ހަބަރު

ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން މާދަމާ މަޖިލީހުގެ ހާއްސަ ޖަލްސާއެއް

މިއަދުން ފެށިގެން އެއް މަސްދުވަހަށް ރާއްޖެއަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާ ގުޅިގެން އެކަމާ މެދު ބަހުސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ އަށް ތާވަލުކޮށްފި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާ ގުޅިގެން މަޖިލިސް ބައްދަލުވުމެއް ބާއްވަން ނިންމާފައިވަނީ ގާނޫނު އަސާސީގެ 257 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިންނެވެ. އެ މާއްދާގެ (ހ) ގައި ބުނާ ގޮތުން ކުއްލި ހާލަތު އިއުލާން ކުރުމަށް ނެރޭ ގަރާރު، އެކަން އިއުލާން ކުރާތާ 48 ގަޑިއިރުގެ ތެރޭގައި ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން ވާނެ އެވެ.

އެހެންކަމުން މާދަމާގެ މަޖިލީހުގެ އެޖެންޑާގައި ހިމަނާފައިވާނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ނެރުއްވި ގަރާރު މަޖިލީހަށް ހުށަހެޅުން އެކަންޏެވެ.

ގަރާރު މަޖިލީހަށް ހުށަހެޅޭ ހިސާބުން ގަރާރަށް އިތުރު ބަދަލު ގެނައުމުގެ ބާރު މަޖިލީހަށް ލިބޭނެ އެވެ. އެގޮތުން ގަރާރުގެ މުއްދަތު ދިގުކުރުމާއި ގަރާރުގެ ވަކި ބައިތަކެއް ފާސްކޮށް، ވަކި ބައިތައް ބާތިލް ކުރުމުގެ ބާރުވެސް މަޖިލީހަށް އޮންނާނެ އެވެ.