ޓެކްނޯލޮޖީ

މައިކްރޮފްޓް ޓީމްއަށް އާ އަޕްޑޭޓެއް، ބޮޑު ފަސޭހައެއް

މައިކްރޮސޮފްޓް ޓީމް ބޭނުންކުރާ ކުންފުނިތަކަށް ބޭނުންތެރި އަޕްޑޭޓެއް ޓީމަށް ލިބުން ކުޑަތަންވެއްޖެ އެވެ. މައިކްރޮސޮފްޓްއިން ބުނީ ފަސޭހަކަން ތަޖުރިބާ ކުރެވޭނީ "އޮންލައިން ކޮލަބޮރޭޝަން ޕްލެޓްފޯމް" ބޭނުން ހިފާ މީހުންނަށް ކަމަށެވެ.

އިންޓަނެޓް މެދުވެރިކޮށް ޓީމް ބޭނުން ކުރާއިރު ބޭންޑިވިތު ނަގާ މިންވަރު އެޑްމިންއަށް ކޮންޓްރޯލް ކުރެވޭނެ ކަމަށް މައިކްރޮސޮފްޓުން ބުނެ އެެވެ. އަދި ބުނީ ޓީމްގެ ފީޗާތައް ބޭންޑްވިތަށް ކަތާ ވަރުގައި ހިފެހެއްޓޭނެ ކަމަށެވެ. މާނައަކީ ނެޓްވޯކް ސްލޯވި ނަމަވެސް ހިދުމަތް ކެނޑިގެނެއް ނުދާނެ ކަމެވެ.

އެކި ގައުމުތަކުގައި ގޮފިތައް ހިންގާ ކުންފުނިތަކަށް އަދި އޮންލައިން ކްލާސް ހިންގާ މުދައްރިސުންނަށް ވެސް މިއީ ބޮޑު ފަސޭހައަކަށް ވާނެ އެވެ. އެއީ އެކި ރަށްރަށުން ކުދިން ބައިވެރިވާ ކުލާސްތައް ހިންގުމުގައި ނެޓްވޯކަށް ބާރު ބޮޑުވެ ކަނޑައިގެންދާ ހާލަތްތައް މަދުވާނެތީ އެވެ.

ކޮވިޑްގެ ނުރައްކަލުގައި ދުނިޔެ ބިރުގެންފަައި އޮތްއިރު ފީޗާތައް ފުޅާ ވެގެން އައި ގޫގުލް މީޓް، މައިކްރޮސޮފްޓް ޓީމް އަދި ޒޫމް ފަދަ އޮންލައިން ޕްލެޓްފޯމްތަކުގެ ސަބަބުން ދިރިއުޅުން ވަރަށް ބޮޑަށް ވަނީ ފަސޭހަވެފަ އެވެ. ވިޔަފާރި މީޓިންތައް އަދި އޮންލައިން ކްލާސްތަކަށް މި އެޕްލިކޭޝަންތަކުން، އަގު ނުކުރެވޭ ވަރުގެ ބޮޑެތި ފަސޭހަތައް ފޯރު ކޮށްދީފައިވެ އެވެ.