ފެނަކަ ކޯޕަރޭޝަންގެ ކަސްޓަމަރުންގެ ފެން މީޓަރުތަކަށް ނަގަމުން ދިޔަ 30 ރުފިޔާ މައާފްކޮށްދީފި އެވެ.
ފެނަކައިން މިކަން އިއުލާންކުރީ އެ ކުންފުނިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އައްޑޫގެ ތިން ރަށެއްގެ ނަރުދަމާގެ މަސައްކަތް ނިންމުމަށްފަހު އެ މަސައްކަތާއި މިއަދު ހަވާލުވުމަށްފަހު ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު އެވެ. ފެނަކައިން މިމަޝްރޫއާ މިއަދު ހަވާލުވި ނަމަވެސް އެމްޓީސީސީން ބުނި ގޮތުގައި އޮކްޓޫބަރު 11، 2019ގައި މިމަޝްރޫއު ވަނީ ނިންމާފަ އެވެ.
ފޭދޫގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ސައީދު ވިދާޅުވީ ފެނަކައިގެ މި ނިންމުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ނިންމެވުމެއް ކަމަށެވެ. މީޓަރަށް ނަގަމުން ދިޔަ 30 ރުފިޔާ ފެނަކައިގެ ހުރިހާ ކަސްޓަމަރުންނަށް ވެސް މިއަދުން ފެށިގެން މައާފްވެގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
ފެނަކައިގެ ހިދުމަތް ހޯދުމަށް މީޓަރު ގުޅާއިރު ނަގަމުންދިޔަ 30 ރުފިޔާގެ ފީ އުވާލުމުގެ ވާހަކަ ފެނަކައިން އެންމެ ފުރަތަމަ ދެެއްކީ ވެސް ޖެނުއަރީ 25، 2019ގައި އައްޑޫގައި އެމްޑީޕީން ބޭއްވި ބައްދަލުވުމެއްގަ އެވެ. އެއީ މިމަހުގެ 10 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު ކޮވިޑާ ގުޅިގެން ފަސްކުރިކަން އިއުލާންކުރުމުގެ ކުރިން އިންތިހާބަށް އެމްޑީޕީގެ މެނިފެސްޓޯ އެކުލަވާލުމަށް ބޭއްވި ބައްދަލުވުމެކެވެ.
ނަރުދަމާގެ މަސައްކަތް ނިންމާ ހަވާލުކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ މަރަދޫފޭދޫއާއި، މަރަދޫގެ އިތުރުން ފޭދޫ އެވެ. މިމަސައްކަތަށް 129.58 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެ އެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ސައީދު ވިދާޅުވީ ނަރުދަމާގެ މަސައްކަތް ނިމިފައިވާ އައްޑޫގެ ރަށްތަކުގައި ގޭގެއަށް ކަނެކްޝަން ގުޅުމަށްޓަކައި އެ މަސައްކަތް ކުރަން އިއުލާންކޮށްފައިވާތީ ހިދުމަތް ހޯދުމަށް ފޯމް ފުރުމަށްފަހު ހުށަހެޅުމަށް އެދޭ ކަމަށެވެ.
ސައީދު އިތުރަށް ވިދާޅުވީ އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ފެނުގެ ހިދުމަތް އިތުރަށް ރަނގަޅު ކުރުމަށްޓަކައި މިވަގުތު ހުރި 1،280 ޓަނުގެ ކެޕޭސިޓީ 14،000 ޓަނަށް ބަދަލުކުރުމުގެ މަސައްކަތެއް ވެސް އެ ކުންފުނިން ކުރަމުންދާ ކަމަށެވެ.