ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިލެކްޝަންސް ކޮމިޝަން

ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލާން އެއްގަޑިއިރު

ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓްލާއިރު ކޮވިޑް ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލާން އެއް ގަޑިއިރުގެ ވަގުތު ކަނޑައަޅައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެކުލަވާލާފައިވާ ކޮވިޑް-19 އާއި ގުޅިގެން އައިސޮލޭޝަންގައި ތިބޭ މީހުނާއި ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލުގައިވާ ގޮތުން އެފަދަ މީހުން ވޯޓުލާނީ ހަވީރު 5:00 އިން 6:00 އަށެވެ.

އެ އުސޫލުގައި ބުނަނީ ކަރަންޓީނުގައި ތިބޭ މިހުން ވޯޓުލާ މަރުކަޒަށް ހާޒިރުވާން ވާނީ ހުއްދަ ހޯދަންޖެހޭ ފަރާތްތަކުގެ ހުއްދަ ހޯދައިގެން ކަމަށާއި އެއީ އެމީހެއްގެ އަމިއްލަ ޒިންމާއެއް ކަމަށެވެ. ވޯޓު ލެވޭނީ އެމީހަކު ރަޖިސްޓާ ވެފައިވާ ފޮއްޓަކަށެވެ.

ވޯޓުލާ ނިމުމުގެ ފަސް ގަޑިއިރު ކުރިން ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލާން ބޭނުންވާ ކަމުގެ މައުލޫމާތު އެޗްޕީއޭގެ ރަށު ޓާސްކްފޯސް މެދުވެރިކޮށް އީސީ އަށް އަންގަން ޖެހޭނެ އެވެ. މާލޭ ސަރަހައްދުގައި ނަމަ އެފަދަ މީހުންގެ މައުލޫމާތު އަންގަން ޖެހެނީ އެމީހަކު ވޯޓުލާން އޮންނަ ފޮށީގެ ވެރިޔާ އަށެވެ.

ކަރަންޓީނުގައި ތިބޭ މީހުންނަށް ހާއްސަ ވަގުތެއް ކަނޑައެޅި ނަމަވެސް އެމީހުނަށް ވޯޓުލުމުގެ ފުރުސަތު ލިބޭނީ އެ ފޮއްޓަށް ވޯޓުލާން ރަޖިސްޓްރީ ވެފައިވާ މީހުންގެ ތެރެއިން ކިޔޫ ބަންދުކުރާ ގަޑިއާ ހަމައަށް ކިޔޫގައި ތިބޭ މީހުން ވޯޓުލައި ނިމުމުންނެވެ.

ވޯޓުލާ ދުވަހަށް ކަރަންޓީނުން ނުވީއްލޭނެ މީހުންގެ މައުލޫމާތު މި މަހުގެ އަށްވަނަ ދުވަހުގެ ރޭގަނޑު 8:00 ގެ ކުރިން އެޗްޕީއޭގެ ފަރާތުން އީިސީއަށް އަންގަން ޖެހެ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓުލާނީ މިމަހުގެ 10 ވަނަ ދުވަހު އެވެ.

އިންތިހާބަށް ބޭނުންވާ 7700 އޮފިޝަލުން ހަމަކޮށް ތަމްރީންތައް ދެމުންދާއިރު ކައުންސިލްތަކާއި އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލްތައް ހިމެނޭ ގޮތަށް ޖުމްލަ 980 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. މި މަގާމުތަކަށް ކުރިމަތިލީ 2400 ކެނޑިޑޭޓުންގެ ތެރެއިން ބައެއް މީހުން ވަނީ އެ މީހުންގެ ނަން އަނބުރާ ގެންގޮސްފަ އެވެ.