ފައިސަލް ނަސީމް

އައްޑޫގައި ކުޑަކުދިންނަށް ފަރުވާދޭ ސެންޓަރެއް އަޅަން މަޝްވަރާކޮށްފި

ހެދިބޮޑުވުމުގައި ހާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް ބޭނުންވާ ފަރުވާއާއި ހިދުމަތްތައް ދިނުމުގެ ގޮތުން އައްޑޫ ސިޓީގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއް ހުޅުވުމާއި ބެހޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު ނާއިބު ރައީސް ފައިސަލް ނަސީމް މަޝްވަރާ ކުރައްވައިފި އެވެ.

މިއަދު ހެނދުނު ވަރޗުއަލްކޮށް ބޭއްވި ބައްދަލުވުމެއްގައި ފައިސަލް ވަނީ އެފަދަ ފަރުވާއާއި ހިދުމަތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުން ލިބޭނެގޮތް ހެދުމަށް ސަރުކާރުން އަމާޒުހިފައިވާކަން ފާހަގަކުރައްވައިފަ އެވެ. އެގޮތުން ހުޅުމާލޭ ހޮސްޕިޓަލުގައި އެ ހިދުމަތްތައް ފެށުމަށްފަހު އައްޑޫ ސިޓީގައި އެ ހިދުމަތްތައް ފެށުމަށް ތައްޔާރުވަމުންދާއިރު އެ ހިދުމަތްތައް ދިނުމުގައި ކަމާބެހޭ ހުރިހާ އިދާރާތަކެއްގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެ ސެންޓަރު އަޅަން މަޝްވަރާކޮށްފައިވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ބެލުމުގެ ދަށުން ނެވެ. މިއަދުގެ ބައްދަލުވުމުގައި އޭއީއެޗްއިން ވަނީ އެ ސެންޓަރާ ގުޅޭ ޕްރެޒެންޓޭޝަނެއްވެސް ހުށަހަޅައިފަ އެވެ.

ދެކުނު ސަރަހައްދުގެ އަތޮޅުތަކަށް އަމާޒުކޮށް ގާއިމުކުރާ އެ ސެންޓަރުގައި ހިދުމަތް ދޭން ފަށާއިރު ކްލިނިކަލް ސައިކޮލޮޖިސްޓަކާއި، އޮކިއުޕޭޝަނަލް ތެރަޕިސްޓެއްގެ އިތުރުން ސްޕީޗް ތެރަޕިސްޓެއްވެސް ހިމެނޭގޮތަށް މަލްޓި ޑިސިޕްލިނަރީ ޓީމެއް ހިމެނޭނެއެވެ.