ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ވޯޓްލާން އެއް ރަށުން އަނެއް ރަށަށް ދިއުމުގެ ހުއްދަ ދޭނެ

އަތޮޅުތެރޭގައި ދިރިއުޅޭ މީހުން އެއް ރަށުން އަނެއް ރަށަށް ވޯޓްލާން ދިއުމުގެ ހުއްދަ ދޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އަންގައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް މިއަދު ވިދާޅުވީ އަތޮޅުތެރޭގައި ދިރިއުޅޭ މީހުން އެއް ރަށުން އަނެއް ރަށަށް ވޯޓްލާން ދިއުމުގެ ހުއްދަ ދޭނެ ކަމަށް އެޗްޕީއޭއިން އަންގާފައިވާ ކަމަށެވެ. އަދި މޮނިޓަރިންގެ ހާލަތުގައިވާ ރަށްރަށްވެސް ރަށުގެ ޓާސްކްފޯސްއާ ގުޅިގެން ހަމައެކަނި ވޯޓްލާން ދިއުމުގެ ހުއްދަ ދޭނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ އެއްވެސް ރިސޯޓަކުން އެހެން ރަށަކަށް ވޯޓް ލާން ދިއުމުގެ ހުއްދަ ނުދޭނެ ކަމަށެވެ. މި ފަހަރުގެ އިންތިހާބުގައި 137 ރިސޯޓެއްގައި ވޯޓްފޮށި ބަހައްޓާނެއެވެ.

މި މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބުގެ އެންމެ ފަހުގެ ތައްޔާރީތައް ކޮމިޝަނުން މިހާރު ދަނީ ކުރަމުންނެވެ. ޕާޓީތަކުގެ ކެންޕެއިންވެސް ދަނީ ފޯރިގަދަވަމުންނެވެ.