އެޗްއާރްސީއެމް

މަދަނީ ބަދަލު ނަގައިދޭން އެޗްއާރްސީއެމުން ތައްޔާރުވަނީ

އިންސާނީ ހައްގުތަކަށް އަރައިގަތުމުން މަދަނީ ބަދަލު ނަގައިދިނުމުގެ އުސޫލު އެކުލަވާލައި މިއަހަރުގެ ތެރޭގައި އެ އުސޫލު ތަންފީޒު ކުރަން ފެށޭނެ ކަމަށް ބެލެވޭ ކަމުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

އަވަސް އަށް މިއަދު ދެއްވި އިންޓަވިއެއްގައި އެޗްއާރްސީއެމްގެ މެންބަރު ޑރ. އަހްމަދު އަދުހަމް އަބްދުﷲ ވިދާޅުވީ މަދަނީ ބަދަލު ނަގައިދިނުމުގެ ޒިންމާ ކޮމިޝަނަށް މަތިކޮށްފައިވާތީ އެކަމާ ގުޅޭ ގަވައިދުތަކާއި އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް މިހާރު ހިނގަމުންދާ ކަމަށެވެ.

އަދުހަމް ވިދާޅުވީ ބަދަލު ނަގައިދޭން ފެށުމާއި އެކު ގިނަ އަދަދެެއްގެ މައްސަލަތަކެއް ކޮމިޝަނަށް ހުށަހެޅޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެހެންކަމުން އެފަދަ މައްސަލަތައް ބަލައިގަތުމުގައި ހަރުދަނާ ގާނޫނީ އޮނިގަނޑެއް އޮތުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމުގައި ވިދާޅުވި އެވެ. އަދި އެފަދަ މައްސަލަތައް ބަލައި އަވަހަށް ގޮތްތަކެއް ނިންމައިދިނުމަކީ ވެސް މުހިއްމު ކަމެއް ކަމުގައި ކޮމިޝަނުން ދެކޭ ކަމަށް ވިދާޅުވި އެވެ.

"ދެން އެހެންނަމަވެސް މިވަގުތު އަޅުގަނޑުމެންގެ ކޮމިޝަންގައި އަދި އެއް މެންބަރަކު މަދު. ކޮމިޝަންގެ މެންބަރުންގެ އަދަދު ފުރިހަމަކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެދަނީ. އަޅުގަނޑުމެންގެ މެންބަރުން ހަމަވުމާ އެކު މިކަމާ ގުޅޭ ގަވައިދުތަކާއި އުސޫލުތައް ނިމި، މިއަހަރުގެ ތެރޭގައި މިކަން ފަށައިގަނެވޭނެ ކަމަށް އަޅުގަނޑުމެންނަށް ބެލެވޭ. އެކަމަކު ޔަގީންކަމާއެކު ވަކި ދުވަހެއް ދަންނަވަން ދަތި،" އަދުހަމް ވިދާޅުވި އެވެ.

އިންސާނީ ހައްގުތަކަށް އަރައިގަތުމުން މަދަނީ ބަދަލު ނަގައިދިނުމަކީ އެރްއާރްސީއެމް އަށް މީގެކުރިން ލިބިފައި އޮތް ގާނޫނީ ބާރެއް ނޫނެވެ. މިކަން ކުރަން ކޮމިޝަނަށް ގާނޫނީ ބާރު ލިބުނީ ކޮމިޝަންގެ ގާނޫނަށް ގެނެވުނު ދެވަނަ އިސްލާހު، ސެޕްޓެމްބަރު 22، 2020 ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތަސްދީގުކުރެއްވުމާ ގުޅިގެންނެވެ.

އެޗްއާރްސީއެމްގެ ގާނޫނުގެ 20 ވަނަ މާއްދާގެ (ހ)އަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ މީހެއްގެ އިންސާނީ ހައްގެއް ނިގުޅައިގެންފި ކަމަށް، ނުވަތަ އިންސާނީ ހައްގެއް ނިގުޅައިގަތުމުގައި ބައިވެރިވެއްޖެ ކަމަށް، ނުވަތަ އެފަދަ ކަމަކަށް އެހީތެރިވެއްޖެ ކަމަށް ބުނެ، އެ މީހަކު އަމިއްލަ އަށް ނުވަތަ އޭނާގެ ފަރާތުން އެހެން މީހަކު ނުވަތަ ބަޔަކު ނުވަތަ ޖަމާއަތަކުން މައްސަލައެއް ހުށަހަޅައިފިނަމަ، އެ މައްސަލައެއް ތަހުގީގުކޮށް ބެލުމާއި، އެފަދަ ކަމެއް ހުއްޓުވުމަށް ނުވަތަ ހިނގިޔަ ނުދިނުމަށް ފިޔަވަޅު އެޅުމުގައި އިހުމާލުވެފައިވާ ކަމަށް ބުނެ، މީހަކު އަމިއްލައަށް ނުވަތަ އޭނާގެ ފަރާތުން އެހެން މީހަކު ނުވަތަ ބަޔަކު ނުވަތަ ޖަމާއަތަކުން މައްސަލައެއް ހުށަހަޅައިފިނަމަ، އެ މައްސަލައެއް ތަހުގީގުކޮށް ބެލުމާއި، އިންސާނީ ހައްގެއް ނިގުޅައިގެންފައިވާ ކަމަށް ކޮމިޝަނަށް ސާބިތުވެއްޖެ ހިނދެއްގައި މަދަނީ ފިޔަވަޅު އެޅުމާއި، އަނިޔާ ލިބުނު ފަރާތަށް މަދަނީ ބަދަލު ނަގައިދިނުމާއި، މި ގާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ކޮމިޝަންގެ މަސްއޫލިއްޔަތެއް ކަމަށެވެ.

މީހެއްގެ އިންސާނީ ހައްގެއް ނިގުޅައިގެންފި ކަމަށް ކޮމިޝަނަށް ފެނިއްޖެނަމަ ކޮމިޝަނުން އިސްވެ އެ މައްސަލައެއް ބަލައި ތަހުގީގުކޮށް ބަދަލު ނަގައިދިނުމަކީ ވެސް މިހާރު ކޮމިޝަނަށް ލިބިގެންވާ ބާރެކެވެ.

މަދަނީ ބަދަލު ނަގައިދިނުމަށް އެޗްއާރްސީއެމުން ތައްޔާރުވަމުން ދިޔަ ނަމަވެސް ކަމާ ގުޅޭ އުސޫލުތައް އެކުލަވާލުމަށާއި މިކަން ފަށައިގަތުމަށް ގާނޫނުގައި ވަކި މުއްދަތެއް ބުނެފައެއް ނުވެ އެވެ. އަދި ކޮމިޝަނުން މަދަނީ ބަދަލު ނަގައިދޭން ތައްޔާރުވަމުންދާއިރު ވަކި ދުވަސްވަރެއްގައި ހިނގާފައިވާ މިފަދަ މައްސަލައެއް ނުބެލޭނެ ކަމަކަށް ވެސް ގާނޫނުގައި ބުނެފައެއް ނުވެ އެވެ.

އެޗްއާރްސީއެމުން މީގެކުރިން އަމަލުކުރަމުން އައި އުސޫލަކީ އިންސާނީ ހައްގުތަކާ ގުޅޭ މައްސަލަތައް ކޮމިޝަނަށް ހުށަހެޅުމުންނާއި އަދި ބައެއް މައްސަލަތައް ކޮމިޝަންގެ އިސް ނެގުމުގެ މަތިން ބަލައި ތަހުގީގުކުރުމަށްފަހު ދައުވާކުރަންޖެހޭ ފަރާތެއް ހުރި ކަމަށް ކޮމިޝަނަށް ފާހަގަކުރެވޭނަމަ އެ މައްސަލައެއް ޕީޖީ އޮފީހަށް ފޮނުވައިގެން ދައުވާ ކުރުމެވެ. ބައެއް މައްސަލަތައް ބެލުމަށްފަހު އިސްލާހުކުރަންޖެހޭ ކަމަށް ކޮމިޝަނަށް ފެންނަ މައްސަލަތައް ފާހަގަކޮށް އެ އެމައްސަލަތައް އިސްލާހުކުރުމަށް އެންގުމަކީ ވެސް ކޮމިޝަނުން ކުރަމުންދާ މަސައްކަތެކެވެ.