ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިހާރު ދިރިއުޅުއްވާ އެޑްރެސް ނޭންގޭ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ހައި ކޯޓަށް އެންގުމުން އެ މައްސަލައިގެ ދައުވާ ފޯމު ބާތިލު ކޮށްފި އެވެ.
ހައި ކޯޓުން މިއަދު ބުނީ އަލީ މިހާރު ދިރިއުޅުއްވާ އެޑްރެސް ނޭންގޭ ކަމަށް ޕީޖީ އިން އެންގުމުން ދައުވާ ފޯމު ބާތިލުކޮށްފައި ވަނީ އެޑްރެސް އެނގުމުން އަލުން ދައުވާ ކުރުމުގެ ފުރުސަތު ދިނުމަށްފަހުގައި ކަމަށެވެ.
އެހެންކަމުން މިހާރު ދިރިއުޅުއްވާ އެޑްރެސް އެނގުމުން އަލީގެ ޕާސްޕޯޓު ހިފަހައްޓަން ނެރެފައިވާ އަމުރު ކްރިމިނަލް ކޯޓުން ބާތިލްކުރި މައްސަލަ ހައި ކޯޓުގައި އަނެއްކާވެސް އިސްތިއުނާފް ކުރުމުގެ ފުރުސަތު ޕީޖީ އަށް ވަނީ ލިބިފަ އެވެ.
ޕާސްޕޯޓު ދޫކުރުމުން އަލީ ފުރާވަޑައިގެންފައި ވަނީ ތުރުކީ އަށްކަން އިމިގްރޭޝަނާއި ހަވާލާދީ ޕީޖީ އިން ކުރިން ވަނީ ބުނެފަ އެވެ.
ކުރިން ޕީޖީ އިސްތިއުނާފްކުރި މައްސަލައިގެ އަޑުއެހުމެއް މިދިޔަ ހޯމަ ދުވަހު ބޭއްވި ނަމަވެސް އެދުވަހުގެ މަޖިލިސް ނިންމައިލަން ޖެހުނީ އަލީ މިހާރު އުޅޭ އެޑްރެހެއް ނޭންގިގެންނެވެ. އަލީ އުޅޭ އެޑްރެސް ހޯދުމަށް ޕީޖީއަށް އެއް ދުވަހުގެ މުއްދަތެއް ދިން ނަމަވެސް ޕީޖީ އިން ބުނެފައި ވަނީ އެ މުއްދަތުގެ ތެރޭގައި އަލީ އުޅޭ އެޑްރެހެއް އެނގިފައި ނުވާ ކަމަށެވެ.
ހޯމަ ދުވަހު އޮތް ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ފައިސަލް ފުރަތަމަ ވެސް ދައުލަތާ ކުރެއްވީ ސުވާލެކެވެ. އެގޮތުން ފަނޑިޔާރު ވިދާޅުވީ ދައުލަތުން މިމައްސަލައިގައި އިސްތިއުނާފަށް ހުށަހެޅި ފޯމުގައި އަލީ ވަހީދު މިހާރު ދިރިއުޅުއްވާ އެޑްރެސްގެ ގޮތުގައި ޖަހާފައިވާ އެޑްރެސް ސާފު ނުވާ ކަމަށެވެ. އެހެންކަމުން އެއީ އަލީ އުޅޭ އެޑްރެސްތޯ ދައުލަތުގެ ކިބައިން އޮޅުންފިލުއްވި އެވެ. ފަނޑިޔާރު މިސުވާލު ކުރެއްވީ އަލީ ވަހީދުގެ އެޑްރެސްގެ ގޮތުގައި މާލޭގެ އެޑްރެހެއް ޖަހާފައި އޮތުމުންނެވެ.
ފަނޑިޔާރު ފައިސަލް ވިދާޅުވީ ދައުލަތުގެ އިސްތިއުނާފް ފޯމުގައި ޖަހާގައިވާ އަލީ ވަހީދުގެ އެޑްރެހަށް ކޯޓުން ފޮނުވާ ޗިޓް ނުފޮނުވޭ ކަމަށެވެ. މީގެއިތުރުން ދައުލަތުން ހިއްސާކޮށްފައިވާ އަލީ ވަހީދުގެ އީމެއިލްއާއި، ވައިބާ އަދި ވަޓްސްއަޕް ނަންބަރަށް ވެސް ޗިޓް ނުފޮނުވޭ ކަން ފާހަގަކުރެއްވި އެވެ. އެހެންކަމުން އަލީ އަށް ޗިޓް ލިބުނު ކަމާމެދު ފަނޑިޔާރު ވަނީ ޝައްކު އުފައްދަވާފަ އެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައި އޮތް އަމުރު ބާތިލުކުރި މައްސަލައާ ގުޅިގެން އެ އަމުރު ނެރުއްވި ކްރިމިނަލް ކޯޓްގެ ގާޒީ ހަސަން ސައީދުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިހާރު ދަނީ ބަލަމުންނެވެ.