ހައިކޯޓް

އަލީ މިހާރު ދިރިއުޅޭ ތަނެއް ހޯދަން މުއްދަތެއް ދީފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިހާރު ދިރިއުޅުއްވާ އެޑްރެސް ހޯދުމަށް ހައިކޯޓުން ދައުލަތަށް މުއްދަތެއް ދީފި އެވެ.

އަލީގެ ޕާސްޕޯޓު ހިފަހައްޓަން ނެރެފައިވާ އަމުރު ކްރިމިނަލް ކޯޓުން ބާތިލްކުރުމާ ގުޅިގެން އޭނާ ވަނީ ތުރުކީ އަށް ވަޑައިގެންފަ އެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމަށްފަހު މިއަދު ބާއްވާފައި ވަނީ މިމައްސަލައިގެ ފުރަތަމަ އަޑުއެހުމެވެ.

ޝަރީއަތުގެ މަޖިލިސް މިއަދު ފައްޓަވަމުން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ފައިސަލް ފުރަތަމަ ވެސް ދައުލަތާ ކުރެއްވީ ސުވާލެކެވެ. އެގޮތުން ފަނޑިޔާރު ވިދާޅުވީ ދައުލަތުން މިމައްސަލައިގައި އިސްތިއުނާފަށް ހުށަހެޅި ފޯމުގައި އަލީ ވަހީދު މިހާރު ދިރިއުޅުއްވާ އެޑްރެސްގެ ގޮތުގައި ޖަހާފައިވާ އެޑްރެސް ސާފު ނުވާ ކަމަށެވެ. އެހެންކަމުން އެއީ އަލީ އުޅޭ އެޑްރެސްތޯ ދައުލަތުގެ ކިބައިން އޮޅުންފިލުއްވި އެވެ. ފަނޑިޔާރު މިސުވާލު ކުރެއްވީ އަލީ ވަހީދުގެ އެޑްރެސްގެ ގޮތުގައި މާލޭގެ އެޑްރެހެއް ޖަހާފައި އޮތުމުންނެވެ.

ފަނޑިޔާރު ފައިސަލް ވިދާޅުވީ ދައުލަތުގެ އިސްތިއުނާފް ފޯމުގައި ޖަހާގައިވާ އަލީ ވަހީދުގެ އެޑްރެހަށް ކޯޓުން ފޮނުވާ ޗިޓް ނުފޮނުވޭ ކަމަށެވެ. މީގެއިތުރުން ދައުލަތުން ހިއްސާކޮށްފައިވާ އަލީ ވަހީދުގެ އީމެއިލްއާއި، ވައިބާ އަދި ވަޓްސްއަޕް ނަންބަރަށް ވެސް ޗިޓް ނުފޮނުވޭ ކަން ފާހަގަކުރެއްވި އެވެ. އެހެންކަމުން އަލީ އަށް ޗިޓް ލިބުނު ކަމާމެދު ފަނޑިޔާރު ވަނީ ޝައްކު އުފައްދަވާފަ އެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ އިސްތިއުނާފް ފޯމުގައި ޖަހާފައިވަނީ އަލީ ރާއްޖޭގައި ދިރިއުޅުއްވާ އެޑްރެސް ކަމަށާއި މިހާރު ހުންނެވި އެޑްރެސް ދައުލަތަށް ވެސް ސާފު ނުވާ ކަމަށެވެ. ދައުލަތުން ދިން ޖަވާބާ ގުޅިގެން ފަނޑިޔާރު ފައިސަލް ވަނީ އަލީ މިހާރު ދިރިއުޅުއްވާ އެޑްރެސް ސާފުކުރުމަށްފަހު މާދަމާ މެންދުރުފަހު 2:00ގެ ކުރިން ކޯޓަށް ހުށަހެޅުމަށް އެދިވަޑައިގެންފަ އެވެ. މި މައްސަލަ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމަވާނީ އޭގެފަހުގައި ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައި އޮތް އަމުރު ބާތިލުކުރި މައްސަލައާ ގުޅިގެން އެ އަމުރު ނެރުއްވި ކްރިމިނަލް ކޯޓްގެ ގާޒީ ހަސަން ސައީދުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިހާރު ދަނީ ބަލަމުންނެވެ.

މިދިޔަ މަހުގެ 17 ވަނަ ދުވަހު ޖޭއެސްސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓްގައި ހިނގަމުންދާ ގަޒިއްޔާތަކެއްގައ ދައުވާ ލިބޭ މީހާ ފުރުން މަނާކުރުމަށް ނެރެފައިވާ އަމުރެއް ބާތިލު ކުރުމަށް އެ ކޯޓްގެ ގާޒީ ހަސަން ސައީދު އަމުރު ނެރުމުގައި ފާޅުކަން ބޮޑު ގޮތެއްގައި ގާނޫނު އަސާސީއާ ގާނޫނުތަކާއި ކަނޑައެޅިފައިވާ އިޖުރާއަތްތަކާއި ހިލާފަށް އަމަލުކޮށްފައިވާ ކަމަށެވެެ. އަދި އެ އަމުރު ނެރުމުގައި ދައުވާ ލިބޭ ފަރާތުގެ މައްޗަށް ގާނޫނު ހިންގުމަށް ހުރަސްއެޅޭ ގޮތަށް އަދި ޖިނާއީ ދައުވާ ލިބޭ އެހެން ފަރާތްތަކާ މެދު އަމަލު ކުރާ ގޮތާއި ތަފާތު ގޮތަކަށް އަމަލުކޮށްފައިވާ ކަމަށެވެ.

އެ އަމުރު ނެރުމުގައި އަދުލުއިންސާފު ގާއިމުކުރުމުގެ ބާރު ނަހަމަ ގޮތުގައި ބޭނުންކޮށް ދައުވާ ލިބޭ ފަރާތަށް ނާޖައިޒު މަންފާ ހޯދައި ދިން ކަމަށް ބެލެވޭ ކަމަށްވެސް ޖޭއެސްސީން ވަނީ ބުނެފަ އެވެ.