އިލެކްޝަންސް ކޮމިޝަން

ވޯޓްލާން ދިޔައީ ހުއްދަ ހޯދައިގެންތޯ ނުބަލާނެ: އީސީ

ވޯޓްލާ މަރުކަޒަށް ވޯޓްލާން ދާ މީހާގެ ނަން ވޯޓާސް ލިސްޓްގައި އޮވެއްޖެނަމަ އެ މީހަކަށް ވޯޓް ލެވޭނެ ކަމަށާ އެއީ ހުއްދަ ހޯދައިގެން އައި މީހެއްތޯ ނުބަލާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވެެއްޖެ އެވެ.

ޝަރީފް ވިދާޅުވީ ވޯޓްލާ މަރުކަޒަށް ވޯޓްލާން ދާ މީހާގެ ނަން ވޯޓާސް ލިސްޓްގައި އޮވެއްޖެނަމަ އެ މީހަކަށް ވޯޓް ލެވޭނެ އެވެ. އޭނާއަކީ ކިހިނެތް، ކޮންތާކުން ދިޔަ މީހެއްތޯ އޮފިޝަލުން ނުބައްލަވާނެ އެވެ. އަދި އެއީ އެޗްޕީއޭގެ ހުއްދަ ހޯދައިގެން ދިޔަ މީހެެއްތޯވެސް ކޮމިޝަނުން ނުބަލާނެ އެވެ. ޝަރީފް ވަނީ ރައްކާތެރިކަމާއެކު ވޯޓްގެ ކަންކަން ކުރިއަށް ގެންދިއުމަށް ހުރިހާ ރައްޔިތުންގެ އެހީތެރިކަމަށް އެދި ވަޑައިގެންފަ އެވެ.

އޭނާގެ އެ އިޝާރާތަކީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުން ވޯޓްލާން ދިއުމަށާއި ވޯޓްލުމަށް އެއް ރަށްރަށުން އަނެއް ރަށަށް ދިއުމަށެވެ. އެޗްޕީއޭއިން ވަނީ ވޯޓްލާން އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމުގެ ހުއްދަ ދޭނެ ކަމަށް އީސީއަށް އަންގާފަ އެވެ. ނަމަވެސް ދަތުރު ފެށުމުގެ ކުރިން އެ ހޯދަން ޖެހެއެވެ. ރަށްރަށުގައިވާ ކޮވިޑް ޓާސްކް ފޯސްގެ ހުއްދައެއް ހޯދާ އެ ޓާސްކްފޯހުގެ އިރުޝާދަށް ނޫނީ ރަށްރަށަކަށް ނޭރޭނެ އެވެ.

އެހެން އޮތް ނަމަވެސް ޝަރީފް ވިދާޅުވީ ވޯޓްލާ މަރުކަޒުތަަކުގައި ތިއްބަވާ އޮފިޝަލުން އެކަން ބައްލަވައި ނުހައްދަވާނެ އެވެ.

ވޯޓްލާ މަރުކަޒަށް ވޯޓްލާން އަންނަ މީހާގެ ނަން ވޯޓާސް ރަޖިސްޓްރީގައި އޮވެއްޖެނަމަ އޭނާއަށް ވޯޓް ލެވޭނެ. ކިހިނެތްތޯ، ކޮންތާކުންތޯ އައީ ހުއްދަ ހޯދައިގެންތޯ އިލެކްޝަންސް ކޮމިޝަނަކުން ނުބަލާނެ.
އަހުމަދު ޝަރީފް އާދަމް | އިލެކްޝަންސް ކޮމިޝަންގެ ރައީސް

މިފަހަރުގެ އިންތިހާބުގައި ކޮވިޑް-19 އަށް ޕޮޒިޓިވެފައިވާ މީހުން ވޯޓްލާނީ އެންމެ ފަހުންނެވެ. އެ މީހުން ވޯޓްލާނީ އާންމުންގެ ވޯޓް ކިއު ހަވީރު ފަހެއް ޖަހާއިރު ބަންދު ކުރުމުންނެވެ. ޕޮޒިޓިވް މީހުން ވޯޓްލުމަށް މިހާރު ހަމަޖައްސާފައިވަނީ ހަވީރު ފަހަކުން ހަޔަކަށެވެ.

ވޯޓްލާން ދިއުމުގެ ކުރިން އެޗްޕީއޭގެ ހުއްދަ ހޯދަން ޖެހެއެވެ. ނަމަވެސް ހުއްދަ ލިބުމުން ވޯޓްލާ މަރުކަޒަށް ދާން ޖެހޭނީ އެމީހަކު އަމިއްލައަށެވެ. އަދި ވޯޓްލާން ޖެހޭނީ އެހީތެރިިއަކާ ނުލައި އެކަންޏެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބު ހޮނިހިރު ދުވަހު ކުރިއަށް ދާނެ އެވެ. ވޯޓް ނެގުން އޮންނާނީ ހެނދުނު 7:00 އިން ހަވީރު 5:00 އަށެވެ.