މުހައްމަދު ހަމީދު

މަސްލަހަތު ނަގާލަން ހިންގާ ހަރަކާތްތައް ހުއްޓުވާނަން: ސީޕީ

އާންމު މަސްލަހަތާއި ހަމަޖެހުން ނަގާލުމަށްޓަކައި ރޭވިގެން ހިންގާ ސިޔާސީ ހަރަކާތްތައް ހުއްޓުވާނެ ކަމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ސީޕީ ހަމީދު ވިދާޅުވީ 2013 ވަނަ އަހަރު އަމަލުކުރަން ފެށި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް 2016 ވަނަ އަހަރު ގެނައި އިސްލާހުތަކުގައިވާ ގޮތުން މާލޭގައި އެއްވެވޭނީ ހަމައެކަނި ކާނިވާ ސަރަހައްދަށް ކަމަށެވެ. އެހެންނަމަވެސް ވަކި ޕާޓީއެއް ބެލުމެއް ނެތި ސިޔާސީ ހަރަކާތްތައް ހިންގަން ވަރަށް ބޮޑު ޖާގައެއް ދީފައިވާނެ ކަމަށާއި އެއީ ސާފުކޮށް ފެންނަން އޮތް ހަގީގަތެއް ކަމަށްވެސް ވިދާޅުވި އެވެ.

"އެއްވެ އުޅުމުގެ މިނިވަންކަން ގާނޫނުތަކުން ހަނިކޮށްފައި އޮތް އިރުގައިވެސް އަޅުގަނޑުމެން އެ މިނިވަންކަން އެބަދެން. އެގޮތަށް ދިނުން އެއީ އަޅުގަނޑުމެން ދެކޭ ގޮތުގައި ކުރަންވެސް ޖެހޭނެ ކަމެއް. އަޅުގަނޑުމެންގެ މިއަދުގެ ގާނޫނުއަސާސީއާއި ގާނޫނުތައް ހުރި ގޮތުންނާއި ޑިމޮކްރެޓިކް ނިޒާމެއް އޮތް އިރުގައި އެ ފުރުސަތު އޮންނަން ވެސް ޖެހޭ. އަޑު އިއްވުން، ސުލްހަވެރިކަމާ އެކު އެއްވެ އުޅެވުން، އެކަންކަން ކުރެވެން ޖެހޭނެ،" ސީޕީ ވިދާޅުވި އެވެ.

ހަމީދު ވިދާޅުވީ ސިޔާސީ ހަރަކާތެއް ބާއްވާ ކޮންމެ ފަހަރަކު އެތަނަކަށް ފުލުހުން ގޮސް، ޕެޕާ ސްޕްރޭ ޖަހައި އެކަށީގެން ނުވާ ބާރު ބޭނުންކޮށްފައި ނުވާނެ ކަމަށެވެ. ސިޔާސީ ހަރަކާތް ހިންގަން ހަމަހަމަ ފުރުސަތުތަކެއް ހޯދައިދީ، ތަފާތުކުރުމެއް ނެތި ފިޔަވަޅު އަޅަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. އެކަމުގެ ހެއްކެއްގެ ގޮތުގައި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީ ދާދި ފަހުން ޖޫރިމަނާ ކުރިކަން ފާހަގަކުރެއްވި އެވެ. އެކަމަކު ސިޔާސީ ހަރަކާތް ހިންގަން ހަމަހަމަ ފުރުސަތު ދެމުންދާކަން ރައްޔިތުންނަށް ގަބޫލުކުރެވޭ ކަހަލަ ގޮތަކަށް އެކަން ބުނެދިނުމުގައި އުދަގޫތަކެއް ކުރިމަތިވާ ކަމަށްވެސް ވިދާޅުވި އެވެ.

ސީޕީ ވިދާޅުވީ ސިޔާސީ ހަރަކާތް ހިންގުމަށް ބައެއް ފަރާތްތަކުން މަގު މައްޗަށް ނިކުންނައިރު ރައްޔިތުންނަށް ފެންނަނީ އެފަދަ ބައެއް ހަރަކާތްތަކަކީ ވަކިގޮތަކަށް ތަރުތީބު ވެގެން އަންނަ ސުލްހަވެރި ހަރަކާތްތަކެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް އެފަދަ ބައެއް ސިޔާސީ ހަރަކާތްތައް ރޭވިފައި ހުންނަ ގޮތާއި، އެ ހަރަކާތްތަކުގެ މަގުސަދާއި އަދި އެ ހަރަކާތްތަކުން ހާސިލްކުރަން ބޭނުންވާ އަމާޒު ފުލުހުންނަށް އެނގޭ ކަމުގައި ވިދާޅުވި އެވެ. އެހެންވެ ސިޔާސީ ބައެއް ހަރަކާތްތައް ހުއްޓުވަން ފުލުހުން މަސައްކަތް ކުރަނީ އާންމު މަސްލަހަތާއި ހަމަޖެހުން ހިފެހެއްޓުމަށް ކަމުގައި ވިދާޅުވި އެވެ. ބައެއް ކަހަލަ ތަންތަނަށް ދާންވީމާ ނުވަތަ ތަނަކަށް ވަދެގަތުމަށްޓަކައި ސިޔާސީ ބައެއް ހަރަކާތްތައް ބައެއް ފަރާތްތަކުން ރާވާ، ހިންގަނީ މާލެ ތެރޭގައި ހަރަކާތްތެރިވާ ކުށްކުރާ މީހުންނަށް ފައިސާ ދީގެން ކަމަށްވެސް ސީޕީ ވަނީ ތުހުމަތުކުރައްވާފަ އެވެ.

"ޕަބްލިކް ޕީސް އަށް ޗެލެންޖު ކުރުމަށްޓަކައި ނުވަތަ ޕަބްލިކް ޕީސް ނަގާލުމަށްޓަކައި އެ މަގުސަދުގައި އެ ވިސްނުމުގައި އެ ރޭވުންތަކާއި އެކީގައި ކުރާ ކަންތައްތަކެއް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. އެހެންވީމާ އެ ކަންތައްތައް ހުއްޓުވުމަށްޓަކައި މަސައްކަތްތަކެއް ކުރަންޖެހޭ. ކުރަންޖެހެނީ އަޅުގަނޑުމެންގެ ގާނޫނީ ވާޖިބު އަދާކުރުމަށް،" ސިޔާސީ ބައެއް ހަރަކާތްތައް ހުއްޓުވަންޖެހޭ ސަބަބުތައް ހިއްސާކުރައްވަމުން ހަމީދު ވިދާޅުވި އެވެ.

ކޮވިޑްގެ ބޮޑު ބަލިމަޑުކަމުގެ ތެރޭގައި އާންމު ސިއްހަތާ ގުޅޭ ކަންކަން ތަންފީޒުކުރުމަށްޓަކައި ވެސް ފުލުހުން މިވަގުތު މުހިއްމު ދައުރެއް އަދާކުރަމުންދާ ކަމުގައި ހަމީދު ވިދާޅުވި އެވެ. އެގޮތުން ކޮވިޑްގެ ކަންކަމުގައި ދައުލަތުގެ އިދާރާތަކުން އެދޭ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން ފުލުހުން މަސައްކަތް ކުރަމުންދާ ކަމުގައި ވިދާޅުވި އެވެ. އަދި އެކަމާ ގުޅޭ ބައެއް ކަންކަން ތަަންފީޒުކުރުމުގައި ފުލުހުން އަދާކުރާ ދައުރުގެ ސަބަބުން ބޮޑެތި ފިއްތުއްތައް ކުރިމަތިވާ ކަމަށާއި އެއީ މިވަގުތަށް ފުލުހުންނަށް އޮތް ގޮންޖެހުމެއް ކަމަށްވެސް ވިދާޅުވި އެވެ.

ޕަބްލިކް ޕީސް އަށް ޗެލެންޖު ކުރުމަށްޓަކައި ނުވަތަ ޕަބްލިކް ޕީސް ނަގާލުމަށްޓަކައި އެ މަގުސަދުގައި، އެ ވިސްނުމުގައި، އެ ރޭވުންތަކާއި އެކީގައި ކުރާ ކަންތައްތަކެއް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. އެހެންވީމާ އެ ކަންތައްތައް ހުއްޓުވުމަށްޓަކައި މަސައްކަތްތަކެއް ކުރަންޖެހޭ. ކުރަންޖެހެނީ އަޅުގަނޑުމެންގެ ގާނޫނީ ވާޖިބު އަދާކުރުމަށް
މުހައްމަދު ހަމީދު | ކޮމިޝަނާ އޮފް ޕޮލިސް


ސީޕީ ހަމީދު އިތުރަށް ވިދާޅުވީ ފުލުހުންނަކީ ޖިނާއީ އަދުލުގެ ނިޒާމުގައި ރައްޔިތުންނާ އެންމެ ގާތުން މަސައްކަތް ކުރަންޖެހޭ އިދާރާ ކަމަށްވާތީ ފުލުހުންނަށް އަބަދުވެސް ފާޑުކިޔާނެ ކަން ގަބޫލުކުރައްވާ ކަމަށެވެ. ފާޑުކިޔުން އަމާޒުވާ ކަންކަމަށް ހައްލެއް ހޯދަން ފުލުހުންގެ އާ ގާނޫނާ އެކު ވެސް އަހަރުތަކެއް ނަގާނެ ކަމުގައިވެސް ވިދާޅުވި އެވެ. އެކަމަކު އަމާޒަކީ ފާޑުކިޔުން އަމާޒުވާ ކަންކަން ހޯދައި ބަލައި އެކަންކަން އިސްލާހުކޮށް، ފާޑުކިޔުން މަދުކުރުވުން ކަމުގައި ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މިއަދުގެ ވިސްނުމަކީ ފާއިތުވި ތަނަށް ބަލައިގެން އެއަށް ވުރެ ރަނގަޅަށް ޖަވާބުދާރީވުމާއި، ކަންކަން ހަރުދަނާކުރުމާއި އެކަންތައްތަކަށް އަވަސްކޮށް ފިޔަވަޅު އެޅުމާއި، އެކަށީގެންވާ ގޮތަކަށް ޖަވާބުދާރީވުމާއި، ޒިންމާދާރުވުން އިތުރުކުރުމާއި، މިފަދަ ކަންކަން އިތުރުކުރުން. މީގެތެރެއިން އެ އިތުބާރާއި ޔަގީންކަން ހޯދުން،" ފުލުހުންގެ އިދާރާއަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ ކަމުގެ ޔަގީންކަން ދެއްވަމުން ސީޕީ ހަމީދު ވިދާޅުވި އެވެ.