ރޭޕް

ދުވާފަރު ރުގްޔާ ކޭސް: ޝަރީއަތް ސިއްރުކޮށްފި

ޖިންނީންގެ އުނދަގުލުން ސަލާމަތް ކުރަން ކަމަށް ބުނެ އޮޅުވާލައި ރ. ދުވާފަރުގައި ހަތަރު މައިން ގެއެއްގައި ބަންދުކޮށް، ރުގްޔާގެ ނަމުގައި ހަތަރުމައިން ރޭޕް ކުރި -- އިތްފަތް ފޭރުނު -- ދެ މީހުންގެ ޝަރީއަތް ސިއްރު ކޮށްގެން ކުރިޔަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ. މިއީ ރާއްޖޭގެ ތާރީހުގައި ރުގުޔާއާ ގުޅުވައިގެން އައި މި ބާވަތުގެ ފުރަތަމަ މައްސަލަ އެވެ.

މި ނިންމުން މިއަދު ގެނައި އިރު މި މައްސަލައިގެ ދެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މީގެ ކުރިން ބާއްވާފައި ވެއެވެ. ކުރީގެ ދެ މަޖިލިސް ވެސް ސިއްރުކޮށްފައި ވެއެވެ. މި މައްސަލައިގެ އަޑު އެހުމެއް މިއަދު ހެނދުނު 9:00 ޖެހި އިރަށް ތާވަލްކޮށްފައި އޮތެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ބުނީ މައްސަލައިގެ ބާވަތުން ޝަރީއަތް ސިއްރު ކުރީ ކަމަށެވެ.

އަންހެނަކާއި އޭނާގެ ތިން ދަރިންނަށް ޖިސްމާނީ އަދި އަންހެން މީހާއާއި އޭނާގެ ދޮށީ ދަރިފުޅަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިި ވަނީ އަންހެން މީހާގެ ފިރިމީހާ، ރ. ކަނދޮޅުދޫ މިރިހިމާގެ، އިސްމާއިލް ވަހީދާއި ރުގްޔާގެ ނަމުގައި ސިހުރުގެ އަމަލުތަކެއް ހިންގި ރ. ކަނދޮޅުދޫ، ދިލްސާދުއާގެ، މުހައްމަދު އަސީލެވެ. މި ދެމީހުން ޝަރީއަތް ނިމެންދެން ތިބީ ބަންދުކޮށްފަ އެވެ.

ޑިސެމްބަރު 26، 2004 ގެ ސުނާމީއަށް ފަހު ކަނދޮޅުދޫ މީހުން ދުވާފަރަށް ހިޖުރަ ކުރި އެވެ. ނަމަވެސް އަދިވެސް ކަނދޮޅުގެ ރަޖިސްޓަރީ އޮވެ އެވެ. އެހެންވެ ހިޖްރަ ކުރި ގިނަ މީހުންގެ ރަޖިސްޓަރީ އޮންނަނީ ފަޅަށް އޮތް ކަނދޮޅުދޫގަ އެވެ.

އަންހެން މީހާއާއި އޭނާގެ ދަރިފުޅު ގަޔަށް ޖިންނި ވަދެފައިވާ ކަމަށް ބުނެ ދިރިއުޅޭ ގޭގައި އެމީހުން ރަހީނުކޮށްގެން އެކި ހާނިއްކަ ވަނީ ކޮށްފަ އެވެ. އަދި ޖިންސީީ އަނިޔާގެ އިތުރުން ނަފްސާނީ ގޮތުން ވެސް އަނިޔާދީފައި ވެއެވެ.

މި މައްސަލައިގައި މި ދެމީހުން ހައްޔަރުކޮށް ދައުވާ ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.