ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެ ބޭފުޅުންގެ ދާއިރާތަކަށް ކުރާ ދަތުރުތަކުގެ ހަރަދު ނެގުމަކީ ކުރާނެ މުޑުދާރު ކަމެއް ކަަމަށް ކުރީގެ ނަައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވިދާޅުވެއްޖެ އެވެ.
ޖަމީލް އެފަދައިން ވިދާޅުވީ މަޖިލީހުގެ މެމްބަރުން އެ އިދާރާގެ ހުއްދައާއެކު ކުރާ ދަތުރުތަކަކީ މަޖިލީހުގެ ރަސްމީ މަސައްކަތެއް ކަމުގައި މަޖިލީހުގެ އާންމު ކޮމެޓީން ހަމަޖައްސުމާ ގުޅިގެން އެކަމަށް އިޝާރާތް ކުރައްވަ އެވެ. ކޮމެޓީން އެ ނިންމުން ނިންމި ނަމަވެސް މަޖިލީހުގެ ތަޅުމުން އަދި އެގޮތަށް ފާހެއް ނުކުރެ އެވެ.
ކޮމެޓީގެ ނިންމުމަށް ވަރަށް ބޮޑަށް ފާޅުވިދާޅުވެ ޖަމީލް މިއަދު ވަނީ ޓުވީޓެއް ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ވެރިކަން ކުރާ އެމްޑީޕީން ބޭނުންހާ ގޮތަކަށް މޮޑޭ ފުށްގަނޑަކަށް ގާނޫނު މާނަ ކުރެވިގެން ނުވާނެ ކަމަށާއި އަދި މެންބަރުން އަމިއްލަ ޕާޓީ، އާއިލާ، އަދި ގެދޮރަށް ކުރާ ދަތުރުގެ ހަރަދު ނެގުމަކީ ގާނޫނާ ވެސް ހިލާފު ކަމެއް ކަމަށެވެ.
"ކޮވިޑުން ދަރަނިވެރިވެ މަގުމަތިވެފައިވާއިރު ރައްޔިތުންގެ ޖީބުން މެމްބަރުން ހަރަދު ކުރުމަކީ މުޑުދާރު ކަމެއް" ޖަމީލް ވިދާޅުވި އެވެ.
މެންބަރުން ދާއިރާތަކަށް ކުރައްވާ ދަތުރުފުޅުތަކަކީ މަޖިލީހުގެ ރަސްމީ މަސައްކަތެއްގެ ގޮތުގައި ހަމަ ޖެއްސުމުން އެ ބޭފުޅުންނަށް ހާޒިރީ ލިބިވަޑައިގަންނަވާނެ އެވެ. އަދި ބޭނުންނަމަ މަޖިލީހުގެ ޖަލްސާތަކުގައި އޮންލައިންކޮށް ބައިވެރި ވެސް ވެވޭނެ އެވެ.
ހުއްދައެއް ހޯދައިގެން މަޖިލިސް މެންބަރުން ދާއިރާތަކަށް ކުރައްވާ ދަތުރުތަކަކީ މަޖިލީހުގެ ރަސްމީ މަސައްކަތެއް ކަމުގައި ހަމަޖައްސާފައި މިވަނީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް މަޖިލީހުގެ ބައެއް މެންބަރުން އަތޮޅުތަކަށް ވަޑައިގެން އުޅުއްވާ ވަގުތެއްގަ އެވެ.