަންނަތު ރުންކުރު ގޮތަކަށް ބުނެލިއެވެ.

"އަނެއްކާ ފެށީތަ؟ އަހަރެން ބުނިން ދޯ ލައިބާ ކުރިމަތީ ތިހެން ނޫޅޭށޭ!" ކާާން އިން ލައިބާއަށް ކަޅިއެއް ދެމުން ލަބީބު މަޑުމަޑުން ބުންޏެވެ.

"ހެހެ! އެހެރީ ބައްޕަ ބުނާ މޮޅެތި އެއްޗެހި. ދަރިފުޅަށް އަޑު އިވޭތަ؟ ބައްޕަ އޯކޭ އަނގަ ފުރާ ކާއެއްޗެހި އަޅައިގެން ޔަމްޔަމް ކިޔަސް.." ލައިބާއާ މުޙާޠިބުކޮށް ޖަންނަތު އެހެން ބުނެލީ ރުޅިވެރިި ރާގެއްގައެވެ. އެއްވެސް އެއްޗެއް ނުބުނެ ލައިބާ ބަލައިލީ ލަބީބުގެ މޫނަށެވެ. ދޭނެ ޖަވާބެއް ނޭނގި، ލަބީބު އިސްޖެހީ ދަރިފުޅާ ކުރިމަތިލާނެ ހިތްވަރު ނެތުމުންނެވެ.

***

އެނދުގައި އޮށޯވެގެން އޮތް ނާއިކުގެ ކަޅި ހީވަނީ ފޯނުގެ ތެރެއަށް ވެއްޓިފައި އޮތްހެންނެވެ. ފެންވަރައިގެން އައިޝާ ތައްޔާރުވެލީ ނިދަން އޮށޯތުމަށެވެ.

"ނާއިކު.. ހެހެ! ފޯނު ލޮލުގެ ތެރެއަށް ކޮށްޕާ ނުލައްޗޭ!" އައިޝާ ސަމާސާ ރާގެއްގައި އެހެން ބުނެ، އެނދުގައި އޮށޯވެލީ އެއް އަތް ނާއިކުގެ ބަނޑު މަތީގައި ބާއްވަމުންނެވެ.

"ބޭބީ.. ވަރަށް މިސްވޭ! އައި ލަވް ޔޫ ސޯ މަޗް!" ނާއިކު ވަރަށް ސިއްރުން އައިޝާއަށް ބަލައިލަމުން، މަލާކުގެ އައުރަ ފައުޅުވަމުންދާ ސްނެޕް ތަކާއި މެސެޖުތައް އޭނާގެ ހިތުން ކިޔަމުން ގެންދިޔައެވެ.

"ނާއިިކު. ނިދަން ނޫޅެންތަ؟" ވަގުތުކޮޅަކު އެހެން އޮވެފައި އައިޝާ ވާހަކަދައްކަން ފެށީ، ނާއިކު ފޯނު ނުބޭއްވުމުންނެވެ.

"އޮފީސް ޗެޓެއްގަ.. މި މީހުން ނޫޅޭ ވިއްޔާ ނިންމަން ވެސް.. އާޝާ ނިދާލާ!" ނާއިކު އެހެން ބުނެ، އައިޝާގެ އިސްތަށިގަނޑުގައި ފިރުމައިލިއެވެ.

"އާނ! އޯކޭ. ގުޑް ނައިޓް." އައިޝާގެ ކަނާއަތުން ނާއިކުގެ ހަށިގަނޑު ވަށައިލަމުން، އައިޝާ ދެލޯ މަރައިލިއެވެ.

ދަންވަރުގެ ހިމޭން ވަގުތެވެ. ޤުރުއާން ކިޔަވަން އިން ރަޝީދާގެ ދެލޮލަށް ނިދީގެ އެއްވެސް އަސަރެއް ނުކުރެއެވެ. އަބަދުވެސް އެކި ކަންކަމާ މެދުގައި ވިސްނެނީއެވެ. އެކަނި މާ އެކަނި، ބުރަ އާއި ތަކުލީފުތައް އުފުލަމުން ބަލައި ބޮޑުކުރި ދެ ދަރިންގެ، ދިރިއުޅުމަށް ވިިސްނާ ލިޔަސް ރަޝީދާގެ ސިކުނޑި ފަޅައިގެން ދާވަރު ވެއެވެ.

"އަހަރެން ކިހިނެއް ހަދާނީ؟ ޔާ ﷲ! ޔާﷲ ! މިއަޅާގެ ދެދަރިންނަށް އުފާވެރި ހަޔާތެއް މިންވަރު ކޮށްދެއްވާދޭވެ! ޖަންނަތަށް ހެޔޮ ވިސްނުން ދެއްވާ، އަހަރެންގެ އައިޝާއަށް އުފަލާ، ލޯބި ދެއްވާދޭވެ." ރަޝީދާ ދެއަތް އުފަލާ ދުޢާ ކުރަމުން ދިޔައިރު، އޭނާގެ ދެލޯ ތެމެމުން ދިޔައީ ކަރުނައިގެ ތިކިތަކުންނެވެ. މުސައްލަ މަތީގައި ރަޝީދާ ދުޢާ ކުރުމުގައި ދަންވަރުގެ ވަގުތުތައް ގުނަމުން ދިޔައެވެ.

ގަދަ ނިދީގައި އައިޝާ އޮތް އޮރު، ނާއިކުގެ ހިތާއި ސިކުނޑި ވަނީ މުޅިން މަލާކުގެ ޖާދޫގައި ލެނބިފައެވެ. އައިޝާގެ އަރިހުގައި އޮތީ ނާއިކުގެ ހަށިގަނޑު އެކަންޏެވެ. ނާއިކުގެ މުޅި ޖާނާއި ހިތް ވަނީ މަލާކުގެ މުުށުގެ ތެރޭގައެވެ. މަލާކުގެ މަންތަރުގައި ދަންވި ދަންވި ހެން ނާއިކު ދިޔައީ ޖެހެމުންނެވެ. ދުނިޔޭގެ ލަދަށް ނުވިސްނައި، ދެމީހުންގެ މެދުގައި ބޮޑު ދުރުމިނެއް އޮތަސް، މަލާކު ގެންދިޔައީ ތަފާތު ސްނެޕްތަކުން ނާއިކުގެ ހިތް ފުރަމުންނެވެ.

***

މަޑުމަޑުން އެނދުން ތެދުވެގެން ޖަންނަތު ވަރަށް ސިއްރުން ބަލައިލީ އެނދުގައި އޮތް ލަބީބަށެވެ. ލަބީބުގެ މެރިފައިވާ ދެލޮލަށް ވަގުތު ކޮޅަކު ބަލަން އިނދެފައި ޖަންނަތު އޭނާގެ ފޯނު ނަގައި، އޭނާއަށް ލިބިފައިވާ މެސެޖަށް "އާނ މިދަނީ.." ޖަހައި ލިޕްލައި ކޮށްލިއެވެ.

ޖަންނަތު ވަރަށް މަޑުމަޑުން ފިޔަވަޅު ނަގަމުން ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. އެއާއެކު ލަބީބުގެ މެރިފައިވާ ދެލޯ ހުޅުވުނެވެ. ހަމަ އެހިނދުން އޭނާ ދެލޯ މަރައި ތަތްކޮށްލިއެވެ. ޖަންނަތު ކުރަން އުޅޭ ކަމެއް ހޯދައި ބަލަން ބޭނުން ވާތީއެވެ. ރަޝީދާގެ ކޮޓަރިން ލައިޓުގެ އަލިކަން ފެނުމުން މަންމަ ހޭލާ އުޅޭކަން ޖަންނަތަށް ޔާޤީން ވިއެވެ. އެހެން ކަމުން ހަރަކާތްތަކަށް އިތުރު ހިމޭން ކަމެއް ޖަންނަތު ގެނައެވެ.

ޖަންނަތު ކޮޓަރިން ނުކުމެގެން، މަޑުމަޑުން ހިނގާފައި ގޮސް ގޭގެ މައިދޮރުން ބޭރަށް ނުކުތެވެ. ލަބީބު ވެސް ނިކަން ސިއްރުން ކޮޓަރިން ނުކުތެވެ.

***

މޯޅިއަކަށް ދެމިލަމުން އައިޝާ މަޑުމަޑުން ދެލޯ ހުޅުވައިލިއެވެ.

"ނާއިކު... އަދިވެސް؟" އައިޝާ އާފުރެމުން ތެދުވާން މަސައްކަތް ކޮށްލިއެވެ. ނާއިކު ވަރަށް އަވަސްކޮށް ފޯނުން ބެކަށް ދިޔައެވެ.

"އާނ އާޝާ... މިނިމެނީ.." ނާއިކު ވެސް ނިދިއައިސްފަ ހުރިކަން ދައްކާ ފާޑަކަށް ބުނެލިއެވެ.

"މާދަން މޯރނިންގ ޑިއުޓީއެއްނު؟ ނިދަން ވެސް ޖެހޭނެއްނު!" އައިޝާ ބަލައިލީ ނާއިކުގެ މޫނަށެވެ. އެހެން އިން އިރުވެސް އައިޝާގެ ދެލޯ ރަނގަޅަށް ނުހުޅުވެއެވެ.

"އާނ.. ކީއްކުރާނީ ދޯ؟ އަދި ކުރިއަށް އޮތްތާ މާ ބިޒީވާނެއްނު؟" ފޯނު އެނދުމަތީގައި ބޭއްވުމަށްފަހު، ނާއިކު ވަރަށް ބާރަށް އައިޝާގެ ގައިގައި ބައްދައިގަތެވެ.

"ކޮފީއެއް ހަދަންތަ؟" އައިޝާގެ އަޑުގައި ވަނީ ނިދީގެ އަސަރުތަކެވެ.

"ނޫން އާޝާ.. މި އުޅެނީ ނިދަން ވެގެން.." ނާއިކު ހިފައިލީ އައިޝާގެ އަތުގައެވެ. އަދި އައިޝާގެ ސީދާ ދެލޮލަށް ބަލައިލިއެވެ.

***

ދަންވަރުގެ އަނދިރިކަމުން މުޅި ރަށް ވަނީ ނިދާފައެވެ. ހުރިހާ ދިމާލެއް ބަލަމުން، ޖަންނަތު ކުރިއަށް ހިނގަމުން ދިޔައެވެ. ޖަންނަތުގެ ހަރަކާތްތަކަށް ފާރަލަމުން، ގޭގެ ފާރުތައްް ނިވައު ފަތްގަނޑަކަށް ހަދައިގެން ލަބީބު ވެސް ކުރިއަށް ދިޔައެވެ.

ދޭތެރެ ދޭތެރެއިން ފަހަތަށް ބަލަމުން ޖަންނަތު ކުރިއަށް ދިޔައެވެ. ކޮންމެ ވެސް މީހެއް އޭނައަށް ފާރަލަމުން ދާހެން އޭނަައަށް ހީވުމުންނެވެ. ހިތްތެޅޭ ހާލުގައި، ޖަންނަތު އޭނާގެ ހިނގުން އަވަސްކޮށްލިއެވެ. (ނުނިމޭ)