ފިޔަވަތި

ކުޑަކުދިންގެ ހިޔާތަކުގެ ގިނަ މައްސަލަތަކެއް ކޮމެޓީއަށް

ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިން ބައިތިއްބާ ތަންތަނުގައި އެތައް މައްސަލަތަކެއް ހުރި ކަމަށާއި އެކަން ފާހަގަވުމުން އެ މައްސަލަތައް ހައްލު ކުރުމަށް ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައި ވާނެ ކަމަށް ޗިންލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގް ވިދާޅުވެއްޖެ އެވެ.

އޮމްބަޑްސްޕާސަންގެ ފަރާތުން ޖެންޑާ މިނިސްޓްރީއަށް ހުށަހެޅި ސިޓީއެއް މީޑިއާއަށް ލީކްވެފައި ވެއެވެ. އެއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގައި ސުވާލު ކުރަން ބޭނުން ވެގެން އިއްޔެ ވަނީ އޭނާ ކޮމެޓީއަށް ހާޒިރު ކޮށްފަ އެވެ.

އެ ބައްދަލުވުމަށް ޖެންޑާ މިނިސްޓަރު ވަޑައިގެންފައި ނުވާތީ މިނިސްޓަރު ވަކިން ހާޒިރު ކޮށްގެން ސުވާލު ކުރާނެ ކަމަށް ކޮމެޓީއިން ވަނީ ބުނެފަ އެވެ.

ނިއުމަތު މިނިސްޓްރީއަށް ފޮނުއްވި ސިޓީގައި ކުޑަކުދިންގެ ހިޔާތަކުން 17 މައްސަލައެއް ފާހަގަކޮށް ހިމަނާފައި ވާނެ ކަމަށް ވިދާޅުވެ އެއް މައްސަލަތައް ވަނީ ކޮމެޓީގައި މެންބަރުންނަށް އިއްވެވި އެވެ.

އޭގެތެރޭގައި ކުދިން އުޅޭ ކޮޓެރިތަކުން ނުރައްކާތެރި އެއްޗެހި ފެންނަ ކަމާއި އެކުދިން އުޅޭ ކޮޓެރިތައް ބަލައި ފާސް ކުރުމުގެ އުސޫލެއް ކަނޑައަޅައިފައި ނެތުމާއި ކުށުގެ ވެށީގައި އުޅޭ ކުދިން ވަކިން ބޭތިއްބުމުގެ އިންތިޒާމް ހަމަޖެހިފައި ނެތުމާއި އަހުލާގީ މައްސަލަތައް ހުންނަ ކުދިންނަށް އެކަށީގެންވާ ތެރެޕީ ނުދެވޭކަން ހިމެނެ އެވެ

އަހުލާގީ ފެންވަރު ދަށް ކުދިންނަށް ފިޔަވަޅު އެޅުމުގެ ނިޒާމެއް ނެތް ކަމަށާއި އެ ކުދިންނަށް ދުވަހުން ދުވަހަކަށް ކަން ކުރާނެ އުސޫލެއް ކަނޑައަޅާފައި ނެތްކަން އޭނާ ފާހަގަ ކުރެއްވި އިރު ފޯނު ބޭނުން ކޮށްގެން ތަނުން ބޭރު މީހުންނާ ވާހަކަ ދައްކައިގެން ކަންކަން ހިންގާ ކަން ވެސް ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން މުވައްޒަފުންގެ އިހުމާލު އޮތް ކަން ވެސް ފާހަގަވި އެވެ. އެގޮތުން ޖެންޑާ މިނިސްޓްރީއަށް ފޮނުވި ސިޓީގައި މުވައްޒަފުންގެ ފަރާތުން ކުދިންނަށް ބޭނުންވާ އެއްބާރުލުން ނުލިބޭ ކަމަށާއި އެކުދިންނަށް އުނގެނުމުގައި އެހީތެރިކަން ނުލިބޭކަން ހިމެނެ އެވެ.

ކުޑަކުދިންގެ ހިޔާގެ ބައެއް ތަންތަނުގެ މައި ދޮރު ހަލާކުވެފައިވާތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި ކުދިން ދިރިއުޅޭ ކޮޓެރިތަކުގެ ތަޅުތައް ހަލާކުވެފައިވާކަން މިނިސްޓްރީގެ ސަމާލު ކަމަށް ގެނެސްފައިވާއިރު ހައްލު ކުރަން އެޅޭނެ ފިޔަވަޅުތައް ވެސް ހުށަހަޅާފައި ވާނެ ކަމަށް ނިއުމާތު ވިދާޅުވި އެވެ. އަދި ވިދާޅުވީ ކުދިންގެ ކިޔެވުން ކުރިއަށް ދާގޮތް ރަނގަޅަށް މޮނީޓާ ނުކުރެވޭ ކަމަށާއި، ބޮޑެތި ކުދިން އެއްގޮތަކަށް ވެސް ކްލާސްތަކަށް ނުދާ ކަމަށެވެ.

އޭނާ ވިދާޅުވީ ސެކިއުރިޓީ ކަންކަން ވަރުގަދަކޮށް ކުދިންގެ ކޮޓަރިތަކުގެ ތަޅުތައް މަރާމާތު ކުރުމަށް ހުށަހަޅާފައިވާނެ ކަމަށާއި އަހުލާގީ ފެންވަރު ދަށް ކުދިންނަށް ފިޔަވަޅު އަޅާނެ އުސޫލެއް ކަނޑައެޅުމަށް ވެސް ހުށަހަޅާފައިވާނެ ކަމަށެވެ.