ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

އެމްޑީޕީގެ ކެމްޕޭން ނިންމަން ދެ ރައީސުން ރަސްދޫއަށް

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ނިންމާލުމަށް އެމްޑީޕީން ބާއްވާ ހާއްސަ ޖަލްސާ އއ. ރަސްދޫގައި ބޭއްވުމަށް ނިންމައިފި އެވެ.

އެމްޑީޕީގެ އޮފިޝަލަކު އަވަސްއަށް މައުލޫމާތު ދެެއްވަމުން ވިދާޅުވީ މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެމްޑީޕީގެ ރަށްވެހި ފަތިސް ކެމްޕޭން ނިންމާލުމަށް "އާވިލުން ޖަލްސާ"ގެ ނަމުގައި ބާއްވާ މި ޖަލްސާގައި އެމްޑީޕީގެ ލީޑަޝިޕްގެ އިސް ބޭފުޅުންނާއި ބައެއް ކެންޑިޑޭޓުން ވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.

އޮފިޝަލް ވިދާޅުވީ މިޖަލްސާ އަށް މާލެއިން ރަސްދޫ އަށް ވަޑައިގަންނަވާ ބޭފުޅުން އެ ރަށަށް ފައިބައިވަޑައިނުގަންނަވާނެ ކަމަށެވެ. އެކަމަކު ރަސްދޫއަށް ވަޑައިގަންނަވާ ބޭފުޅުން އެރަށުގެ ބަނދަރުގައި ބޯސާޖަހާފައިވާ ދޯނިތަކެއްގައި ތިއްބަވައިގެން ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

"ޖަލްސާ ރޭވިފައިވާ ގޮތުން ރައީސް ސޯލިހާއި ރައީސް ނަޝީދު ވެސް މިޖަލްސާގައި ވާހަކަފުޅު ދައްކަވާނެ. އަޅުގަނޑުމެންގެ ކުރީގެ މިފަދަ ޖަލްސާތަކަށް ވުރެ މި ޖަލްސާ ހުރިހާ ގޮތަކުން ވެސް ތަފާތުވާނެ،" އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމް އާއި ރާއްޖެޓީވީން ލައިވްކުރުމަށް ހަމަޖެހިފައިވާ މިޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 8:30 ގައެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާނީ އަންނަ ހޮނިހިރު ދުވަހު އެވެ.