އެމްޓީސީސީ

ރަކީދޫ ބަނދަރުގެ މަސައްކަތް ނިންމާލައިފި

Apr 5, 2021

ރާއްޖޭގައި އެންމެ މަދުން މީހުން ދިރިއުޅޭ ރަށްތަކުގެ ތެރޭގައި ހިމެނޭ ވ. ރަކީދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ނިންމާލައިފި އެވެ.

އެމްޓީސީސީން ބުނީ މިމަސައްކަތް ނިންމާލީ މިދިޔަ މާޗް މަހުގެ 30 ވަނަ ދުވަހު ކަމަށެވެ.

މިމަޝްރޫއުގެ ދަށުން ވަނީ ރަކީދޫ ބަނދަރުގެ 5،654 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކޮށްފަ އެވެ. އަދި ރަކީދޫގައި ދޯނި އެހެލަން ހާއްސަކޮށްފައިވާ ދިމާލުން 11،306 ކިއުބިކް މީޓަރުގެ ސަރަހައްދެއް ވެސް ވަނީ ފުންކޮށްފަ އެވެ.

މިމަޝްރޫއުގެ ބައެއްގެ ގޮތުގައި ހިމަނައިގެން 198 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލައި، 156 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ އިތުރުން 594 އަކަމީޓަރު ސަރަހައްދުގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް އެމްޓީސީސީން ވަނީ ކޮށްފަ އެވެ.

ރަކީދޫ ބަނދަރު ހެދުމުގެ މަޝްރޫއަށް 18.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށްވެސް އެމްޓީސީސީން ވަނީ މައުލޫމާތު ދީފަ އެވެ.