މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނާއި ބަންދުގައި ތިބޭ މީހުންނަށް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމުގައި ކަރެކްޝަންސް އިން ބުނެފި އެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޖަލުގައި ތިބި ގައިދީންނަށް ވެކްސިން ދިނުމަށްޓަކައި އެޗްޕީއޭގައި އެދުމުން މާފުށި އަދި ހިންމަފުށި ޖަލުގައި ބައެއް ކަހަލަ އާލާތްތަކާއި ވަސީލަތްތައް ހޯދާ، ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސަން އެންގި ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އެޗްޕީއޭ އިން އެދުނު ގޮތަށް ހޯދަންޖެހޭ ތަކެތި ހަމަކޮށްގެން ގައިދީންނަށް ވެކްސިން ދޭން މަޑުކުރާނަމަ މާފުށްޓާއި ހިންމަފުށި ޖަލުގައި ތިބޭ ގައިދީންނަށް ވެކްސިން ދިނުން ލަސްވެގެންދާނެ ކަމަށް ފެންނަ ކަމަށެވެ. އެހެންކަމުން މިހާރު މަސައްކަތް ކުރަނީ މާފުށި އަދި ހިންމަފުށި ސިއްހީ މަރުކަޒާ ގުޅިގެން ގައިދީންނަށް ވެކްސިން ދިނުމަށް ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ކުރެވުނު މަސައްކަތާ އެކު މި ފެށޭ ހަފްތާގެ ތެރޭގައި ގައިދީންނަށް ވެކްސިން ޖެހުމަށް މިދަނީ މަސައްކަތް ކުރަމުން. ގައިދީންގެ ތެރެއިން ވެކްސިން ޖެހުމަށް އެއްބަސްވާ ގައިދީންނަށް އަޅުގަނޑުމެން ވެކްސިން ޖަހައިދޭނަން،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލެ ޖަލާއި، ހުޅުމާލެ ޖަލުގައި ތިބޭ ގައިދީންނަށް ވެސް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ވެކްސިން ޖެހުމުގެ މަސައްކަތްތަކެއް ކުރިއަށްދާ ކަމަށެވެ. މިމަސައްކަތުގައި ދަމަނަވެށީގައި މަސައްކަތް ކުރައްވާ ސިއްހީ އެހީތެރިންގެ އެހީތެރިކަން ލިބޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަން ފެށީ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު އެވެ. އަދި ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިދޭން މިއަދު ވަނީ ފަށާފަ އެވެ.
ކޮވިޑުން ރައްކާތެރިވާން ރާއްޖޭގައި އެންމެ ފުރަތަމަ ޖަހަން ފެށީ އޮކްސްފޯޑް - އެސްޓްރަޒެނަކާގެ ކޮވިޝީލްޑް ވެކްސިނެވެ. އެކަމަކު މިހާރު ޗައިނާގެ ސިނޯފާމްގެ ވެކްސިން ރާއްޖެއަށް ގެނެސް އެ ވެކްސިންގެ ފުރަތަމަ ޑޯޒް ވެސް ދަނީ ޖަހަމުންނެވެ. އަދި ފައިޒާ-ބަޔޯންޓެކް ވެކްސިން ވެސް މިހާރު ވަނީ ރާއްޖެއަށް ގެނެސްފަ އެވެ.