އިލެކްޝަންސް ކޮމިޝަން

ލަންކާއާއި އިންޑިއާގައި ވޯޓް ފޮށި ބަހައްޓާނެ: އީސީ

ރާއްޖެއިން ބޭރުގައި ވޯޓް ފޮށިތައް ބެހެއްޓުމަށް ސަރުކާރުގެ އިދާރާތަކުން ލިބެންޖެހޭ ހުއްދަތައް މިއަދު ލިބިފައިވާތީ ރާއްޖެއިން ބޭރުގައި ވޯޓުލުން ކުރިއަށް ގެންދެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލުމަށް ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖައްސާފައިވަނީ ސްރީލަންކާގެ ކޮލަމްބޯއާއި އިންޑިއާގެ ޓްރިވެންޑްރަމްގައި ކަމަށެވެ.

ރާއްޖެއިން ބޭރުގައި ވޯޓް ފޮށިތައް ބެހެއްޓިދާނެ ކަމާ ދޭތެރޭ ސުވާލު އުފެދުނީ ސަރުކާރުގެ ބައެއް އިދާރާތަކުން ލިބެންޖެހޭ ހުއްދަތަކެއް އިއްޔެ ހަމައަށްވެސް ނުލިބި އޮތުމުންނެވެ.

ސްރީލަންކާގައި ހަތަރު ފޮށި އަދި އިންޑިއާގައި އެއް ވޯޓް ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ. މެލޭޝިއާ އާއި އިނގިރޭސިވިލާތުގައިވެސް ވޯޓް ފޮށި ބެހެއްޓުމަށް ކޮމިޝަނުން ކުރިން މަސައްކަތް ކުރި އެވެ. ނަމަވެސް އެ ދެ ގައުމުން ލިބެންޖެހޭ ހުއްދަ ނުލިބުމުން އެ ދެ ގައުމުގައި ވޯޓް ފޮށި ނުބަހައްޓަން ކޮމިޝަނުން މިހާރު ވަނީ ނިންމާފަ އެވެ.

ޝަރީފް ވިދާޅުވީ ލަންކާގައި ބަހައްޓާ ވޯޓް ފޮށިތަކަށް ވަރަށް ގިނަ ދާއިރާތަކެއް ރަޖިސްޓްރީކޮށްފައިވާތީ ލަންކާގައި ބަހައްޓާ ކޮންމެ ވޯޓް ފޮއްޓަކަށް 16 އޮފިޝަލުން ބޭނުންވާ ކަމަށެވެ. ނަމަވެސް ލަންކާ އިން ލިބުނީ 47 އޮފިޝަލުން ކަމަށާއި މާލެއިން 17 އޮފިޝަލުން ލަންކާ އަށް ފޮނުވަން ޖެހޭ ކަމަށްވެސް ވިދާޅުވި އެވެ. އަދި އިންޑިއާ އިން ލިބުނީ އެންމެ ތިން އޮފިޝަލުން ކަމަށްވާތީ އެ ގައުމަށް ވެސް މާލެ އިން އޮފިޝަލުން ފޮނުވަންޖެހޭ ކަމުގައި ވިދާޅުވި އެވެ.

"ލަންކާގެ އެއް ވޯޓް ފޮއްޓަށް އެބައިން 150 ދާއިރާއެއް ރަޖިސްޓްރީކޮށްފައި. އެހެންވީމާ ރާއްޖެއިން ބޭރަށް ވެސް ގިނަ އަދަދެއްގެ އޮފިޝަލުން މިޖެހެނީ ހޯދަން،" ޝަރީފް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ސަރުކާރުގެ އިދާރާތަކުން ހުއްދަތައް ލިބިފައިވާތީ ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ އޮފިޝަލުން ފުރުވާލުމުގެ މަސައްކަތް މިހާރު ހިނގަމުންދާ ކަމަށެވެ. އަދި އެމީހުންނަށް ދޭން ޖެހޭ ތަމްރީންތައް އިންތިހާބުގެ ކުރިން ނިންމާލެވޭނެ ކަމުގައިވެސް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓްލުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 713 ވޯޓް ފޮށި ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ. އަދި މާދަމާ އިން ފެށިގެން ރަށްރަށަށް ވޯޓް ފޮށިތައް ފޮނުވުމުގެ މަސައްކަތް ފެށުމަށް އިލެކްޝަންސް ކޮމިޝަނުން ދަނީ ތައްޔާރުވަމުންނެވެ. މި ދެ އިންތިހާބުގައި 273،128 މީހުންނަށް ވޯޓު ލުމުގެ ހައްގު ވަނީ ލިބިފަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރި ބައެއް ކެންޑިޑޭޓުން، ނަން އަނބުރާ ގެންގޮސްފައިވާތީ އެ އިންތިހާބުގައި މިހާރު ވާދަކުރަނީ 2264 ކެންޑިޑޭޓުންނެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި މިހާރު ވާދަކުރަނީ 1670 ކެންޑިޑޭޓުންނެވެ.

މި ދެ އިންތިހާބު ވެސް ބޭއްވުމަށް ކޮމިޝަނުން ނިންމާފައިވަނީ ކުރިއަށް އޮތް އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އެވެ.