ސުޕްރީމް ކޯޓް

ދީބާޖާއަށް ބަދަލު ދޭން ކުރި ހުކުމް ބާތިލު ކޮށްފި

ދީބާޖާއަށް ލިބުނު ގެއްލުމުގެ ބަދަލަށް 348 މިލިއަން ރުފިޔާ ދެއްކުމަށް ދައުލަތުގެ މައްޗަށް ކުރި ހުކުމް ރިވިއު ކުރުމަށް ފަހު އެ ހުކުމް ބާތިލް ކުރަން ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

ދެހާސް ދިހަވަނަ އަހަރުގެ ތެރޭގައި ދީބާޖާ އިންވެސްޓްމަންޓް ކުންފުންޏަށް ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅު އަދި ޅ. އަތޮޅުގެ ދަތުރުފަތުރު ހިދުމަތް ދޭން ހަވާލުކުރި އެވެ. ނަމަވެސް އެ އެއްބަސްވުމުގެ ދަށުން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ފުރިހަމަކޮށް ދޭން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް 2013 ވަނަ އަހަރު އެއްބަސްވުން ވަނީ ބާތިލު ކޮށްފަ އެވެ.

ސަރުކާރުން އެއްބަސްވުން ބާތިލުކުރީ ދީބާޖާ ކުންފުނިން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ. އެ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ރިސޯޓް ތަރައްގީ ކުރުމަށާއި ފެރީ ޓާމިނަލްތައް ހެދުމަށް ބިން ދޫކުރަން އޮތީ ލާޒިމްކޮށްފަ އެވެ. ނަމަވެސް އެ ބިންތައް ވެސް އެ ކުންފުންޏަށް ދޫކޮށްފައެއް ނުވެ އެވެ.

އެއްބަސްވުން ބާތިލްކުރުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ހޯދަން ދީބާޖާ ކުންފުނިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. އެ މައްސަލަ ނިންމީ ވެސް އެ ކުންފުންޏާ އެއްކޮޅަށެވެ. އެ ހުކުމާ ހިތްހަމަނުޖެހި، ދައުލަތުގެ ފަރާތުން މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރި އެވެ. ހައިކޯޓުން ހުކުމް ކުރީ ދައުލަތާ އެއްކޮޅަށެވެ. އަދި ސިވިލް ކޯޓުގެ ހުކުމް ބާތިލުކުރި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހެދި އެއްބަސްވުމެއް އޭގެ ފަހުން އުވާލި މައްސަލާގައި ލިބުނު ގެއްލުމުގެ ގޮތުގައި ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް ބަދަލުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ދިނުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ 2019 ވަނަ އަހަރު އެވެ.

އޭގެފަހުން ދައުލަތުން އެ ހުކުމް ރިވިއު ކުރަން މިދިޔަ އަހަރު ސުޕްރީމް ކޯޓަށް ހުށަހަޅައި އެ މައްސަލައިގެ އަޑުއެހުންތައް މިިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ނިންމާލާފަ އެވެ.

ސުޕްރީމް ކޯޓުން ހައިކޯޓުގެ ނިންމުން ކުރިން ބާތިލުކޮށްފައިވަނީ އިސްތިއުނާފްގެ މުއްދަތު ހަމަވެފައި ވަނިކޮށް މައްސަލަ ހުށަހެޅުމުން ކަމަށް ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުގައިވެ އެވެ. އަދި އިސްތިއުނާފް ކުރުން ލަސްވީ ދައުލަތުގެ އިހުމާލުން ކަމަށްވާއިރު އެއީ މަގުބޫލު އުޒުރެއް ނޫން ކަމަށްވެސް ކޯޓުން މިއަދު ނިންމާފައިވެ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނީ ދީބާޖާ އަށް ބަދަލެއް ދޭންޖެހޭ ކަންވެސް ނުވަަތަ ދޭން ނުޖެހޭ ކަންވެސް ކުރީގެ ހުކުމުގައި އެއްވެސް ގޮތަކަށް ނިންމާފައި ނެތް ކަމަށެވެ.

ސުޕްރީމް ކޯޓުގެ ކުރީގެ ހުކުމުގައި ވަނީ ހައިކޯޓަށް މައްސަލަ ބަލައިގަނެފައިވަނީ މުއްދަތު ހަމަވި ފަހުން ކަމުން އެ ކޯޓުން ނިންމި ނިންމުމަކީ ގޯސް ނިންމުމެއް ގޮތުގައި ކަނޑައަޅާ ކަމަށެވެ. އެހެންކަމުން އެ ނިންމުން ބާތިލް ކުރަންޖެހޭ ކަމަށާއި ހައި ކޯޓުގެ ހުކުމުގެ ސައްހަކަމާ މެދު މި މައްސަލައިގެ ތެރެއިން ގޮތެއް ނުނިންމޭނެ ކަމަށް ސުޕްރީމް ކޯޓުގެ މިއަދުގެ ހުކުމުގައި ބުނެ އެވެ.

ކުރީގެ ހުކުމް ބާތިލް ކުރުމުން ހައިކޯޓުން ކޮށްފައިވާ ހުކުމް ދެމެހެއްޓޭނެ ކަމަށާއި އެހެންކަމުން ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު ދީބާޖާ އަށް ލިބިގެންދާނެ ކަމަށްވެސް ހުކުމުގައިވެ އެވެ. މި މައްސަލަ ނިމޭ ދުވަހުން ފެށިގެން ބަންދު ނޫން 15 ދުވަހުގެ ތެރޭގައި މައްސަލަ އިސްތިއުނާފް ކުރަން ހަސްމުންނަށް ފުރުސަތު ލިބޭނެ އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވީ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.