ސަރުކާރުގެ މައި ސިޔާސަތަކީ ދިވެހިރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކަށް މީހުން ބިނާކުރުން ކަމުގައި ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ނައިބް ރައީސް މިހެން ވިދާޅުވީ ޑިޕްލޮމާ އިން ރޭޑިއޯގްރަފީ ކޯސް އިފްތިތާހު ކުރުމަށްޓަކައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ނައިބް ރައީސްގެ ވާހަކަފުޅުގައި ޒުވާނުންނަކީ ގައުމުގެ ހުރިހާ ދާއިރާތަކުން، ގައުމު ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރެވޭނެ ފަދަ ގާބިލް ބަޔަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި ދިވެހި ސަރުކާރުން މި އަހަރުވެސް އެންމެ ބޮޑު ހޭދައެއް ކުރާ އެއް ދާއިރާއަކީ ސިއްހީ ދާއިރާކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ނައިބް ރައީސް ވިދާޅުވީ ޓެކްނިކަލް ދާއިރާތަކުން ގައުމަށް ބޭނުންވާ ޒުވާނުން ބިނާކުރުމުގެ މަސައްކަތަކީ ކޮންމެހެން ކުރަންޖެހޭ ކަމަކަށްވީ ނަމަވެސް އެކަން ކުރުން ލަސްވެފައިވާ ކަމަށެވެ. ފަންނީ ވަޒީފާތަކަށް ގާބިލް ދިވެހިން ތަމްރީނުކުރުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތުގެ ހެޔޮ ނަތީޖާ ފެނިގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"ދިވެހިރާއްޖެ ދަތުރު ކުރަމުން މިދަނީ ވަރުގަދަ ލާމަރުކަޒީ ނިޒާމަކަށް. އަޅުގަނޑުމެންގެ އަތޮޅުތަކުގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ރަށުން، އަތޮޅުން ދެވޭ ޚިދުމަތްތައް ފުޅާކޮށް، ފަސޭހައިން ފޯރުކޮށްދިނުމަކީ އެއީ ދިވެހި ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތު" ފައިސަލް ވިދާޅުވި އެވެ.
ނައިބް ރައީސްގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވަނީ ސަރުކާރުން ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާއި ގާތުން، ރަށުން ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ވެސް ހިއްސާކުރައްވާފަ އެވެ. އެގޮތުން މިދިޔަ ދެ އަހަރުގެ ތެރޭގައި އެކަނިވެސް ރާއްޖޭގެ އުތުރާއި ދެކުނާއި މެދުރާއްޖެ ތެރެއަށް ދެވުނު ހިދުމަތްތަކުގެ ސަބަބުން ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ. އަދި މި މުއްދަތުގެ ތެރޭގައި އެމްއާރްއައި، ސީޓީ ސްކޭންގެ ހިދުމަތުން އެކަނިވެސް މާލެއިން ބޭރުން ގާތްގަނޑަކަށް 3000 ސީޓީ ސްކޭނާއި، 1300 އެމްއާރްއައި ހެދިފައިވާ ކަމުގައިވެސް ވިދާޅުވި އެވެ. މި ހިދުމަތްތައް ފޯރުކޮށް ނުދެވުނުނަމަ މި ހިދުމަތްތައް ހޯދުމަށް ތަކުލީފުތަކާއެކު އަންނަން ޖެހިފައި އޮންނާނީ މާލެއަށް ކަމުގައިވެސް ވިދާޅުވި އެވެ.
ނައިބް ރައީސް ވަނީ މިއަދު އިފްތިތާހު ކުރެވިގެންދިޔަ "ޑިޕްލޮމާ އިން ރޭޑިއޯގްރަފީ ކޯސް" ވުޖޫދަށް ގެނައުމުގައި ހަރަކާތްތެރިވި ހުރިހާ ބޭފުޅުންނަށް ޝުކުރުވެސް އަދާކުރައްވާފަ އެވެ.