ވާހަކަ

ވޭންތަކުން ދިން

(2 އޭޕްރިލް 2021 އާ ގުޅޭ)

"އަނެއްކާ ކޮންމެވެސް މީހެއް އަހަންނަށް ފާރަލަނީބާ!" ހިތާހިތާ ސުވާލު ކުރަމުން ޖަންނަތު ހިނގަމުން ދިޔައީ ބާރަށެވެ. ޖަންނަތުގެ ފަހަތުން ސިއްރުން ހިނގަމުން ދިޔަ ލަބީބުގެ ހިތް ތެޅެމުން ދިޔައެވެ. އަނބިިމީހާގެ ފަރާތުން ފެންނަން މިއުޅެނީ ކޮންފަދަ ކަމެއް ބާއޭ ހިތަށް އަޔަސް، ލަބީބަށް އުނދަގޫވެއެވެ. ހިތުގެ ތެެރޭގައި އުފެދޭ ވަސްވާސްތައް ދޮގަކަށް ވުމަކީ ލަބީބުގެ ހިތުން އޭނާ ކުރަމުން ގެންދާ ދުޢާއެވެ.

ކުއްލިއަކަށް ޖަންނަތު އޭނާގެ ހިނގުން ހުއްޓައިލުމަށްފަހު، ވަރަށް އަވަސްކޮށް ފަހަތަށް ބަލައިލިއެވެ. ޖަންނަތުގެ ލޯމަތިން ފިލައި ރައްކައުވުމަށް ލަބީބަކަށް އެއްވެސް ފުރުޞަތެއް ނުލިބުނެވެ. ލަބީބު ހީނުކޮށް ހުއްޓައި، ޖަންނަތުގެ ނަޒަރު އޭނާއަށް ފާރަލަމުން ދިޔަ ލަބީބަށް އަމާޒު ވިއެވެ. ލަބީބަށް ބިރުން ވީގޮތް ވެސް ނޭނގުނެވެ. ބިރުން ފަހަތަށް ނެގި ފިޔަވަޅާ އެކު ލަބީބު ހުއްޓުނެވެ.

"ލަބީބު!" ދެލޯ ބޮޑުކޮށްލަމުން ޖަންނަތު ބަލައިލީ އޭނާގެ ފަހަތުން ފާރައަށް އައި ލަބީބަށެވެ. ލަބީބު އެއްވެސް އެއްޗެއް ނުބުނެ، ބިރުން ހުރީ ގުޑެލާން ވެސް ނޭނގިފައެވެ. ޖަންނަތު ވަރަށް މަޑުން ހިނގަން ފެށީ ލަބީބާ ދިމާާލަށެވެ. ދަންވަރުގެ މި ހިމޭން ވަގުތު، ޖަންނަތު ވެސް ގިނަ ބަޔަކަށް މި މަންޒަރު ދައްކާކަށް ބޭނުމެއް ނުވެއެވެ. ރުޅި އައިސްގެން ހަޅޭލަވައި ގަތަސް، ބަދުނާމު ވާނީ ޖަންނަތުކަން އޭނާގެ ސިކުނޑިން ވިސްނޭތީއެވެ. ނަމަވެސް ޖަންނަތުގެ މުޅި ގަޔަށް ސަވާރު ވަމުން ދިޔައީ އަނގުރު އަލިފާން ފަދަ ހޫނު ރުޅިއެކެވެ.

ރުޅިވެރި އިޙްސާސްތަކާ އެކު ހިނގާފައި ގޮސް ޖަންނަތު ހުއްޓުނީ ލަބީބުގެ ކުރިމަތީގައެވެ. ޖަންނަތު ބޭނުންވީ ކަރުބުޑުން ހަޅޭލަވައި ގަންނާށެވެ. ނަމަވެސް އެކަން ކޮށްފިނަމަ ދެން ނުކުންނާނެ ނަތީޖާ މާ ހިތި ވެދާނެތީ، ޖަންނަތު މަސައްކަތް ކޮށްލީ ކޮންމެ ވެސް ވަރަކަށް ރުޅި މައިތިރި ކުރެވޭތޯއެވެ.

"ލަބީބު.. ކަލޭ ތި އަހަންނަށް ފާރަލަނީ ކީއްވެތަ؟" ދަތްކުނޑި ވިކައިލަމުން، ޖަންނަތު އެެހެން ބުނީ ދެއަތް މުށްއަޅައި ބާރުކޮށްލަމުން ނެވެ. ހީވީ ހަމަ ދެންމެ ދެންމެ ލަބީބުގެ މޫނުުމައްޗަށް ޖަންނަތުގެ އަތް އަރާފާނެ ހެންނެވެ.

"ސޮރީ.." ލަބީބުގެ އަޑު ތުރުތުރު އަޅައިގަތެވެ.

"ހަމަ މިހާރު އާދޭ! އަހަރެންގެ ފަހަތުން.." ޖަންނަތު ނިކަން ހަރުކޮށް ހިނގަން ފެށިއެވެ. ދަތިގޮތަކަށް ހިންދިރުވައިލަމުން، ލަބީބު ވެސް ޖަންނަތުގެ ފަހަތުން ހިނގައިގަތެވެ.
މުސައްލަ މަތިން ތެދުވުމަށްފަހު، ރަޝީދާ ގޮސް ހުއްޓުނީ ކޮޓަރީގައި ހުރި ލޯގަނޑުގެ ކުރިމަތީގައެވެ. ދެއަތުން މޫނު ފޮހެލަމުން، ރަޝީދާ ބަލައިލީ އޭނާގެ އަތުގައި އަޅައިފައި އޮތް ގަޑިއަށެވެ.

"4 ޖަހަން އުޅެނީ ދޯ! ފަތިސް ނަމާދަށް އިރުކޮޅަކުން ގޮވާނެ.." ރަޝީދާ ގޮސް އޮށޯވެލީ އެނދުގައެވެ.

އެނދުގައި އޮށޯވެެގެން އޮތް ރަޝީދާގެ ކަޅި ހުއްޓިފައި ވަނީ ސީލިންގަށެވެ. ބަންގި ގޮވާނެ އިރެއްގެ އިންތިޒާރުގައި ރަޝީދާ އޮށޯވެލައިގެން އޮތީއެވެ.

"މީ ދެން އަހަންނަށް ޖެހިފަ އޮތް މުސީބާތެއްނު! އަހަރެން ވަރި ކުރަން ވީ!" އެނދުގައި އޮތް ރަޝީދާގެ ކަންފަތުގެ ހިނދުރީގައި ޖެހުނު ބަސްތަކާ އެކު އޭނާ އެނދުން ތެދުވިއެވެ. މިފަދަ ވަގުތެއްގައި ޖަންނަތުގެ ބާރު އަޑު އިވެން ފެށުމުންނެވެ. އަޑު އައީ ސިޓިންގރޫމުން ކަމުން، ވަރަށް އަވަސްކޮށްލައިގެން ރަޝީދާ ކޮޓަރިން ނުކުތެވެ.

"އަހަންނަށް މާފު ކުރޭ.. ހަމަ ހުވާ ދެން އެހެން ނުވާނެ.." ލަބީބު ހީވަނީ ކުޑަކުއްޖެއްހެންނެވެ. ލަބީބު ކޮށްގެން އުޅެނީ ކޮން ކުށެއް ބާއޭ ކޮޓަރިން ނުކުތް ރަޝީދާގެ ހިތަށް އެރިއެވެ. ރަޝީދާއަށް ވައްކަޅިން ބަލައިލަމުން، ޖަންނަތު ޖެހީ ލަބީބުގެ އަތުގައެވެ.

"ބުނާށޭ! ކަލޭ އަހަންނާ އެކު އުޅެން ބޭނުން ނުވަންޏާ އަހަރެން ވަރި ކުރޭ! އަހަރެން ވަރި ކުރާށޭ!" ޖަންނަތުގެ އަޑު އިހުނަށްވުރެ، ބާރުވަމުން ދިޔައެެވެ.

"ހެޔޮނުވާނެ ތިހެން ނުބުނޭ! އަހަރެން އާދޭސްކޮށްފަ މިބުނީ.. އަހަރެން ބޭނުން ޖަނާއާ އެކު މުޅި އުމުރު ދުވަހު އުޅެން. އަހަރެން ބޭނުމެއް ނޫން ލައިބާއަށް ދެރަ ގޮތެއް ވާކަށް.." ލަބީބުގެ ދެލޮލަށް ކަރުނަތައް ޖަމާވަމުން ދިޔައެވެ. ވާނުވާ ނޭނގިފައިވާ ރަޝީދާ އެއްވެސް އެއްޗެއް ނުބުނެ ކޮޓަރީގެ ދޮރު ކުރިމަތީގައި ހުއްޓިލައިގެން އިނެވެ.

"ބަލަ ކަލޭ އަހަރެން ވަރި ކުރިޔަސް، ލައިބާއަށް އެއްވެސް ދެރައެއް ނުލިބޭނޭ. އެހެން މީހަކާ އަހަރެން އިނިންޏާ، ލައިބާއަށް ލިބޭ އުފާތައް މާބޮޑު ވާނެ. މާބޭކާރު ވާހަކަނުދައްކާ އަހަރެން ވަރިކުރޭ! ކަލެއަށް މިތަނުން ދެވޭނީ އަހަރެން ވަރިކޮށްފަ!" ޖަންނަތުގެ އަތުން ނިކަން ބާރަށް ލަބީބުގެ އަތުގައި ހުރީ ހިފަހައްޓައިލައިގެންނެވެ. ފިނޑިއެއްހެން އެއްވެސް އެއްޗެއް ނުބުނެ އިސްޖަހައިލަމުން، ލަބީބު ފެށީ ރޯންށެވެ. އެ ހިސާބުން ރަޝީދާގެ ކެތްތެރިކަން ކޮޅުން ލިއެެވެ. އެ އަރާރުން ތަކަކީ އައު ކަމަކަށް ނުވިޔަސް، މިފަދަ ގަޑިއެއްގައި ވަރިއާ ހަމައަށް ގޮސްގެން މިއުޅެނީ ކީއްވެތޯ ބަލައި، ހޯދަން ރަޝީދާ މަސައްކަތް ފެށިއެވެ.

"ކިހިނެއް ވެގެން މިއުޅެނީ؟" ޖަންނަތާއި ލަބީބުގެ ގާތަށް ޖެހިލަމުން ރަޝީދާ ސުވާލުކޮށްލީ ވަރަށް މަޑުންނެވެ. ރަޝީދާގެ ސުވާލަށް އެއްވެސް ޖަވާބެއް ނައެވެ.

"ކިހިނެއް ވެގެންހޭ ތިއުޅެނީ؟ މިގަޑީގަ ތިއުޅެނީ ކިހިނެއް ވެގެންހޭ؟" ރަޝީީދާގެ އަޑު ބާރު ވިއެއް ކަމަކު، އެ އަޑުގައި އެކުވެފައި ވަނީ ވަރުބަލި ކަމާއި ހިތާމައިގެ އަސަރުތަކެވެ.

"މަންމާ.." ލަބީބު ވަރަށް ޖެހިލުންވެގެން ހުރެ، އިސްނެގިއެވެ. ޖަންނަތުގެ ރުޅިވެރި ދެލޯ ފެނިފައި، ލަބީބު ނިކަން ފަސްޖެހޭ ގޮތްވިއެވެ. ނަމަވެސް ރަޝީދާގެ އަޑަށް ބީރު ކަންފަތެއް ދީގެން ހުންނަން ލަބީބުގެ ޟަމީރު ބޭނުން ނުވީއެވެ.

"އަހަރެން ދިޔައީ ޖަނާގެ ފަހަތުން.. މިފަދަ ގަޑިއެއްގަ ޖަނާ ބޭރަށް ނުކުތީމަ.. ޖަނާ ކޮންތާކަށް ތޯ ދަނީ ބަލަން. ޖަނާ ފަހަތުން ދަނިކޮށް ޖަނާއަށް އަހަރެން ފެނުނީ. މީ ވީ ގޮތަކީ މަންމާ.." ލަބީބުގެ އަޑު ވަނީ ރާޅުވެފައެވެ. ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް ލަބީބު ފޮހެލައި، ނޭފަތް ދަމައިލިއެވެ.

"ތެދެއް ޖަންނަތު؟ މިގަޑީ ކޮންތާކަށް ދާން ބޭރަށް ނުކުތީ!" ރަޝީދާ ހިތްހަމަ ނުޖެހިގެން ބަލައިލީ ޖަންނަތުގެ މޫނަށެވެ.

"އަހަރެން ކޮންމެ ތާކަށް ދިޔަސް އެވައްތަރަށް ފާރަލާކަށް ނުޖެހޭނެ. އަހަރެން ހަޑިކަމެއް ކޮށްގެންތަ މިއުޅެނީ؟ އެވައްތަރަށް އުޅެން.." ޖަންނަތުގެ ފަރާތުން ފެންނަނީ ރުންކުރު ކަމާއި، ގޮތްދޫ ނުކުރުމުގެ އާދައެވެ.

"ލަބީބުތަ އަދި މިކަމާ ދެރަވާންވީ؟ ތީ ފިރިމީހާގެ ޒިންމާއެއް. އަނބިމީހާ މިފަދަ ގަޑިއެއްގަ ބޭރަށް ދަނީ ނަމަ އެކަން ބެލޭނެ.." ރަޝީދާ ވަނީ ވަރަށް ބޮޑަށް ކަންތައް ބޮޑުވެ، ހިތްހަމަ ނުޖެހިފައެވެ.

"ދެން ބުނަންވީނު؟ ދަންވަރު ދަޅައަށް ކޮންތާކަށް ދާން ނުކުތީ؟" ރަޝީދާ ހަރުކަށި ކަމާއެކު ކުރިމަތި ކުރުވި ސުވާލަށް ޖަވާބު ނުދީ، ޖަންނަތު ހަލުވިކޮށް ހިނގާފައި ވަނީ އޭނާގެ ކޮޓަރިއަށެވެ.

***
ހެނދުނުގެ ސައި ތައްޔާރުކޮށްލައިގެން އައިޝާ އައިސް ވަނީ އޭނާގެ ކޮޓަރިއަށެވެ.

"އާދޭ ސައިބޯން.." އައިޝާ ގޮސް ހުއްޓުނީ ޑްރެސިންޓޭބަލްގެ ކުރިމަތީގެ ހުރި ނާއިކުގެ ގާތުގައެވެ.

"ހީއެއް ނުވޭ މިއަދު ސައިބޯން ޓައިމް ވާނެހެން. ވަރަށް އަވަހަށް އެބަ ދާން ޖެހޭ." ނާއިކު ވަރަށް އަވަސްކޮށް އިސްތަށިގަނޑު ރީތިކޮށްލަމުން ބުނެލިއެވެ.

"އެހެންތަ؟ އެކަމު ހުސް ބަނޑާ.." އައިޝާއަށް ކުއްލިއަކަށް ބަލައިލެވުނީ، ނާއިކުގެ ފޯނަށެވެ. ނާއިކަށް މެސެެންޖާރއިން ގުޅަމުން ދިޔައީ "މަލާކް މަލް" ނަމުގައި އިން ފޭސްބުކު އައިޑީ އަކުންނެވެ.

"މަލާކު؟؟" ފޯނާ ގާތްވެލަމުން އައިޝާ މަޑުމަޑުން ބުނެލިއެވެ.

"އެއީ ކާާކުތަ؟" އައިޝާ ވަރަށް މަޑުން ނާއިކުގެ ފޯނު ނެގިއެވެ. އަދި ނާއިކުގެ ފޯނުގެ ޕާސްވޯޑް އައިޝާ ޖަަހައިލިއެވެ.

"އިންކަރެކްޓު ޕާސްވޯޑް.." އައިޝާ ބަލައިލީ ނާއިކުގެ މޫނަށެވެ.

"ޕާސް ޗޭންޖު ކުރީތަ؟" އައިޝާގެ ހިތަށް ނުތަނަވަސްކަން ވެރިވިއެވެ.

"އެއްކަލަ އާޝާ.. ކުރީ ޒަމާނުގަ ޖަހާފަ އިން ޕާސްވޯޑް އަބަދަކުު ނީންނާނެ ދޯ؟ އެއީ އޮފީހުން އެ ގުޅަނީ. ލަސްވެގެން.." އައިޝާގެ އަތުން ފޯނު ނަގައި، ނާއިކުގެ ޖީބަށް ފޯނު ކޮއްޕައިލިއެވެ. އައިޝާ އެއްވެސް އެއްޗެއް ނުބުނެ ވަގުތުން ހިމޭންވިއެވެ. ނާއިކު ދިޔަ ގޮތަށް ގޮސް، ގެއިން ނުކުތީ އޮފީހަށް ދިޔުމަށެވެ.

ގޭގެ ސިޓިންގރޫމްގައި ރަޝީދާ އާއި ލަބީބު އިނީ ވާހަކަދައްކާށެވެ. ރޭގަ ކަންތައް ދިމާވި ގޮތުން އަދިވެސް ލަބީބުގެ މޫނުމަތިން ފެންނަނީ އިންތިހާއަށް ހިތްދަތިކަމެވެ. ވަރިއަށް ގޮވުމުން ލަބީބުގެ ހިތަށް ލިބުނު ރިހުންތައް އިތުރު ވީއެވެ.

"ދަރިފުޅާ! މަންމައަށް އިނގޭ ދަރިފުޅު ތީ ވަރަށް ރަނގަޅު، މަޑުމައިތިރި، ޞާލިޙު ދަރިއެއްކަން. އަހަރެންގެ ދަރިއަކާ ކައިވެނި ކޮށްގެން ތިއުޅެނީ ކޮންފަދަ ހިތްދަތި ޙާލެއްގައި ކަންވެސް އެނގޭ. އެކަމާ މި މަންމަ ވެސް ވަރަށް ވިސްނަން." ރަޝީދާ ވާހަކަދައްކަމުން ދިޔައީ ލަބީބަށް ބަލަހައްޓައިގެން އިނދެއެވެ.

"ދަރިފުޅު ކުރީ ކުށެއް ނޫން. އަސްލު ކުށް ކުރީ، ކުށް ކުރަމުން ދަނީ ވެސް ހަމަ ޖަންނަތު. ޖަންނަތުގެ މަންމައަށް ވީމަ، އަހަރެން އެ ޙަޤިޤަތް ފޮރުވާ ފަސް އަޅާކަށް ނެތިން. މަންމައަށް ނޭނގެ ދަރިފުޅުގެ ތި ކެތްތެރިކަން އަގުވަޒަން ކުރާނެ ގޮތެއް ވެސް." ރަޝީދާގެ ވާހަކަތައް އަޑުއަހަން ލަބީބު އިނީ ނިކަން ދެރަވެފައެވެ. ލަބީބުގެ ހުރިހާ ވެސް އުއްމީދަކީ ލައިބާއެވެ. ލައިބާއަށް ޓަކައި ލަބީބު ފިދާވާން ވެސް ހުރީ ތައްޔާރަށެވެ. ލަބީބަށް ލިބޭ ކޮންމެ އަނިޔާއަކަށް އޭނާ ކެތްކުރަނީ ވެސް ހަމަ އެކަނި އޭނާގެ ދަރިފުޅުގެ ޙައްޤުގައެވެ. ލައިބާއަށް ޓަކައެވެ.

މޭޒުމަތީގައި އިން ކޮފީތަށި ނަގައި، ކޯވަރެއް ބޮއިލަމުން ނާއިކު ނެގީ އޭނާގެ ފޯނެވެ.

"ވާހި. ކޮންތާކު؟ ފުރީތަ؟" ނާއިކު ގުޅައިލީ ވާހިދާއަށެވެ.

"އާނ! ގޭގަ. ވަރަށް ފްރީ.. އަންނަން ވީނު؟" ވާހިދާ ނިކަން އަވަހަށް އެހެން ބުނެލީ، ނާއިކަށް ދަހިވެތި ވެފައިވާލެއް ބޮޑު ކަމުންނެވެ. ނާއިކު "މިދަނީ" ކަމަށް ބުނެ ފޯނު ބޭއްވިއެވެ.

ވާހިދާ ވީ އުފަލުން އޭނާ އަވަސްވެ ގަތީ ނާއިކު އަންނަން ވާއިރަށް ތައްޔާރު ވެލާށެވެ. މޫނުމަތި ރީތިކޮށްލައި، އިސްތަށިގަނޑު ފުނާ އަޅައި، އޮމާން ކޮށްލާށެވެ.

"ކާކުތަ މިގަޑީ މި ގުޅަނީ؟ އަނެއްކާ މިހާ އަވަހަށް ނާއިކު އައީތަ؟" ބޮލުގައި އަޅަމުން ދިޔަ ފުނާ ބާއްވަމުން ވާހިދާ ގޮސް އެނދުމަތީގައި އޮތް އޭނާގެ ފޯނު ނެގިއެވެ. ގުޅަމުން ދިޔައީ ވާހިދާގެ ދޮށީ އަންހެން ދަރިއެވެ.

"ދަރިފުޅާ! މަލް. ކިހިނެއްތަ؟" މަލާކުގެ ފޯނަށް ޖަވާބު ދެމުން ވާހިދާ ބުނެލިއެވެ. (ނުނިމޭ)