ކައުންސިލް އިންތިހާބަކީ ދެފުށް ފެންނަ އިންސާފުވެރި އިންތިހާބަކަށް ހައްދަވައި ދެއްވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.
މިއަދުގެ މަޖިލީހުގެ ރިޔާސަތު ފައްޓަވަމުން ރައީސް ނަޝީދު ވަނީ އިންސާފުވެރި ހަމަ ހަމަ އިންތިހާބެއް ބާއްވައި ދިނުމަށް އިލެކްޝަންސް ކޮމިޝަނަށާއި އަދި އެ ކޮމިޝަންގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް އިލްތިމާސް ކުރައްވައިފަ އެވެ. އަދި އިންތިހާބު އެންމެހާ ކަންކަން ހިނގާނެކަމުގެ ޔަގީންކަން އެބައޮތް ކަމަަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެއީ ވޯޓުލުމުގެ މަސައްކަތް ވެސް އަދި ވޯޓު އިއުލާނު ކުރުމުގެ މަސައްކަތް ވެސް. މި އެންމެހާ ކަންކަމަކީ ދެފުށް ފެންނަ ސީދާ ގާނޫނާ ގަވާއިދުގައިވާ ގޮތުގެ މަތިން ހިންގޭ މަސައްކަތްތަކަކަށް ވާން ޖެހޭނެ. އަދި އަޅުގަނޑު އެކަމަކާ ޝައްކެއް ވެސް ނުކުރަން،" މަޖިލިސް ރައީސް ވިދާޅުވި އެވެ
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބު ހޮނިހިރު ދުވަހު ކުރިއަށް ދާނެ އެވެ. ވޯޓް ނެގުން އޮންނާނީ ހެނދުނު 7:00 އިން ހަވީރު 5:00 އަށެވެ.
އިންތިހާބަށް ވޯޓު ފޮށިތައް ފޮނުވުމުގެ މަސައްކަތް މިހާރު ފަށައިފައިވާއިރު ތާވަލާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާނަމަ މިއަދު ހުރިހާ ސަރަހައްދުތަކަށް ވެސް ވޯޓް ފޮށިތަކާއި ވޯޓް ކަރުދާސްތައް ފޯރު ކޮށްދެވޭނެ ކަމަށް އިލެކްޝަންސްއިން މިދިޔަ ހޯމަ ދުވަހު ވަނީ ބުނެފަ އެވެ.