ޑރ. މުހައްމަދު މުއިއްޒު

ޑރ. މުއިއްޒު، އިބްރާއާ ބައްދަލުކުރައްވައިފި

އިދިކޮޅު ޕީޕީއެމްގެ ޓިކެޓްގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވާ ޑރ. މުހައްމަދު މުއިއްޒު އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާއީލް (އިބްރާ) އާއި ބައްދަލު ކުރައްވައިފި އެވެ.

މިބައްދަލުވުން ރޭގެ ވަގުތެއްގައި ކުރިއަށް ދިޔައީ އިބްރާ ދިރިއުޅުއްވާ މއ. ބޯގަންވިލާގަ އެވެ. ފޮޓޯއެއް މިއަދު ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވަމުން އިބްރާ ވިދާޅުވީ އޭނާއާ ބައްދަލު ކުރެއްވުމަށް މުއިއްޒު ވަޑައިގެންނެވި ކަމަށެވެ.

އެ ބައްދަލުވުމުގައި މާލޭގެ ކަންކަމާއި، ރައްޔިތުންގެ ހާލަތާއި، ސިޔާސީ މަސްރަހާ މެދު އިބްރާގެ ހިޔާލު ހުރި ގޮތް މުއިއްޒު ހޯއްދެވި ކަމުގައި ވެސް އިބްރާ ވިދާޅުވި އެވެ.

މާލޭގެ މެންބަރު ކަން ވެސް ކުރިން ކުރައްވާފައިވާ އިބްރާ ވިދާޅުވީ އޭނާއަށް ކަމެއްގައި ހިޔާލެއް ދެއްވޭނީ އެކަމެއް ބޭނުން ވެގެން ވަޑައިގެންނެވި ބޭފުޅަކަށް ކަމަށެވެ. އެކަމަކު މޭޔަރު ކަމަށް ކުރިމަތިލައްވައިގެން ތިއްބެވި ކެންޑިޑޭޓުންގެ ތެރެއިން އޭނާގެ އަރިހަށް އަދި ވަޑައިގަތީ މުއިއްޒު އެކަނި ކަމަށެވެ.

މާލޭގެ މޭޔަރުގެ މަގާމަށް ހޮވިވަޑައިގެންފިނަމަ ކަންކަމުގައި އޭނާގެ އެހީތެރިކަން ބޭނުންވާ ކަމުގައި މުއިއްޒު ވިދާޅުވި ކަންވެސް އިބްރާ ވަނީ ފާހަގަކުރައްވާފަ އެވެ.

"ކޮންމެ ބޭފުޅަކު ހުންނެވިޔަސް ރައްޔިތުންގެ ކަންކަމުގައި ދެވެން އޮތް ހިދުމަތެއް ދޭނެ ވާހަކަ ދެންނެވިން،" މުއިއްޒުއަށް ދެއްވި ޖަވާބު ހިއްސާކުރައްވަމުން އިބްރާ ވިދާޅުވި އެވެ.

އެމްޑީޕީ އުފެއްދުމުގައި ވެސް އިސް ދައުރެއް އަދާކުރައްވާފައިވާ އިބްރާއާއި މުއިއްޒު ބައްދަލުކުރައްވާފައި މިވަނީ އެމްޑީޕީއާއި ސަރުކާރުގެ ބައެއް ކަންކަމުގައި ހިތްހަމަޖެހިވަޑައިގެން އިބްރާގެ ފާޑުކިޔުންތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ވަގުތެއްގަ އެވެ.