ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓާރުންނާއި މީޑިޔާއިން ވަގުތު ހާއްސަ ކުރުމުގެ އުސޫލުތަކާ ހިލާފުވެގެން މިހާތަނަށް އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށް މޯލްޑިވްސް މީޑިޔާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބުނެފި އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުންނަށް މީޑިއާއިން ވަގުތު ހާއްސަ ކުރުމުގެ އުސޫލެއް އޮވެ އެވެ. އަދި އެކަމާއި ގުޅިގެން މައްސަލަ ހުށަހެޅުމަށް އެމްއެމްސީ އާއި ބްރޯޑްކޮމް އިން ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.
އެމްއެމްސީ ގެ ރައީސް ޝަހުބާން ފަހުމީ ވިދާޅުވީ، އިންތިހާބުތަކުގައި ވާދަކުރާ ކެނޑިޑޭޓުންނަށް މީޑިޔާތަކުން ވަގުތު ހާއްސަ ކުރުމާއި ގުޅިގެން އަދި މިހާތަނަށް އެ ކައުންސިލަށް އެއްވެސް މައްސަލައެއްގެ ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށެވެ.
ބްރޯޑްކޮމްގެ ރައީސް މަރިޔަމް ވަހީދާ ވިދާޅުވީ ޓީވީ ޗެނަލްތަކުން އެކަމާއި ގުޅިގެން އަމަލު ކުރަމުން ދާގޮތް މޮނިޓާކުރުމަށް ހާއްސަ ޓީމެއް އޮންނަ ކަމަށާއި އެ ޓީމުން އަބަދު ވެސް އެފަދަ ކަންކަން މޮނީޓާ ކުރަމުން ގެންދާ ކަމަށެވެ.
ބްރޯޑްކޮމްގެ މޮނީޓަރިން ޓީމުން ބުނީ އިންތިހާބުތަކުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ބްރޮޑްކާސްޓަރުން ވަގުތު ހާއްސަ ކުރުމާއި ގުޅިގެން އަދި މިހާތަނަށް އެ ކައުންސިލަށް އެއްވެސް މައްސަލައެއްގެ ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށެވެ.