ސަރުކާރުގެ ފަރާތުން ހުށަހެޅި ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމުގެ ބިލް މަޖިލީހުން ބަލައިގެންފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ އިހްތިޞާސްގައި ފުށުން އެރުންތަކެއް ހުންނާތީ އެ އޮތޯރިޓީ އުވާލަން އެމްޑީޕީއަށް ނިސްބަތްވާ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ހުށަހެޅުއްވި ބިލް ބަލައިގަންނަން ފެންނަ ކަމަށް 27 މެމްބަރަކު މިއަދު ވޯޓު ދެއްވި އެވެ.
ބަލައިގަތުމަށް ފަހު ބިލް އިތުރަށް ދިރާސާ ކުރަން ގައުމީ ތަރައްގީއާ ތަރިކައިގެ އަދި ލާމަރުކަޒީގެ ޖޮއިންޓް ކޮމެޓީއަކަށް ފޮނުވަން ވަނީ ނިންމާފަ އެވެ.
އެ ބިލާ ބެހޭގޮތުން މަޖިލީހުގެ ތަޅުމުގައި ހޫނުކޮށް ބަހުސެއް ކޮށްފައިވާއިރު އިދިކޮޅާއި އެމްޑީޕީގެ ވެސް ބައެއް މެމްބަރުން ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމާ ދެކޮޅެވެ. އަދި ޓްރާންސްޕޯޓް އޮތޯރިޓީ އުވާލިޔަސް މަގުސަދު ހާސިލް ނުވާނެ ކަމަށް އެ މެމްބަރުން ވިދާޅުވެ އެވެ. އޭގެ އިތުރުން އެ ބިލްގެ ސަބަބުން ވެރިކަންކުރާ އެމްޑީޕީން ލާމަރުކަޒީ ނިޒާމް ފައްކާ ކުރުމަށް ގެނައި ބަދަލުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެކަމުގެ ކަންބޮޑުވުން މިއަދު ފާޅުކުރި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް ފަހު އެތަނުގެ މަސައްކަތްތަކާއި މުވައްޒަަފުން ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލު ކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ