އަހުމަދު ނިހާން ހުސައިން މަނިކު

ކަރަންޓީނުގައި ހުންނެވުމުން ނިހާންގެ ޝަރީއަތް ކެންސަލް

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅުންހުރި މައްސަލަތަކެއްގައި ދައުވާ ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކު މިވަގުތު ކަރަންޓީނުގައި ހުންނެވުމުގެ ސަބަބުން މިއަދަށް ތާވަލުކުރި ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ބުނީ ކަަރަންޓީނުގައި ހުންނެވި ކަމަށް ވިދާޅުވެ ނިހާންގެ ފަރާތްޕުޅުން ކޯޓަށް ސިޓީއެއް ލިބިފައިވާތީ މިއަދަށް ތާވަލުކުރި އަޑުއެހުން ކެންސަލް ކުރީ ކަމަށެވެ. ނިހާން ހުރީ ކަރަންޓީނުގައި ކޮވިޑް ޖެހިގެން ކަން ނުވަތަ ރަށަށަކަށް ދަތުރު ކުރެއްވުމުގެ ސަބަބުން ކަމެއް ކޯޓުން ސާފުކޮށްދީފައެއް ނުވެ އެވެ.

ނިހާންގެ މައްޗަށް އުުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ތާވަލުކޮށްފައި އޮތީ މިއަދު ހެނދުނު 11:00 އަށެވެ. އެންމެ ފަހުން ނިހާންގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވީ މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އެވެ.

ކުރީން ކުރިއަށް ގެންދިޔަ އިބްތިދާއީ އަޑުއެހުން ނިންމާލީ ނިހާންގެ މައްސަލަ ކުރިން ބަލަމުން ގެންދިޔަ ސެކްޝަން ނޫން އެހެން ސެކްޝަނަކުން މައްސަލަ ބަލާތީ އެކަން އެނގިވަޑައިގެންފައި ނުވާ ކަމަށް އޭނާ ވިދާޅުވުމުން ލިޔުންތައް ނިހާނާ ހަވާލުކުރާށެވެ.

ނިހާންގެ މައްޗަށް ހަ ދައުވާއެއް އުފުލާފައި ވެއެވެ. އެއީ ރިޝްވަތު ހިފުމުގެ ތިން ދައުވާއަކާއި ރިޝްވަތު ދިނުމުގެ ދެ ދައުވާއެއްގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާ އެކެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ވެސް ނިހާންގެ ޝަރީއަތުގެ އަޑުއެހުމެއް ވަނީ ބާއްވާފަ އެވެ. އެދުވަހުގެ އަޑުއެހުމުގައި ދައުލަތުން އެދިގެން ކޯޓުން ވަނީ ނިހާންގެ ޕާސްޕޯޓު ހިފަހައްޓަން އަމުރު ކޮށްފަ އެވެ.