ވަންޕްލަސްއިން ހީކުރި ގޮތާ ހިލާފަށް އޮކްސިޖަން އޯއެސްއިން ބަގް ފިލުވަން ޖެހިއްޖެ އެވެ. ވަންޕްލަސް 9 އަދި ވަންޕްލަސް 9 ޕްރޯ ރިލީޒް ކުރުމާ ދިމާކޮށް ފޯނުތައް ބޭނުން ކުރާ މީހުން ތަޖުރިބާ ކުރަން ޖެހުނު ދަތިތައް ފިލުވައި ހައްލު ކޮށްދިނުމުގައި ކަންނެތްކަމުގެ އެއްވެސް އަލާމާތެއް ވަންޕްލަސްގެ ކިބައިން ފެނިފައި ނުވެ އެވެ.
ވަންޕްލަސް 9 މަރުކާގެ ފޯނުތައް ބޭނުންކުރަން ފަސޭހަ ކުރުމަށް އޮކްސިންޖަން އޯއެސް 11 (އަސްލު އަދަދު: އޮކްސިޖަން އޯއެސް 11.2.2.2) އިން ބަގް ފިލުވަން ކުރި މަސައްކަތްތައް ލިސްޓް ކޮށްފައި އެބަހުއްޓެވެ.
ވަންޕްލަސްއިން މިފަހަރު ކުރީ ހަގީގަގުތައި އޮކްސިޖަން އޯއެސްއިން ބަގް ފިލުވުމަށްވުރެ ބުރަ މަސައްކަތްތަކެއް ކަމަށް ބުނުން ރަނގަޅެވެ. މިއީ ބަގް ފިލުވުމުގެ އިތުރުން ސެކިޔުރިޓީ އަޕްޑޭޓެކެވެ.
ވަންޕްލަސް 9 މަރުކާގެ ފޯނުތައް ފުރަތަމަ ބޭނުން ކުރަން ފެށިއިރު ޑިޖިޓަލް ޕޭމަންޓް ސިސްޓަމް ރަނގަޅަށް މަސައްކަތް ނުކުރާކަން ބައެއް މީހުންނަށް ފާހަގަ ކުރެވުނެވެ. މި މައްސަލަ މިހާރު ވަނީ ރަނގަޅުކޮށްފަ އެވެ.
އޮކްސިޖަން އޯއެސް 11 އަޕްޑޭޓް ކުރުމަށް ޑައުންލޯޑް ކުރަންޖެހޭ ފައިލްގެ ސައިޒަކީ 378އެމްބީ އެވެ. މިއަށް ވުރެ ކުދި އަޕްޑޭޓްތައް ވެސް އެބަހުއްޓެވެ. އެހެން ނަމަވެސް، ސައިޒް ބޮޑު ފައިލް ޑައުންލޯޑްކޮށް އިންސްޓޯލް ކުރުމުން ބޮލުގައި ރިހުން މުޅިން ފިލައިދެ އެވެ.
އޮކްސިޖަން އޯއެސް އަށް ހުރި އަޕްޑޭޓް ލިސްޓް ކިޔާލުން ރަނގަޅުވާނީ އިންސްޓޯލް ކުރާއިރު އެވެ. ލިޔުމަށް ތިރިކޮށްފި ނަމަ ސަފުހާ ވަރަށް ބޮޑަށް ތިރިއަށް ސޮހޭނެ އެވެ. އެކަމަކު ވެސް ބުނެދޭނަމެވެ. ބެޓެރިއަށް ބާރު އެޅުމާއި އަދި ހެޕްޓިކް ޓަޗް ފުރިހަމަ ކުރަން ވަންޕްލަސްއިން ވަރަށް ބޮޑަށް ވިސްނާފައިވެ އެވެ.
ވަންޕްލަސް 9 ގެ ފޯނެއް އޮތް ނަމަ އޮޕަރޭޓިން ސިސްޓަމް އަޕްޑޭޓްތޯ ބަލާށެވެ. އަދި އަޕްޑޭޓް ލިބިފައި ނެތް ނަމަ މެނުއަލްކޮށް ސާވާއަށް ގުޅޭތޯ ބަލާށެވެ. ޔޫރަޕަށް ހާއްސަ މޮޑެލްއެއް ނޫން ނަމަ އަޕްޑޭޓް ލިބޭނެ ކަމަށް ވަންޕްލަސްއިން ބުނެ އެވެ.