ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ފުލުހުންގެ އިސް މަގާމުތަކަށް އަންހެނުން މުހިއްމު: ރައީސް

Apr 5, 2021

ޒަމާނީ މުޖުތަމައަކަށް ފުލުހުންގެ ހިދުމަތް ދިނުމަށްޓަކައި އަންހެން އޮފިސަރުން އިސް ސަފުގައި ތިބުން މުހިއްމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވެފައި މިވަނީ ފުލުހުންގެ ހިދުމަތުގެ ތާރީހުގައި ސުޕްރިޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކަށް ފުރަތަމަ ފަހަރަށް އަންހެން އޮފިސަރުން އައްޔަންކުރުމާ ގުޅިގެން މަރުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގަ އެވެ.

ފުލުހުންގެ އޮފިސަރުންނަށް މަރުހަބާ ވިދާޅުވެ ރައީސް ކުރެއްވި ޓްވީޓް

ސްޕްރިންޓެންޑެންޓްގެ މަގާމަށް އައްޔަންކުރެއްވި ތިން އަންހެން ބޭފުޅުންގެ ފޮޓޯއާއި އެކު ރައީސް ކުރެއްވި ޓްވީޓުގައި ވަނީ ތިން ބޭފުޅުންނަށް ވެސް މަރުހަބާ ވިދާޅުވެފަ އެވެ.

ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމަށް ފުރަތަމަ ފަހަރަށް އައްޔަންކުރެއްވީ ކުރިން ފުލުހުންގެ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސްގެ މަގާމުގައި ތިއްބެވި ތިން އޮފިސަރުން ކަމުގައިވާ ފާތިމަތު ނަޝްވާ އާއި މަރިޔަމް އަޒްމާ އަދި އިޒްމިއާ ޒާހިރު އެވެ. މި ބޭފުޅުންނަށް މަގާމުގެ ކުރިއެރުން ދެއްވާ، ލިޔުން ހަވާލުކޮށްދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅުން އައްޔަންކުރައްވާފައި މިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އަމަލުކުރަން ފެށި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުންނެވެ.