ނަސްރުގެ ދުވަސް

"ފައިސާގެ ދަޅަ ދައްކާ ސިފައިންނަށް އަޒުމް ބަލިކުރަން އަބަދު މަސައްކަތްކުރޭ"

އާންމުންނާ ވެރިންނާ ދޭތެރޭ ހިތްހަމަނުޖެހުން އުފައްދައި ސިފައިންނަށް ފައިސާގެ ދަޅަ ދައްކައިގެން އަޒުމް ބަލިކަށިކޮށްލަން އަބަދުވެސް ބަޔަކު މަސައްކަތްކުރާ ކަން ދިވެހި ސިފައިން ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނަރަލް އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ނަސްރުންގެ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް އެމްއެންޑީއެފުން މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މޭޖަާ ޖެނަރަލް ޝިޔާމް ވިދާޅުވީ، މީހުންގެ ތެރޭގައި ފަސާދަ އުފައްދައި، ވެރިންނަށް ޣައްދާރުވުމަކީ އަލަށް ދިވެހިންނަށް ފެނުނު މަންޒަރެއް ނޫން ކަމަށެވެ. ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާއަކީވެސް ދިވެހި ޣައްދާރުންތަކެއްގެ އެހީތެރިކަމާ އެކު ބޭރުގެ ބަޔަކަށް ދޭން ކެރުނު ހަމަލާއެއް ކަމަށާއި، ނަމަވެސް ހިތާމައަކީ ދިވެހިންނަށް އަދިވެސް އެކަން ނުވިސްނޭކަން ކަމަށެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި 100، 200 އެއްހައި ބަޑި ހިފައިގެން އައިސް ބަޔަކަށް ދެން މި ގައުމު ސުންނާފަތިކޮށް ނުލެވޭނެ އެވެ. ބަޔަކު އެގޮތަށް އައިސް ޖަހާލާ ބަޑިއަކުން ސިފައިންނެއް ނުވެސް ގުޑާނެ އެވެ. އަދި ބަޔަކު ކިޔާލާ އެއްޗަކުން ދިވެހި ސިފައިންގެ ސަފުތައް ގުޑުގުޑެއް ވެސް ނާޅާނެ އެވެ. އެއަށްވުރެ ދިވެހި ސިފައިން މިއަދު ތިބީ ހުނަރާއި ވިސްނުމާއި ފަންނުގެ ގޮތުން މާ ބޮޑަށް ކުރިއަރާފަ އެވެ.

"މިއަދު ގައުމަށް ހަމަލާދޭން ބޭނުންވާ މީހުން އެކަން ކުރަނީ ފައިސާގެ ދަޅަ ދައްކައިގެން، މުދަލުގެ ދަޅަ ދައްކައިގެން، މަތީމަގާމު ތަކާއި ޖާހާއި ތިމާ މީހާއަށް ހޯދަން ބޭނުންވާ އެތައް ކަމެއް ހޯދައިދޭނެ ކަމުގެ ދަޅަ އަޅުގަނޑުމެންގެ މީހުންނަށް ދައްކައިގެން. ހިތާމައަކީ މި މަޅިތަކުގައި އަދިވެސް އަޅުގަނޑުމެންގެ ބޯތައް ޖެހޭތީ. ތާރީހު ކިތައް ފަހަރުތޯ ގައުމަށް ގައްދާރުވާ މީހުން ދައްކަނީ. އެކަމަކު އަޅުގަނޑުމެންނަކަށް އަދިވެސް މިކަމެއް ނުވިސްނޭ،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ، ބަޔަކު ރަނގަޅު ކަމެއް ކުރާނަމަ ފާޑު ކިޔާނެ އަނގަތައް ގިނަ ވާނެ ކަމަށެވެ. ދެރަބަސް ބުނެ، ސިނކުނޑި ބަލިކޮށްލަން ވެސް މަސައްކަތް ކުރާ މީހުން އިތުރުވާނެ ކަމަށެވެ. އެއީ ހަމައެކަނި ދިވެހި ސިފައިންނަށް ދިމާވާ ގޮންޖެހުމެއް ނޫންކަމަށާއި، އެއީ މިއަދު މުޅި މި މުޖުތަމައަށް ވެސް ދިމާވެފައިވާ ބަލިމަޑުކަމެއް ކަމަށެވެ.

އެހެންކަމުން ދިވެހި ސިފައިން ވާންޖެހޭނީ ދަހިވެތިކަމުން ސަލާމަތްވެގެން ތިބެ ގައުމީ ދިފާއުގައި ފުރާނައަށް ބެލުމެއް ނެތި މަސައްކަތް ކުރާ ބަޔަކަށް ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.

"އެންމެ ހިތްވަރުގަދަ މީހާއަކީ އެމީހާއަށް ކޮންމެހެން މާ ބާރުގަދަ ހަތިޔާރުތަކެއް ދީގެން އެ ކުރަން ނުކުންނަ ކަމަކުން ކާމިޔާބު ލިބިގެން ނުކުމެވޭނެކަން ޔަގީންވާ މީހާއެއް ނޫން. ހިތްވަރުގަދަ މީހާއަކީ ތިމާ މީހާ ކުރިމަތިލާ ކަންތައްތަކަކީ ވަރަށް ނުރައްކާތެރި ކަންތައްތަކެއްކަން އެނގި ހުރެ، ކަން ދިމާވާ ގޮތުން ތިމާއަށް އެނބުރި ނާދެވިދާނެ ކަންވެސް އެނގިހުރެ ކަންކަމާ ކުރިމަތިލާ މީހާ،" މޭޖާ ޖެނަރަލް އަހުމަދު ޝިޔާމް ވިދާޅުވި އެވެ.