ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ބޮލީވުޑް

އާލިއާ ކޮވިޑަށް ޕޮޒިޓިވް ވުމުން މަންމަ ބިރުން

އާލިއާ ބަޓް ކޮވިޑް-19 އަށް ޕޮޒިޓިވްވެ އޭނާ ވަނީ އެވާހަކަ ސޯޝަލް މީޑިއާގައި ބުނެފަ އެވެ. އެކަމަކު މިކަމާ އެންމެ ބޮޑަށް ބިރުގަނެފައި ވަނީ އާލިއާގެ މަންމަ ސޯނީ ރާޒްދާނެވެ. ސޯނީގެ އޮފިޝަލް ޓުވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައި އޭނާ ބުނެފައި ވަނީ މިފަހަރު ނަގާފައި ވަނީ އާދައިގެ ރާޅެއް ނޫން ކަމަށެވެ. މިހާރު މި ބަލިމަޑުކަން ހުރިހާ ތަނެއްގައި އެބަ އޮތް ކަމަށެވެ.

"މިއީ އާދައިގެ ރާޅެއް ނޫން. ހުރިހާ ތަނެއްގައި، އަހަރެމެންގެ ގޭގޭގައި އަހަރެމެންގެ އިސްތަށިގަނޑުގައި މި އެބައޮތް. އަހަރެން މިހާރު މިހިރީ ކުޑަކޮށް ބިރުގަނެފައި. ސަބަބަކީ މިއީ އާދައިގެ ރާޅެއް ނޫން ވީމަ. ނޭނގެ މިކަމުން ސަލާމަތް ވެވޭނެ ގޮތެއް. އަދި މިކަމަށް ހެދޭނެ ގޮތެއް،" ސޯނީގެ ޓުވީޓުގައި ވެއެވެ.

އާލިއާ ޕޮޒިޓިވްވީކަން އިންސްޓަގްރާމްގައި ޝެއާ ކުރަމުން އާލިއާ ބުނެފައި ވަނީ އޭނާ މިވަގުތު ހުރީ ގޭގައި އަމިއްލައަށް ކަރަންޓީނު ވެގެން ކަމަށެވެ. އަދި ޑޮކްޓަރުންގެ އިރުޝާދާއި ޕްރޮޓޮކޯލް އާ އެއްގޮތަށް ކަންތައްތައް ކުރަމުންދާ ކަމަށެވެ.

މީގެ ކުރިން އާލިއާގެ ލޯބިވެރިޔާ އަދި އެކްޓަރު ރަންބީރު ކަޕޫރު ވެސް ކޮވިޑަށް ޕޮޒިޓިވްވި އެވެ. އަދި ރަންބީރުގެ މަންމަ ނީތޫ ސިންގް ވެސް ޕޮޒިޓިވް ވިއެވެ. ނަމަވެސް އެ ދެމައިން މިހާރު ވަނީ ބަލިން ފަސޭހަވެފަ އެވެ. އެންމެ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވީ އެކްޓަރުންގެ ތެރޭގައި ކާރްތިކް އާރްޔަން، އާމިރު ހާން، ޕަރޭޝް ރާވަލް އަދި ރޯހިތު ސަރަފު ހިމެނެ އެވެ.

ސޯނީ މީގެ ކުރިން ވަނީ އިންޑީޔާގައި ވެކްސިން ޖަހައި ދިނުމުގައި ހަމައެކަނި އުމުރުން ދުވަސްވީ މީހުންނަށް އިސްކަން ދެނީ ކީއްވެތޯ ސުވާލު ކޮށްފަ އެވެ. އޭނާ ބުނެފައި ވަނީ ގޮތުގައި އުމުރުން 16 އަހަރާ 40 އަހަރާ ދެމެދުގެ މީހުންނަކީ އެންމެ ގިނައިން ބޭރު ތެރޭގައި އުޅޭ މީހުންނަށް ވާތީ އެމީހުންނަށް ވެކްސިން ދިނުމުގައި އިސްކަން ދޭންޖެހޭނެ ކަމަށް ފެންނަ ކަމަށެވެ.

އަދި މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ވެސް ވެކްސިން ދިނުން އަވަސް ކުރަން ޖެހޭނެކަމަށް ސޯނީގެ ޓުވީޓްގައި ބުންޏެވެ. ސަބަބަކީ އޭގެ ތެރެއިން އެކްޓަރުން ފަދަ މީހުންނަކީ މާސްކް ނަގައިގެން ގިނަ ވަގުތު އުޅެން ޖެހޭ ބަޔަކަށް ވާތީ އެވެ.

ސޯނީގެ މި ޓުވީޓަށް ގިނަ ބަޔެއްގެ ފާޑުކިޔުން ވެސް އޭނާއަށް އަމާޒުވި އެވެ.