ރޯދަ މަހާ ރޯއްޖާ

ރޯދަ ކައިރީގައި: އަގުތައް ހުރީ ކިހިނެއް؟

Apr 4, 2021
1

ރޯދަ މަސް ފެށެން މިހާރު މިއޮތީ ދުވަސްކޮޅެކެވެ. ދެން ލައްވާލާނީ ރޯދަ މަހާ އެވެ. މި މަސް ކޮންމެ އަހަރަކުވެސް ވެގެންދަނީ ބާޒާރުގައި އަގުތަކަށް އެންމެ ބޮޑު ބަދަލެއް އަންނާނެ މަހަށެވެ. ބައެއް ތަކެތީގެ އަގުތައް އިންތިހާ އަށް މަތިވެގެންދިއުމަކީ އަބަދުވެސް ވާ ކަމެކެވެ. އެއްޗެއް އަގު ހެޔޮ ވެގެން މީހަކު ވާހަކަ ދެއްކި އަޑެއް ނުއިވޭ ހަމައެކަނި މަހަކީ ރޯދަ މަސް ކަމަށް ބުނެވިދާނެ އެވެ.

ރޯދަމަސް ބޯމަތިވެފައިވާއިރު ބާޒާރުގައި އަގުތައް މިހާރު ހުރީ ކިހިނެއް ހެއްޔެވެ؟ އެންމެ ބޮޑީ ކޮން އެއްޗެއް ހެއްޔެވެ؟ މި އަހަރު އަގުތައް މަތި ވެގެން ދިއުން ކޮންޓްރޯލް ކުރެވިދާނެ ހެއްޔެވެ؟

ނުވަ ދުވަހަށް ކަރިވެފައިވާ ރޯދަމަހާއެކު މިއަދު ބާޒާރަށް ގޮސް ނެގި އަގު ލިސްޓުން އަގުތަކަށް އައިސްފައިވާ ބަދަލު ފެނެ އެވެ.

ތަކެތީގެ އަގު ހުރި ގޮތް

  • ފިޔާ ބަސްތާއެއް 250ރ.
  • އަލުވި ބަސްތާއެއް 250ރ. އަށް
  • ބިސް ކޭހެއް 200ރ. އަށް
  • ކަރާ ކިލޯއެއް 20ރ. އަށް
  • ލޮނުމެދު ކިލޯއެއް 55ރ. އަށް
  • ކެބެޖެއް ކިލޯއެއް 15ރ. އަށް
  • ބަޓާނާ ކިލޯއެއް 45ރ. އަށް
  • ލުނބޯ ކިލޯއެއް 22ރ. އަށް
  • ބީޓް ރޫޓް ކިލޯއެއް 65ރ. އަށް
  • ކެޕްސިކަމް ކިލޯއެއް 80ރ. އަށް
  • ދިވެހި މިރުސް ކިލޯއެއް 230ރ. އަށް
  • ކެރެޓް ކިލޯއެއް 20ރ. އަށް
  • ބީންސް ކިލޯއެއް 65ރ. އަށް
  • ކަދުރު/ ޕެކެޓު އަދި ދަޅު 90ރ. އިން މަތީގައި

ރާއްޖޭގެ ބާޒާރަށް އެންމެ ގިނައިން މުދާ ފޯރުކޮށްދޭ ވިޔަފާރިވެރިން ބުނާ ގޮތުގައި މި އަހަރުގެ ރޯދަ މަހު އަގުތައް މަތި ވެގެން ދިޔަ ނުދިނުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ދަނީ ކުރަމުންނެވެ.

މާލޭގައި 11 ފިހާރަ ހިންގާ ރެޑްވޭވުގެ މެނޭޖަރު އަލީ ޝާކިރު ވިދާޅުވި ގޮތުގައި އެ ކުންފުނިން ކަސްޓަމަރުންނަށް ދޭނެ ޔަގީން ކަމަކީ އަގުތައް ބޮޑުވިޔަ ނުދޭން އެ ކުންފުނިން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

"މިހާތަނަށް ބާޒާރު ކޮންޓްރޯލް ކުރަން އެންމެ މަސައްކަތް ކުރި އެއް ބަޔަކަށް އަޅުގަނޑުމެން ވާނެ. ދާދިފަހުން މިވަނީ ގިނަ ބާވަތްތަކެއްގެ އަގުވެސް ހެޔޮކޮށްފަ. ފިޔާ، އަލުވި 10ރ. އަށް ކިލޯ އަދި ބިސް 1.50ރ. އަށް ހެޔޮ ކުރީމަ ބައެއް އެހެން ފަރާތްތަކުން އަގު ހެޔޮ ކުރި. ބާޒާރުން މިހާރު ފެންނަނީ އެކަން،" އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކަސްޓަމަރުންނަށް އަގު ހެޔޮކޮށް މުދާ ފޯރުކޮށް ދިނުމަށްޓަކައި ކުރަމުން ގެންދާ މަސައްކަތުގެ ދަށުން، ދާދިފަހުން ފެންވަރު ރަނގަޅު ކޮލިޓީ ހިކި ކިރެއް ވެސް ތައާރަފުކޮށްފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ވިއްކާ މަޖަން ހިކި ކިރުގެ 900ގ. ގެ ޕެކެޓެއް ލިބޭނެ 90ރ. އަށް އެހެން ހިކި ކިރު މިލިބޭ އަގަށްވުރެ އެތަށް ގުނައެއް ހެޔޮކޮށް އެހެންވީމަ މި ލިބެނީ،" އަލީ ވިދާޅުވި އެވެ.

ގިނަ ވިޔަފާރިވެރިން ބުނާ ގޮތުގައި މުދާ އެތެރެ ކުރަން ކުރިން އޮތް އެންމެ ބޮޑު ހުރަހަކީ ޑޮލަރު ލިބުމުގައި ހުރި ދަތިކަމެވެ. ނަމަވެސް މިހާރު އެކަމަށް ކޮންމެ ވެސް ވަރަކަށް ލުއި ލިބިގެން ގޮސްފައިވުމަކީ ރޯދަ މަހުު މުދަލުގެ އަގު ބޮޑު ވެގެން ދިޔަ ނުދިނުމަށް އެޅުނު ބާރެއްގެ ގޮތުގައި އެމީހުން ދެކެ އެވެ.

"މި ޑޮލަރު ލިބެން ފެށީ އެއްވެސް ގޮތެއްގައި ސަރުކާރުން ކުރިކަމެއްގެ ސަބަބަކުން ނޫން. ޓޫރިޒަމް ރަނގަޅުވީމަ މިހާރު ބްލެކުން ކުރި އަށް ވުރެ ދަށްކޮށް ލިބޭ. ބޭންކުތަ ކުން މިހާރު ވެސް ނުލިބެ ބޭނުންވާ ޑޮލަރުގެ 10 ޕަސެންޓު ވެސް،" ނަން ނުކެހުމަށް އެދި ވިދާޅުވި އެވެ.

ބާޒާރުގައި އަގުތައް މިހާރު ހުރި ގޮތަށް ބަލާއިރު މި އަހަރު އެންމެ އަގުތައް މަތިވާނެ ކަމަށް ބެލެވޭ ބާވަތް ތަކަކީ ކައްކަން ބޭނުން ކުރާ ތެލުގެ ބާވަތްތަކެވެ. ކުކިން އޮއިލްގެ އަގުތައް މަތީގައި ހުންނާނެ ކަމަށް ވަނީ ބެލެވިފަ އެވެ. މިހާރު ވެސް ނިސްބަތުން އެންމެ އަގު ބޮޑީ ކުކިން އޮއިލް އެވެ.

ރޯދަ މަސް ވެެގެންދާނީ ބާޒާރުމަތި ވެސް ހަލަބޮލިވާނެ ދުވަސް ވަރަކަށެވެ. އަދި ކޮންމެ ދުވަހު އެތަށް ފަހަރަކަށް އަގުތަކަށް ބަދަލުއައިސް މަތިވެ ދަށްވެއެވެ. އެހެންވެ މިހާރު ބާޒާރުގައި ހުރި ސްޓޮކަށް އަންނަ ބަދަލާއި ސަޕްލައިއަށް އަންނަ ބަދަލުގެ ސަބަބުން އޯވަނައިޓުގައިވެސް އަގުތަކަށް ބޮޑު ބަދަލެއް އައުމަކީ ގާތް ކަމެކެވެ.