އުނގޫފާރު

އުނގޫފާރާއި ކުޅުދުއްފުށި ހުޅުވާލައިފި

ރ. އުނގޫފާރާއި ހދ. ކުޅުދުއްފުށި މޮނީޓަރިން އިން ނަގައިފި އެވެ.

ކޮވިޑް ފެތުރެމުންދާތީ އެ ދެ ރަށްވެސް މޮނީޓަރިން އަށް ގެންދިޔައީ މިދިޔަ މަހު އެވެ. އޭގެ ތެރެއިން ކުޅުދުއްފުށި މޮނީޓަރިން އިން ނެގީ މިދިޔަ އާދިއްތަ ދުވަހު އެވެ. އަދި އުނގޫފާރު މޮނީޓަރިން އިން ނެގީ މިއަދު އެވެ.

އެ ދެ ރަށް މޮނީޓަރިންއަށް ލުމާ ގުޅިގެން ދެ ރަށުގެ ރީޖަނަލް ހޮސްޕިޓަލަށް ފަރުވާ ހޯދަންދާ އެހެން ރަށްރަށުގެ މީހުންނަށްވެސް ދަތިތަކެއް ކުރިމަތިވި އެވެ. އެ ދެ ދަށު ހޮސްޕިޓަލުންވެސް ކޮންމެ ދުވަހަކު 400 އެއްހާ މީހުން މޮނީޓަރިންގެ ކުރިން ހިދުމަތް ހޯދަމުން ދިޔަ އެވެ.

ނަމަވެސް މޮނީޓަރިންގެ ހާލަތު އުވާލާފައިވާތީ މިހާރު އެހެން ރަށްރަށުގެ މީހުންނަށް އެ ދެރަށަށް ކުރިއެކޭ އެއްގޮތަށް ދެވޭނެ އެވެ. އުނގޫފާރު ރީޖަަނަލް ހޮސްޕިޓަލުން އޯޕީޑީގެ ހިދުމަތް މާދަމާއިން ފެށިގެން ދޭން ފަށާއިރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މިހާރުވެސް ހިދުމަތްތައް ކުރިއެކޭ އެއްގޮތަށް ލިބެ އެވެ.

އުނގޫފާރުން ކޮވިޑް ކޭސް އެއް މިފަހުން ފެނުނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ. އޭގެ ފަހުން އިތުރު ކޭސްތަކެއް ފެނި ކަރަންޓީނު ކުރި މީހުންގެ ސާމްޕަލްތައް ނެގެޓިވްވުމުން މިހާރު އެރަށް މޮނީޓަރިންގެ ހާލަތުގައި ބާއްވަން ޖެހޭ ސަބަބެއް ނެތް ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

ކުޅުދުއްފުށިން ޕޮޒިޓިވްވީ ޅ. ނައިފަރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެނައި މީހެކެވެ. އޭގެ ފަހުން ނެގި ސާމްޕަލްތަކެއް ނެގެޓިވްވުމުން މިހާރު މޮނީޓަރިން އުވާލީ އެވެ.