ތިމާވެށި

ޕްލާސްޓިކް ކޮތަޅުގެ ބައެއް ސައިޒުތައް ލިބުން ދަތިވެއްޖެ

Apr 7, 2021

ޕްލާސްޓިކް ކޮތަޅުގެ ބައެއް ސައިޒުތައް ލިބުން ދަތިވެ، ދަތިތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ރާއްޖޭން ވަނީ 2023 ގައި އެއް ފަހަރު ބޭނުންކުރާ ހުރިހާ ބާވަތްތަކެއްގެ ޕްލާސްޓިކް އެތެރެ ކުރުން ހުއްޓާލަން ނިންމާފަ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ގަރާރެއްގެ ދަށުން މިހާރު ވަނީ ރާއްޖެއަށް އިމްޕޯޓް ކުރުން މަނާ ސިންގަލް - ޔޫސް ޕްލާސްޓިކް ބާވަތްތައް ކަނޑައަޅާފަ އެވެ. މި ބަދަލާއެކު މި އަހަރުގެ އެކެން ޖޫން އިން ފެށިގެން ފިޔަވަހި ތަކަށް ބަހާލައިގެން ޕްލާސްޓިކް ކޮތަޅުގެ ބައެއް ސައިޒުތައް ރާއްޖެއަށް އިމްޕޯޓް ކުރުން ހުއްޓޭނެ އެވެ.

އެ ތާރީހުން ފެށިގެން ފުރަތަމަ މަނާވާނެ ކޮތަޅުގެ ބާވަތްތަކަކީ ބާޒާރު ކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅެވެ.

އެނގިފައިވާ ގޮތުގައި މި ބަދަލު ގެންނަން ނިންމާފައިވުމާއެކު ޕްލާސްޓިކް ކޮތަޅު އެތެރެކޮށް ބައެއް ފަރާތްތަކުން ދަނީ ސްޓޮކް ކުރަމުންނެވެ. ބާޒާރުގައި ކޮތަޅު ލިބުން ދަތި ވެގެން އުޅެނީ އެހެންވެ އެވެ. އެހެންވެ މިހާރު ބައެއް ސައިޒުތަކުގެ ކޮތަޅު ލިބެން ހުރީ މަދުންނެވެ.

އަވަސް އާ ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ވެސް ވަނީ ޕްލާސްޓިކް ކޮތަޅު ނުލިބޭތީ އެކަން ދަތިވަމުންދާ ކަމަށް ފާހަގަކޮށްފަ އެވެ.

"ހީވަނީ އޮޅުމެއް އަރައިގެން އުޅޭހެން. އެހެންވެ ބައެއް ފަރާތްތަކުން ސްޓޮކް ކުރަމުން ގެންދަނީ،" ވިޔަފާރިވެރިއަކު ބުންޏެވެ.

ރާއްޖޭގޭގައި ކޮތަޅު އުފައްދާ ލިސާ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަހީމް މިއަދު ވިދާޅުވީ ބައެއް ފަރާތްތަކުން ކޮތަޅު ރައްކާ ކުރަމުންދާ ކަމުގެ މައުލޫމާތުތަކެއް ލިބިފައިވާ ކަމަށާ އެހެންވެ، އެ ކުންފުންޏަށް ވެސް މި ދުވަސްވަރު ކޮތަޅަށް އޮތް ޑޮމާންޑް ވަރަށް ބޮޑު ކަމަށެވެ.

ޕްލާސްޓިކް ކޮތަޅު ލިބުން ދަތިވެފައިވާއިރު، އިމްޕޯޓް ކުރާ ބަޔޯޑީގްރޭޑެބަލް ޕްލާސްޓިކް ކޮތަޅާއި ޕްލާސްޓިކް ގޯނިން 400 ޕަސެންޓްގެ އިމްޕޯޓް ޑިއުޓީއެއް ނަގަން ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި ޕްލާސްޓިކް ފިލްމާއި ޝީޓާއި ހޮޅި އާއި ތަށި ފަދަ ތަކެތިން 200 ޕަސެންޓްގެ ޑިއުޓީއެއް ނަގާނެ އެވެ.