ކަންކަން ކުރަން މުއައްސަސާތައް ހުރަހަކަށް ވުމުން އެ މުވައްސަސާތައް އުވާލާނަމަ މަޖިލިސް ވެސް އުވާލަންޖެހޭ ކަމަށް ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ވިދާޅުވެއްޖެ އެވެ.
އޭނާ އެފަދައިން ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލުމާ ގުޅޭގޮތުން މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް މަޖިލީހަށް ހުށަހެޅީ އެ އޮތޯރިޓީ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ އިހްތިސޯސްގައި ފުށުން އެރުންތަކެއް ހުރެ، މިނިސްޓްރީން ދެމުންދާ ހިދުމަތްތައް ވަރަށް ބޮޑަށް ލަސްވެ އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވުމުންނެވެ.
މެމްބަރު ނަސީމް މިއަދު ވަނީ ޓްރާންސްޕޯޓް އޮތޯރިޓީ އުވާލާ މަގްސަދާމެދު ސުވާލު އުފައްދާފަ އެވެ. މިހާރު ވެސް ރާއްޖޭގެ އެކި އެކި ވުޒާރާތަކުގެ ދަށުގައި ބައިވަރު އޮތޯރިޓީތައް އޮތް އިރު ޓްރާންސްޕޯޓް އޮތޯރިޓީ ސަބަބުން ޓްރާންސްޕޯޓް މިނިސްޓްރީން މަޖިލީހުގައި ޖަވާބު ދާރީވާން ދަތިވާ ކަަމަށް ބުނާއިރު އެއި އެކަން ހަމަ އޮތް ގޮތްތޯ ވެސް އޭނާ ސުވާލު ކުރެއްވި އެވެ.
އޭނާ ވިދާޅުވީ ހަޔާ އެޑިއުކޭޝަންގެ ދަށުން ކޮލިފިކޭޝަން އޮތޯރިޓީ ހިންގާއިރު ކުރިއަށް އޮތް ތަނުގައި ވެސް އެތައް އޮތޯރިޓީއެއް އުފެއްދުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރަމުން ކަމަށެވެ.
"ކަން ނުވީމަ މުއައްސަސާތައް އުވާލާ ކަމަށްވަންޏާ ރައްޔިތުންގެ ފާޑުކިޔުން މިވަގުތު އެންމެ ބޮޑީ ރައީސުލް ޖުމްހޫރިއްޔާއަށް. އެއަށްފަހު މި މަޖިލީހަށް. އެހެންކަމަށް ވަންޏާ ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ރައްޔިތުންގެ މަޖިލިސް ނޫންތޯ އުވާލަން ޖެހޭނީ. ފާޑުކިޔުން ހުރެއްޖިއްޔާ އޮތޯރިޓީ އުވާ ނުލާ ވެސް ކަން ރަނގަޅު ކޮށްގެން ރައްޔިތުންނަށް ހިދުމަތް ދޭން މަސައްކަތް ކުރާނީ. އެގޮތަށް އުވާލަން ވެއްޖިއްޔާ ރާއްޖޭގެ އެެއްވެސް މުވައްސަސާއެއް ކުރިއަށް އޮތް ތަނުގައި އޮންނާނެ ކަމަށް އަޅުގަނޑަކަށް ލަފައެއް ނުކުރެވޭ" ނަސީމް ވިދާޅުވި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީ އުވާލަން ހުށަހެޅި ސަބަބު ސާފު ނުވާކަން ފާހަގަކުރައްވައި އޭނާ ވަނީ އޭގެ ސީދާ ސަބަބު ހާމަކުރަން ވެސް ގޮވާލައްވައިފަ އެވެ.