ކުއްލި ނުރައްކަލުގެ ހާލަތު

ނައިބު ރައީސަށް ދިން 14 ދުވަހުގެ ނޯޓިސް 7 ދުވަހަށް ކުރުވެއްޖެ

ނައިބު ރައީސް އަހުމަދު އަދީބުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމާ ގުޅިގެން އެމަނިކުފާނަށް ދިން 14 ދުވަހުގެ މުއްދަތު 7 ދުވަހަށް ކުރުކޮށްފި އެވެ.

އެގޮތަށް ބަދަލުކޮށްފައިވަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާ ގުޅިގެން ގާނޫނުން ހަނިކުރި ބައެއް ހައްގުތަކާއި މިނިވަން ކަމުގެ ތެރެއިންނެވެ.

ގައުމުގައި ކުއްލި ހާލަތު އިއުލާނުކުރުމަށް ރައީސް ނެރުއްވި ގަރާރާއި ގުޅިގެން ގާނޫނުން ހަނިކުރި ބައެއް ހައްގުތަކުގެ ތެރޭގައި، ގާނޫނު އަސާސީގެ 100 ވަނަ މާއްދާގެ (ރ) ހިމެނެއެވެ. އެ މާއްދާގައި ބުނަނީ، ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހެޅިއްޖެ ނަމަ އެކަމާ ބެހޭ ގޮތުން މަޖިލީހުގައި ބަހުސް ފެށުމުގެ މަދުވެގެން ސާދަ ދުވަސް ކުރިން އެ މީހަކަށް އެކަން އަންގަންޖެހޭ ކަމަށެވެ.

މިއަދު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތާއި އެކު ހަނިކޮށް ހިފަހައްޓާފައިވާ ހައްގުތަކާއި ބެހޭ މައުލޫމާތު ދެއްވަމުން އޭޖީ އަނިލް ވިދާޅުވީ، ގާނޫނު އަސާސީގެ 100 ވަނަ މާއްދާގެ ރ ގައިވާ 14 ދުވަހުގެ މުއްދަތު 7 ދުވަހަށް ކުޑަކުރުން ހިމެނޭ ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާ ގުޅިގެން ސަރުކާރުގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން އޭޖީ ވިދާޅުވީ، ރައީސްގެ ގަރާރުގެ ދަށުން އަޅަން ޖެހޭ ފިޔަވަޅުތަކުގެ ތެރެއިން ގާނޫނު އަސާސީން ލިބިދީފައިވާ ބައެއް ހައްގުތަކާ މިނިވަންކަން ހަނިކުރެވިގެން ދަނީ ގާނޫނު އަސާސީގެ 205 ވަނަ މާއްދާގެ ހުދޫދުގެ ތެރެއިން ކަމަށެވެ. އަދި ވިދާޅުވީ، އެ ހާލަތުގައި ކޮންމެހެން އެ ހައްގެއް ނުވަތަ އެ މިނިވަންކަމެއް ހިފަހައްޓާނީ ހަމަ އެކަނި ހާލަތުގެ ގޮތުން ހިފަހައްޓަން ޖެހޭ މިންވަރަށް އެކަނި ކަމަށެވެ.

އަދި މި ހާލަތުގައިވެސް އާންމު ދިރިއުޅުމަށް ދަތިވާ އެއްވެސް ގޮތަކަށް އަމަލު ނުކުރާނެ ކަމަށް ރައީސްގެ ގަރާރުގައި ވަނީ ބުނެފައެވެ.