ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ވަރަށް ދަށު ދަރަޖައިގެ ނާތަހުޒީބު އަމަލުތަކެއް ހިންގަމުންދިޔައިރު މަޖިލީހުގެ ރިޔާސަތުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް ވިދާޅުވެ ވިލިމާލެ ދާއިރާގެ އަމިއްލަ މެންބަރު އަހުމަދު އުޝާމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރު ވާހަކަފުޅު ދައްކަވަމުން ގެންދަވަނިކޮށް އިނގުރައިދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހަސަން އަހްމަދު (ހަސަންޓޭ) ވަނީ ވަރަށް ބޮޑަށް އަޑުގަދަ ކުރައްވާފައެވެ. ހަސަންޓޭ އަޑުގަދަ ކުރެއްވީ އާދަމް ޝަރީފްއާ ވަރަށް ކައިރިއަށް ވަޑައިގެންނެވެ.
އެކަމަށް އިޝާރާތް ކުރައްވާ އުޝާމް ވިދާޅުވީ މަޖިލީހުގައި ހަސަންޓޭ ކުރެއްވީ ވަރަށް ނާތަހްޒީބު ދަށު ދަރަޖައިގެ އަމަލެއް ކަމަށާ އެހާލަތަށް މަޖިލީސް ދިޔައިރުވެސް މަޖިލީހުގެ ރިޔާސަތުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަަމަށެވެ. އަދި މަޖިލީހުގައި އިދިކޮޅު ޕާޓީގެ މެންބަރުންނަށް ބިރެއްނެތި ބަސްބުނުމުގެ ފުރުސަތު ލިބެންޖެހޭ ކަމަށް އުޝާމް ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި ހިނގާދިޔަ ކަންތައްތަކާއި ގުޅޭގޮތުން އާދަމް ޝަރީފް ވިދާޅުވީ ކިތަންމެ ބިރެއް ދެއްކި ނަމަވެސް ފަހަތަށް ނުޖެހޭނެ ކަމަށެވެ. އަދި ފަސްޖެހުމެއް ނެތި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަަސައްކަތުގައި ދެމި ހުންނަވާނެ ކަމަށެވެ.
"އެއްވެސް ފަސްޖެހުމެއް ނެތި ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި ކުރަން ޖެހޭ ހުރިހާ މަަސައްކަތެއް ކުރާނަން. އެކަނި ހުންނަން ޖެހުނަސް މަޖިލީހުގައިވެސް ސާބިތުކަމާއެކު ހުންނާނަން. އިންޝާﷲ، ފަހަތަކަށް ނުޖެއްސޭނެ،" ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އިޖްތިމާއީ އާންމު މިންގަނޑާއި ހިލާފަށް ބަސްމަގު ބޭނުން ކުރުމަކީ އާންމު ކަމަކަށް ވެފައިވާ ކަމަށެވެ. މަޖިލީހަކީ ދިވެހި ރައްޔިތުންގެ އިޖްތިމާއީ ފޭރާން ވީދާ ތަނަކަށް ވެގެން ނުވާނެ ކަމަށާ އަދި އެ ފުރުސަތު މަޖިލީހުގެ ރިޔާސަތުން ދީގެން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"...އެކަމަކު ލަނޑަޔާ ވާނީ ލަނޑަޔާ،" މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އިޝާރާތް ކުރައްވާ ޝަރީފް ވިދާޅުވިއެވެ.