އިދިކޮޅު ފަރާތްތައް

އިދިކޮޅުގެ މުޒާހަރާ: 12 މީހަކު ހައްޔަރުކޮށްފި

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސަޕޯޓަރުން މިއަދު ކުރިއަށް ގެންދާ އިހުތިޖާޖުގެ ތެރެއިން 12 މީހަކު ހައްޔަރު ކޮށްފި އެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު އިހުތިޖާޖު ކުރިއަށް ގެންދަނީ ރޭޕްގެ އަމަލުތަކާއި ދެކޮޅަށް އަދި ރޭޕްގެ ކުށްކުރާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލައެވެ.

ޕީޕީއެމްގެ އިސް ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ އިހުތިޖާޖުގެ ތެރެއިން 12 މީހަކު ހައްޔަރު ކޮށްފައިވާ ކަމަަށެވެ. އޭގެ ތެރޭގައި ޕީޕީއެމް އާއި ޕީއެންސީގެ ކައުންސިލް މެންބަރުން ވެސް ހިމެނެއެވެ.

އިދިކޮޅު ކޯލިޝަނުން ކޮންމެ ހުކުރު ދުވަހަކު އިހުތިޖާޖަށް ނިކުމެވެ. މި ދުވަސްވަރަކީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެއްވުން މަނާކޮށްފައިވާ ދުވަސްވަރެކެވެ. އެއް ފަހަރާ ފަސް މީހުންނަށްވުރެ އިތުރަށް އެއްވެ އުޅުން މަނަައެވެ.

އެހެން ކަމުން ފުލުހުން ގެންދަނީ އެއްވުންތައް ރޫޅާލާ އެއްވުންތަކަށް ހުރަސް އަަޅަމުންނެވެ. މިއަދުވެސް މެންދުރު ފަހުން ފެށިގެން ޕީޕީއެމް އޮފީސް ހިމެނޭ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.

ނަމަވެސް އިދިކޮޅު ސަޕޯޓަރުން ވަނީ މާލޭގެ އެކި ސަރަހައްދުތަކަށް އެއްވެ އިހުތިޖާޖު ކުރިއަށް ގެންގޮސްފައެވެ.