ސްރީލަންކާ އިން ހިފަހައްޓައި ތަހުގީގުކުރަމުން އަންނަ ހަތިޔާރު ބޯޓް "އަވަންޓް ގާޑް ފްލޯޓިން އާމަރީ" މީގެ ދޮޅުމަހެއްހާ ދުވަސްކުރިން މ. އަތޮޅުން ފެނިފައިވާ ކަމަށް އެ އަތޮޅުގެ މަސްވެރިންތަކެއް ބުނެފި އެވެ.
މަސްވެރިން ބުނަނީ މުލީގެ ރަށް ބޭރުން އެމީހުންނަށް ފެނުނު "އޮރެންޖު ކުލައިގެ" ބޯޓަކީ ލަންކާ އިން ހިފަހައްޓާފައިވާ ހަތިޔާރު ބޯޓުކަން ކަށަވަރުވީ އޭގެ ވާހަކަ ޚަބަރުން އަޑުއިވި ފޮޓޯތައް ފެނުމުން ކަމަށެވެ.
"އޭރު އަޅުގަނޑުމެން ހީކުރީ އެއީ ޓަގް ބޯޓެއް ކަމަށް. އެކަމަކު އޭގެ ފޮޓޯތައް ޚަބަރުން ފެނުނީމަ އެނގުނީ ލަންކާ އިން ހިފަހައްޓައިގެން މި އުޅެނީ އަޅުގަނޑުމެންގެ އަތޮޅު ތެރެއިން ފެނުނު ބޯޓްކަން،" މުއްޔަށް ނިސްބަތްވާ ހިތްވަރު ތިނެއް ދޯނީގެ ކައްޕި އަހުމަދު ނައީމް އިއްޔެ ބުންޏެވެ.
އޭނާ ބުނީ އޭނާގެ ދޯނީގެ އިތުރުން އެ އަތޮޅުގެ މުލަކުގެ މަސް ދޯންޏަކަށް ވެސް އެ ބޯޓް ފެނިފައިވާ ކަމަށެވެ.
"އެ ބޯޓު އޮތް ހިސާބުގައި އޮންނައިރު ރީއްޗަށް ފެންނާނެ މުލީގެ ފުއްޓަރުގައި ނަގާ ރާޅުތައް. އެކަމަކު ރަށުގައި ތިބޭ ބަޔަކަށް އެ ބޯޓު ފެންނާނެ ކަމެއް ނޭނގޭ. ބޯޓު އޮތް ކަމަށް ލަފާކުރެވެނީ ރަށާ ފަސް މޭލު ދުރުގައި،" ނައީމް ބުންޏެވެ.
"ހެނދުނު 6:30 ގައި އަޅުގަނޑުމެން ނުކުތީ އެ ދުވަހު މަހަށް. އޭރު އެންމެ ފުރަތަމަ އެ ބޯޓެއް ފެނުނީ. ދެން ބޮޔަށް ގޮސް މަސް ބާނައިގެން ރަށަށް އަނބުރާލީ މެންދުރުން އަނބުރާ ދޭއް ޖެހިއިރު. އަޅުގަނޑުމެން އެނބުރި އައިއިރު ވެސް އެ ބޯޓު އޮތް އޭތި އޮތް ހިސާބުގައި."
ނައީމް ބުނީ އެ ބޯޓަކީ އިންޖީނު ހުއްޓިފައި އޮތް ބޯޓެއް ކަމަށް ލަފާކޮށް އެހެން ދޯންޏަކުން އެ ބޯޓާ ގާތްކުރަން ވެސް މަސައްކަތްކުރި ކަމަށެވެ.
"އަޅުގަނޑުމެންނަށް ފެނުނުއިރު އެ ބޯޓެއް އޮތީ އޭގެ އިންޖީނު ނިއްވާލައިގެން. ކުރިއަކަށް ނުދޭ އެއްގޮތަކަށް ވެސް،" ނައީމް ކިޔައިދިނެވެ.
"މަހަށް ގޮސް އެނބުރި ރަށަށް ދިޔަ މަގުމަތީގައި އަޅުގަނޑުމެން ފަހަތުން އައި މުލަކު ދޯންޏަކަށް އެ ބޯޓު ފެނިގެން އެއާ ދިމާލަށް ދާން އުޅުނު. އެއީ އެ ބޯޓަކީ އިންޖީނު ހުއްޓިފައި އޮތް ބޯޓެއް ކަމަށް ހީކޮށް. އެކަމަކު މުލަކު ދޯނި އެއާ ދިމާލަށް ނައްޓާލިތަނުން އެ ބޯޓު މުއްޔާ ދިމާލުން އުތުރަށް ނައްޓާލައިގެން ގޮސް ބޭރަށް ޖަހައިފި."
އަވަންޓް ގާޑް ފްލޯޓިން އާމަރީގެ މި ބޯޓަކީ ލަންކާގެ އެންމެ ބޮޑު ސެކިއުރިޓީ ކުންފުނި ކަމުގައިވާ އަވަންޓް ގާޑް މެރިޓައިމް ސާވިސްގެ ބޯޓެކެވެ. މި ބޯޓް ލަންކާގެ ކަނޑުގެ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކުރިއާލައި އެންގުމެއް ނެތި ލަންކާގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށެވެ.
މެރިޓައިމް ޓްރެފިކް ވެބްސައިޓްގެ ރިކޯޑްތައް ދައްކާ ގޮތުން ބޯޓް ހިފެހެއްޓިއިރު އެ ބޯޓް ދަތުރުކުރަމުން ދިޔައީ ސޫދާނުން ލަންކާގެ ވެރިރަށް ކޮލަމްބޯ އަށެވެ. ނަމަވެސް ބޯޓް އަތުލައިގަތީ އޭގެ މިސްރާބު ބަދަލުކޮށް ކޮލަމްބޯ އަށް ދިއުމުގެ ބަދަލުގައި ލަންކާގެ ގައްލޭ ސިޓީ އަށް ދަތުރުކުރަމުން ދަނިކޮށެވެ.
މިސްރާބު ބަދަލުކޮށްގެން ދަތުރުކުރަނިކޮށް ހިފެހެއްޓި މި ބޯޓުގެ ފަޅުވެރިން އެންމެ ފުރަތަމަ ބުނެފައި ވަނީ އޭގައި ހަތިޔާރުތަކެއް ވެސް ނެތް ކަމަށެވެ. ނަމަވެސް ފަހުން ވަނީ ގިނަ އަދަދެއްގެ ހަތިޔާރުތަކެއް ވެސް ފެނިފަ އެވެ. އަދި އޭގެ ތެރެއިން ގިނަ ހަތިޔާރުތަކުން ސީރިއަލް ނަމްބަރުތައް ފޮހެލާފައިވާކަން ވެސް އޮފިޝަލުން ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން މި ބޯޓު ރައްޖޭގެ ސަރަހައްދުން ދަތުރުކުރިއިރު އޭގެ ޖީޕީއެސް ޓްރެކިން ސިސްޓަމް ނިއްވާލާފައިވާ ކަމުގެ ރިޕޯޓް ވެސް ލިބެ އެވެ.
ލަންކާގެ ރައީސް މައިތިރިޕަލާ ސިރިސެނާގެ އަމުރަށް އެކުލަވައިލެއްވި ރިއާސީ ކޮމިޝަނަކުން ވަނީ މިހާރު މި ބޯޓްގެ މައްސަލަ ތަހުގީގުކޮށް ރިޕޯޓް އެކުލަވާލައިފަ އެވެ.
ގަވާއިދާ ހިލާފު ހަތިޔާރުތަކެއް އުފުލި ކަމުގެ ތުހުތަމު ކުރެވޭ ބޯޓެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެފައިވާ ކަމުގެ ރިޕޯޓް ފެތުރިފައިވާއިރު އިހަކަށް ދުވަހު ސިފައިންގެ ހާއްސަ އޮޕަރޭޝަނެއްގައި ބ. ހިނބަޅިދޫ އިން ވަނީ ގިނަ އަދަދެއްގެ ހަތިޔާރުތަކެއް ހޯދައިފަ އެވެ. މި ހަތިޔާރުތަކުގެ މައްސަލަ ގުޅިގެން ދަނީ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލުމަށް ރިއާސީ ލޯންޗުކޮޅަށް ދިން ހަމަލާގެ ތަހުގީގާ އެވެ.