ބޮލީވުޑް

ކިރަން ކޭރް ލޭގެ ކެންސަރަށް ފަރުވާ ހޯދަނީ

ކުޅަދާނަ ބަތަލާ އަދި އިންޑިޔާގެ ވެރިކަންކުރާ ޕާޓީ ބީޖޭޕީގެ އެމްޕީ ކިރަން ކޭރް އަށް ލޭގެ ކެންސަރު ޖެހިފައިވާ ކަމަށް އޭނާގެ ފިރިމީހާ އަދި ހުނަރުވެރި އެކްޓަރު އަނޫޕަމް ކޭރް ބުރާސްފަތި ދުވަހު ބުނެފި އެވެ.

އިންސްޓަގްރާމްގައި ޝެއާކުރި ޕޯސްޓެއްގައި އަނޫޕަމް ލިޔެފައިވާ ގޮތުގައި މީހުން ތަފާތު ވާހަކަތައް އެކަމާ ގުޅޭ ގޮތުން ދެއްކުމަށްވުރެ ކަމުގެ ހަގީގަތް އޮޅުން ފިލުވައި ދިނުމަކީ މާ ރަނގަޅުކަމެއް ކަމަށް އޭނާ އާއި ދަރިފުޅު ސިކަންދަރު ކޭރް އަށް ގަބޫލު ކުރެވޭތީ މި ވާހަކަ ޝެއާކުރަން ނިންމީ އެވެ.

ކިރަން އަކީ ހަނގުރާމަވެރިއެއްގެ ގޮތުގައި ސިފަ ކުރަމުން އަނޫޕަމް ބުނީ ކިރަން ބައްޔާ ހަނގުރާމަކުރަމުންދަނީ ވަރަށް ހިތްވަރުގަދަ ކަމާ އެކުގައި ކަމަށެވެ. ކިރަން ފަރުވާ ހޯދަމުންދަނީ ޕަންޖާބުގެ ހޮސްޕިޓަލަކުންނެވެ.

ކިރަން، 68، މިހާރު ގެންދަނީ މުމްބައިގެ ހޮސްޕިޓަލަކުން ކެންސަރަށް ފަރުވާ ހޯދަމުން ކަމަށާއި ހާލު ރަނގަޅުވަމުން އަންނަ ކަމަށް ބީޖޭޕީން ނެރުނު ބަޔާނެއްގައި ވެސް ބުނެފައި ވެއެވެ.

މިދޔަ އަހަރުގެ ނޮވެމްބަރު މަހު ޗަންދީގަޅްގައި ހުންނަ ގޭގައި ކިރަން އުޅެނިކޮށް ދިމާވި އެކްސިޑެންޓެއްގައި އަތް ބިންދައިގެން ދިޔަ އެވެ. އޭނާއަށް ކެންސަރު ޖެހިފައިވާކަން އެނގުނީ އަތް ބިންދައިގެން ހެދި ޓެސްޓުތަކުން ޝައްކު ކުރެވޭ ކަންތައްތައްތަކެއް ފެނި އިތުރު ޓެސްޓުތައް ހެދުމުންނެވެ.

ބަލި ޖެހިފައި ހުރިކަން އެނގުނުއިރުވެސް ކިރަންގެ ވާއަތަށާއި ކޮނޑަށް ހުރީ ބަލި ފެތުރިފައިކަމަށާއި ނަމަވެސް ހަތަރު މަސް ފަރުވާ ކުރުމުން ވަރަށް ބޮޑުތަން ރަނގަޅުވެފައިވާ ކަމަށް ބީޖޭޕީގެ އިސް މީހަކު ބުނެފައި ވެއެވެ.

ކިރަން ސިޔާސީ މައިދާނަށް ނުކުތީ 2014ގައި ބީޖޭޕީ އަށް ސޮއިކުރުމަށް ފަހުގަ އެވެ. ސިޔާސީ މައިދާނުގައި އުޅުނަސް އޭނާ ފިލްމީ އަދި ޓީވީ މަސައްކަތްތައް ދޫކޮށެއް ނުލަ އެވެ.

ރިއަލިޓީ ޝޯ ޖަޖެއްގެ ގޮތުގައި "އިންޑިއާޒް ގޮޓް ޓެލަންޓް"ގެ ވަރަށް ގިނަ ސީޒަންގައި ކަރަން ޖޯހަރް އާއި މަލައިކާ އަރޯރާ އާއެކު ކިރަން ބައިވެރިވި އެވެ.

ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން ކިރަންގެ އެންމެ ފާހަގަ ކޮށްލެވޭ ރޯލަކީ "ދޭވްދާސް"ގައި ކުޅެފައިވާ ރޯލެވެ. އެ ފިލްމުގައި ކިރަން ކުޅެފައިވަނީ ޕާރޯ (އައިޝްވަރިޔާ ރާއީ)ގެ މަންމަގެ ބައެވެ.